ބޮލީވުޑް

އަރްބާޒް އާއި މަލައިކާ އަލުން ގުޅުނީ!؟

Jul 8, 2016
1

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ އަރްބާޒް ޚާން އާއި އަންހެނުން މަލައިކާ އަރޯރާ ޚާންއާ ދެމެދު މައްސަލަތަކެއް ޖެހި އެ ދެ މީހުންގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސްފައިވަނީ މީގެ ތިން މަހެއްހާ ކުރިންނެވެ.

މި ދެ މީހުން ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ އެ ދެމީހުން ވަރިވެފައިވާ ކަމަށާއި ދެމީހުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލަތައް ހައްލު ކުރުމަށް ބްރޭކެއް ނެގީ ކަމަށާއި ދެމީހުން ވަކިވުމުގެ ފަހަތުގައި ދެމީހުންގެ ދޭތެރެއަށް ތިން ވަނަ މީހެއް ވަންކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.

އަރްބާޒް އާއި މަލައިކާގެ ދެމެދުގައި އެންމެ ފުރަތަމަ މައްސަލަޖެހިގެން އުޅޭކަމުގެ އަޑުތައް އެރި ދުވަސްކޮޅުގައި މަލައިކާ ވަނީ ދެމީހުން އެކުގައި އާއިލާ އާއެކު ދިރިއުޅުމުން އައި ގެއިން ނިކުމެގެން ދަރިފުޅާއެކު ވަކިން ދިރިއުޅެން ފަށާފަ އެވެ.

ކައިވެނީގައި ޖެހުނު މައްސަލަތަކެއް ހައްލު ނުކުރެވި މިދެމީހުން ވަކިވެފައިވީ ނަމަވެސް އަލުން މިވަނީ އެމީހުންގެ ގުޅުމަށް އިތުރު ފުރުސަތެއް ދޭން ނިންމާފަ އެވެ. ދެމީހުންގެ ދެމެދުގައި ޖެހިގެން އުޅުނު މައްސަލަ ހައްލުވެ ގުޅުން މިހާރު ރަނގަޅުވެފައިވާއިރު މިފަހަކަށް އައިސް ދެމީހުން އެކުގައި ފެންނަލެއް ވެސް ވަނީ ގިނަވެފަ އެވެ. އެގޮތުން މިފަހުން އަރްބާޒް އާއި މަލައިކާ، ދަރިފުޅާއެކު ރެސްޓޯރަންޓަކުން ނުކުންނަނިކޮށް ވެސް ވަނީ ފެނިފަ އެވެ.

މީގެ އިތުރުން ދެމީހުން އަލުން ގުޅުނު ކަމުގެ އަޑުތައް އަރާފައި މިވަނީ އަރްބާޒްގެ އާއިލާއިން އިއްޔެ އީދު ފާހަގަ ކުރުމުގެ ތެރޭގައި އާއިލާގެ މެމްބަރުންނާއެކު ނަގާފައިވާ ފޮޓޯއެއްގައި މަލައިކާ އިނުމުންނެވެ.

އަރްބާޒް އާއި މަލައިކާ ވަނީ އެދެމީހުން ވަކިވާން ނިންމިކަން އިއުލާން ކުރަމުން ވެސް ދެމީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް އެމީހުން ބްރޭކެއް ނެގީ ކަމަށް ބުނެފަ އެވެ. މިދެމީހުންގެ މެދުގައި މައްސަލަޖެހި ވަކިވާން އުޅުމުން ދެފަރާތުގެ އާއިލާއިން ވަނީ އެދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލުކުރުމަށް ވަރަށް މަސައްކަތްކޮށްފަ އެވެ. ވަކިން ހާއްސަކޮށް އަރްބާޒްގެ ބޭބެ ސަލްމާން ޚާން ވަނީ މިދެމީހުން ސުލްހަވޭތޯ ވަރަށް މަސައްކަތްކޮށްފަ އެވެ.

މަލައިކާ އަރްބާޒްގެ އާއިލާ އާއެކު އީދު ފާހަގަކުރުމުން މިދެމީހުންގެ އާއިލާއިން ކުރި މައްސަކަތުން ދެމީހުންގެ ދެމެދުގައި ޖެހިފައި ހުރި މައްސަލަތައް ހައްލުކޮށް އަލުން ގުޅިގެން އުޅޭ ކަމަށް އަންނަނީ ބުނަމުންނެވެ.

އަރްބާޒް އާއި މަލައިކާއާ ދެމެދު މައްސަލަ ޖެހިގެން އުޅުނު ކަމުގެ އަޑުތައް އެރި އިރު މަލައިކާ ދުބާއީ އަށް ނިސްބަތްވާ ވިޔަފާރިވެރި އަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކަކާއި އެކްޓަރު އަރްޖުން ކަޕޫރާ މަލައިކާ ލޯބީގެ ގޮތުން ގުޅުނު ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފަ އެވެ.

މަލައިކާ އާއި އަރްބާޒް ކައިވެނިކޮށްފައިވަނީ 1998 ގަ އެވެ. އަށާރަ އަހަރުގެ ކައިވެންޏަށް ވަނީ 14 އަހަރުގެ ފިރިހެން ކުއްޖަކު ލިބިފަ އެވެ.