ހަނދާން ބަލިކަމުގައި ނުވަނީ ނަމަ މި ހުނަރުވެރިޔާ އަކީ ކާކުކަން ދެނެގަތުމަށް އެހާ އުނދަގުލެއް ނުވާނެ އެވެ. އޭނާ އެންމެ ފުރަތަމަ ސްޓާރަކަށް ނުވަތަ "ސެލެބްރިޓީ" އަކަށް ބަދަލުކޮށްލީ ޓީވީއެމްގެ މަޝްހޫރު ވެރައިޓީ ޝޯ، ހޭޔަންބޯ އިންނެވެ. ބޮޑު ޑްރަމް ސެޓަކާ އެކު ނުކުމެ އޭނާގެ ހުނަރުވެރިކަމުގެ އަޑު މުޅި ރާއްޖެ އަށް އިއްވާލީ އެވެ. އޭރު އޭނާ އަށް ވާނީ ގާތްގަނޑަކަށް ހަ އަހަރެވެ. ޑްރަމް ސެޓުން މައްޗަށް ބޮލެއް ވެސް ރަނގަޅަކަށް ނާރަ އެވެ.
އޭގެ ފަހުން 12 އަހަރުވީ އެވެ. އެ ދުވަހު ޑްރަމް ސެޓަކާ އެކު ރާއްޖެ ގުގުމާލި ހުނަރުވެރިޔާ މިހާރު ހުރި ގޮތަކީ މިއީ އެވެ. އުމުރުން 18 އަހަރުގައި، އޭނާ ވެގެން ދާނީ ޔަގީނަށް ވެސް ރާއްޖޭގައި ތިބި އެންމެ ކުޅަދާނަ ނުވަތަ އެންމެ ހުނަރުވެރި ޒުވާން ޑްރަމަރުންގެ ތެރެއިން އެކަކަށެވެ.
އަލީ ޒުލް އާރިފް ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން ކަމުގައި ވަނީ ނަމަ، ތޮއްތޮގެ ވާހަކަ އަށް މިއަށް ވުރެ ފަށުވި ފެށުމެއް ނެތެވެ. ހުނަރުވެރިކަމުގެ ވާހަކަ ދައްކައިކޮޅުން ނުލާނެތީ އެވެ.
އެކަމަކު ބައެއް ހުނަރުވެރިންނަކީ ގެއްލިފައި ތިބޭ މީހުންނެވެ. އަދި ވަކިން ހާއްސަކޮށް މިއުޒިކް ބޭންޑެއްގައި ޑްރަމް ޖަހަން އިންނަ މީހާ އަކީ ދިވެހިންގެ ލޮލަށް އެހާ އާންމުކޮށް ފެންނަ ހުނަރުވެރިއެއް ނޫނެވެ. ނަމަވެސް ތޮއްތޮ އަކީ އެ ސަގާފަތް ނުވަތަ ގަބޫލު ކުރުން ތަޅައި ކުދިކުދިކޮށްލާފައިވާ ޒުވާނެކެވެ. އޭނާގެ އަޑު، ޑްރަމް ސެޓަށް ވުރެން ވެސް ގަދައީ އެވެ.
ފުރަތަމަ ޑްރަމް ޖެހީ ކޯސްޓްކިރު ދަޅާއި މައިލޯ ދަޅުން
އޭނާ ފަށައިގަތް ގޮތަކީ މިއީ އެވެ. އެކަމަކު އެ ވާހަކައެއް ކިޔައިދިނުމަށް ތައާރަފްކޮށްދިނީ ހޮލީވުޑްގެ ނިކަން މަޝްހޫރު ފިލްމެކެވެ. އެ ފިލްމަކީ ޖެކް ބްލެކް ލީޑް ރޯލު ކުޅެފައިވާ "ސްކޫލް އޮފް ރޮކް" އެވެ. ތުއްތު ތުއްތު ތޮއްތޮގެ ފުރަތަމަ ޑްރަމްސް ފިލާވަޅަކަށްވީ މި މަޝްހޫރު ފިލްމެވެ. އަދި ޑްރަމްސް ޖަހަން ދަސްކުރަން އޭނާ ދިޔަ ސްކޫލަކަށް ވެސްވީ "ސްކޫލް އޮފް ރޮކް" އެވެ.
އެއީ އޭނާގެ ބައްޕަ އެއް ފަހަރަކު ބެންކޮކަށް ކުރި ދަތުރަކަށް ފަހު އެނބުރިއިރު ގެނެސްދިން ފިލްމެކެވެ.
