ބޭރު ކުޅިވަރު

ވެސްޓް އިންޑީސް ބަލިކޮށް އަޔަލޭންޑް ފެށުން ރަނގަޅުކޮށްފި

އޮސްޓްރޭލިއާ އާއި ނިއު ޒިލޭންޑްގައި މިހާރު ކުރިއަށް އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ގުރޫޕް ބީގައި  ވެސްޓް އިންޑީސް އަތުން ހައިރާންކުރެވުނު ގޮތަކަށް އަޔަލޭންޑް ހަތަރު ވިކެޓުން މޮޅުވެއްޖެ އެވެ.

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ކުރިން ދެ ފަހަރު ހޯދައިފައިވާ ވެސްޓް އިންޑީސް އިން ފުރަަތަމަ ކުޅެންއަރައި 50 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް 304 ލަނޑު ހެދި އެވެ. ވެސްޓް އިންޑީސްގެ ލެންޑެލް ސިމަންސް 102 ލަނޑު ހެދިއިރު، ޑެރަން ސެމީ ވަނީ ވަނީ 89 ލަނޑު ހަދައިފަ އެވެ.

އަޔަލޭންޑް އިން މެޗު ކާމިޔާބުކުރީ 45.5 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް 307 ލަނޑު ހަދައިގެނެވެ. އަޔަލޭންޑްގެ ޕޯލް ސްޓާލިން 92 ލަނޑު ހެދިއިރު، އެޑް ޖޮއިސް 84 ލަނޑު ހެދި އެވެ. އަދި ނަޔަލް އޯބްރައިޔަން ވަނީ ނުބައިނުވެ 79 ލަނޑު ހަދައިފަ އެވެ.

މި މުބާރާތުގެ ކުރިން ކުޅުނު ވޯލްޑް ވޯމަޕް މެޗެއްގައި ތަފާތު ބޮޑުކޮށް ބަލިިވި ވެސްޓް އިންޑީސް ޓީމުން ކިއެރަން ޕޮލާޑާއި ޑްވޭން ބްރާވޯ ބޭރު ކުރުމުގެ ޓީމުގެ ތެރޭގައި މައްސަލަ އުފެދިފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

ދެހާސް ހަތް ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕާކިސްތާން އަދި 2011 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ބަލިކުރި އަޔަލޭންޑް ވަނީ 2007 ވަނަ އަހަރު ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ދުނިޔޭގެ ރޭންކިންގެ 11 ވަނައިގައި އޮތް އަޔަލޭންޑަށް މި ގުރޫޕްގައި ދެން އޮތީ ޔޫއޭއީ އާއި އިންޑިއާ އާއި ޕާކިސްތާނާއި ޒިމްބާބްވޭ އަދި ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗެވެ. ކުއާޓާ ފައިނަލްގެ ޖާގަ ލިބޭނީ ގުރޫޕްގެ ގަދަ ހަތަރު ޓީމަށެވެ. -- ބީބީސީ