ޑެންގީ

ސަމާލުވޭ! އަދިވެސް ޑެންގީގެ ނުރައްކާ ކުޑައެއް ނުވޭ!

މިއަހަރުގެ މިހާތަނަށް ޑެންގިހުން ޖެހިގެން ހަތަރު މީހަކު މަރުވެފައިވާއިރު ރާއްޖޭގައި މިހާރު ގުނަމުން މިދަނީ އަނެއްކާވެސް ޑެންގީ ހުމުގެ ނުރައްކާ ބޮޑު ދުވަސްވަރެކެވެ. ޑެންގީއަށް ހުމަކަށްވި ނަމަވެސް ރައްކާތެރިވެ ލޯ ހުޅުވަންޖެހޭ ސަބަބަކީ ޑެންގީ ހުމުގެ ނުރައްކާތެރިކަން ބޮޑު ކަމާއި ޑެންގީ ހުމުގައި އެންމެ ރަނގަޅަށް ފަރުވާ ނުދެވި މީހުން މަރުވަމުންދާތީ އެވެ.

ޑެންގީ ހުމަކީ މަދިރިއެއްގެ ސަބަބުން ޖެހޭ ވޭން ގަދަ، އަދި ބަލި ޖެހުމުން މީހާގެ ހަށިގަނޑު ނިކަމެތިވެ ވަރު ދެރަކޮށްލާ ބައްޔެކެވެ. ޑެންގީ ޖައްސާ ވައިރަހަކީ ރީނދޫ ހުން ޖައްސާ ވައިރަހާ ވެސް އެއްގޮތް، އެއް އާއިލާއެއްގެ ވައިރަހެކެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 390 މިލިއަން މީހުންނަށް ޑެންގީގެ އިންފެކްޝަން ޖެހޭކަމަށް ދިރާސާތަކުން ދައްކާއިރު، މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަލި ޖެހެނީ ހޫނުގަދަ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށެވެ.

ޑެންގީ ހުން ފެތުރެނީ "އީޑީސް އިޖީޕްޓައި" ނަމަކަށް ކިޔާ އަންހެން މަދިރިއެއް، ލޭގައި ޑެންގީ ވައިރަސް ހިމެނޭ މީހެއްގެ ގައި ހެފުމަށްފަހު، އެހެން މީހެއްގެ ގައިގައި ހެފުމުން، އޭގެ ކުޅު އެމީހެއްގެ ލެއާ އެކުވެ، ކުޅުގައި އެކުލެވޭ ޑެންގީ ވައިރަސް އެ މީހެއްގެ ލޭގެ ތެރެއަށް ވާސިލްވުމުންނެވެ. އެއް ފަހަރަށް އީޑީސް މަދިރިއެއް އިންފެކްޓް ވެއްޖެ ނަމަ މަދިރި މަރުވުމާ ހަމަޔަށް އެ މަދިރީގައި ޑެންގީ ވައިރަސް ދިރިއުޅެއެވެ. އެހެންކަމުން ޑެންގީއަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މަދިރިން ފެތުރޭ ބައްޔެކެވެ.

ޑެންގީހުން ޖެހުމުން ފަސޭހައިން ދެނެގަނެވޭ އަލާމާތްތަކެއް ހުރެ އެވެ. އަލާމާތްތަކުން ސީދާ ޑޭންގީ ކަން ޔަގީކޮށް ދެނެނުގަނެވުނަސް އެއްގޮތް އަލާމާތްތަކެއް ފެންނަ ނަމަ މި ދުވަސްވަރު ޑޮކްޓަރަށް ދައްކާލުމަކީ ކޮންމެހެން މުހިއްމު، ރައްކާތެރިވުމުގެ ގޮތުން އެޅުން މުހިއްމު ފިޔަވަޅެކެވެ.

ޑެންގީގެ އަލާމާތްތައް ފެންނަން ފަށާނީ ބަލީގެ ޖަރާސީމު ލޭގެތެރެއަށް ވާސިލުވާތާ ހަތަރު ދުވަހާއި ދިހަ ދުވަހާ ދޭތެރޭގަ އެވެ. ×

ޑެންގީގެ އަލާމާތްތައް

ކުއްލިއަކަށް ގަދަ ހުމެއް ޖެހުން
ބޮލުގައި ގަދަޔަށް ރިއްސުން
ލޮލުގެ އެތެރެއަށް ތަދުވާހެން ހީވާފަދަ ރިހުމެއް ދެ ލޮލުގައި ހުރުން
ގައިގައި ރިއްސުމާއެކު ހުޅު ހުޅުގައި ރިއްސުން
ވަރުބަލިވުން، ރޯނާވުން
ހޮޑުލެވުން
ހަންގަނޑުން ތެތްކަން ކެނޑި ކުރަކިވުން
ހަށިގަނޑުގެ ބައެއް ގުނަވަންތަކުން ލޭގެ އަސަރު ފެނުން

ބައެއް ފަހަރަށް ޑެންގީގެ އަލާމާތްތައް އާދައިގެ ހުމުގެ އަލާމާތްތަކާ އަޅާކިޔަން އުނދަގޫވާ ފަހަރު އާދެއެވެ. މި މައްސަލައަކީ ސިއްހީ މަރުކަޒުތަކުން ވެސް ބައެއް ފަހަރަށް ދިމާވާ މައްސަލައެކެވެ. އެހެންކަމުން މާ ބޮޑަށް ޝައްކު ވާނަމަ އަމިއްލަޔަށް އެދިގެން ވެސް ޑެންގީއަށް ޓެސްޓު ކޮށްލުމަކީ މުހިއްމު ކަމެކެވެ. ޑެންގީ ހުމުގެ އެންމެ ނުރައްކާތެރި ވައްތަރަކީ ޑެންގީ ހެމޮރެޖިކް ފީވާ ނުވަތަ ލޭ ނާރުތަކާއި ލިމްޕް ނޯޑް (ކަރުގެ ދެފަރާތުގައި ހުންނަ ގޮށްތައް) ދުޅަވެ، ނުވަތަ ހަލާކުވުން އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ވައްތަރެވެ. މި ވައްތަރުގެ ޑެންގީ ހުން ޖެހުމުން ނޭފަތާއި ހިރުގަނޑުން ލޭ އައިސް މޭގަނޑުގެ ސައިޒް ހުންނަންޖެހޭ ވަރަށް ވުރެ ބޮޑުވާން މެދުވެރިވެ އެވެ. އަދި ނޭވާލުމުގެ ނިޒާމަށް ޝޮކެއް ލިބި ނިޒާމް ފެއިލްކޮށްލައެވެ. މި މަރުހަލާއަށް "ޑެންގީ ޝޮކް ސިންޑްރޯމް (ޑީއެސްއެސް) ކިޔަ އެވެ.

ޑެންގީ ހުމުގެ ނުރައްކާ އެންމެ ބޮޑީ ދެވަނަ ފަހަރަށް ހުން ޖެހިއްޖެ ނަމަ އެވެ. އަދި ދިފާއީ ނިޒާމް ބަލިކަށިވެ، ގިނައިން ބަލިތަކާ ގާތް މީހުނަށްވެސް މި ބަލީގެ ނުރައްކާ ބޮޑެވެ. އެހެންކަމުން މަދިރިން ސަލާމަތްވެ، ބަލިން ރައްކާތެރިވާން މަސައްކަތްކުރުން ބުއްދިވެރި އެވެ. ހަނދާންކުރާށެވެ. ޑެންގީހުމުން ރައްކާތެރިވާން އެޅޭނެ އެންމެ މުހިއްމު އަދި އެންމެ ރައްކާތެރި ފިޔަވަޅަކީވެސް މަދިރިން ސަލާމަތްވުމެވެ.