"އެ ފިލްމުގައި އުޅޭ ފްރެޑީ ނަމަކަށް ކިޔާ ކެރެކްޓާ އަކީ އަސްލު ޑްރަމްސް ކުޅެން އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވި ސަބަބަކީ. މުޅި އޭގައި ވެސް އުޅޭ އެންމެ ކޫލް ކެރެކްޓާ އެއީ. އޭގައި އެ ކެރެކްޓާ ފެނިގެންދާނީ ޑްރަމްސްއިން،" އަވަސް ވީކެންޑްގެ ފޮޓޯޝޫޓަށް ފަހު ނެގި ބްރޭކްފާސްޓްގެ ތެރެއިން ހެމުން ހެމުން ޒުލް ބުންޏެވެ.
"އެ ހިސާބުން ފިލްމު ބެލުމަށް ފަހުން އަމިއްލަ އަށް ޑްރަމް ސެޓް ހަދައިގެން ކުޅެން ފެށީ. މައިލޯ ދަޅާއި ކޯސްޓަ ދަޅާއި ކުލަ ފަންސުރުން ޑްރަމް ސެޓް ހަދައިގެން އުޅުނީ. ދަޅު ޑްރަމް ސެޓް ހެދިއިރު ގޭގައި ހުންނަ ކޯސްޓް ކިރު ދަޅު ވެސް ގެއްލިދާނެ."
އެކަމަކު ބަދިގެއިން ނަގައިގެން ގެންދާ ކޯސްޓްކިރު ދަޅާއި މައިލޯ ދަޅުތައް އަނބުރާ ގެންދިއުމުން އޭނާގެ މި ޝައުގުވެރިކަމަކަށް ބޭސްކުރުމަށް އަސްލު ޑްރަމް ސެޓެއް ބޭނުންވެއްޖެ އެވެ.
"ދެން ބޮޑާހާކައިގެން އެންމެފަހުން ޑްރަމް ސެޓެއް ވެސް ހޯދައިފިން،" ޒުލް ކިޔައިދިނެވެ.
އެއަށް ފަހު ޖެހުނީ އޭނާގެ ހުނަރުވެރިކަމާ އެއްވަރަކަށް ޑްރަމް ސެޓް ވެސް މަޑުމަޑުން ތަރައްގީކުރަމުން ކުރިއަށްދާށެވެ. އެންމެ ފުރަތަމަ ގެނެސްދިން ޑްރަމް ސެޓް އާދައގެ ޑްރަމް ސެޓަކަށްވުމުން، ތަޅައިގަތީމަ އޭގެ ސިމްބަލްތަކާ އެއްޗެހި ވެސް ބަނޑިވެ ހަލާކުވެގެން ދިޔައީ އެވެ.
ޒުލް ބުނީ މިއުޒިކްގެ ތެރެއަށް ވަންނަ އެހެން ޒުވާނުން ފަދައިން ގިޓާ ނުވަތަ އެކަހަލަ އެހެން އިންސްޓްރުމެންޓަކަށް އޭނާ ޝައުގުވެރިނުވީ މަޑުން އިންނަ މީހަކަށް ވާން ބޭނުންނުވީމަ ކަމަށެވެ.
"އަތުން ހިފަހައްޓާލައިގެން ހުރެ މަޑުން ހުރެ ކުޅެލެވޭ ކަހަލަ އެއްޗަކަށް ގިޓާވީމަ އެހާ ކަމުނުދިޔައީ. ފަހަތުގައި އިށީނދެލައިގެން އިނދެ ހަނާ އަރުވާލެވޭ ކަހަލަ އެއްޗަކަށްވީމަ ބޮޑަށް ޑްރަމްސް ކުޅެން ފެށީ. އެގޮތަށް ކުޅެން ބޭނުންވަނީ ވެސް،" ޝައުގުވެރިކަމުގެ ވާހަކަ ކިޔައިދެމުން ގޮސް ޒުލް ބުންޏެވެ.
ޓީއެންޓީގެ ބޭނުމަކީ މެޓަލް މިއުޒިކްގެ އަޑު ކެނޑިޔަނުދިނުން
ޓީއެންޓީ އަކީ ޒުލް އާއި އޭނާގެ އެކުވެރިން މިހާރު ކުޅޭ ބޭންޑެވެ. މޮޑާން ރޮކް ނުވަތަ މެޓަލް ބޭންޑެކެވެ. އެކުވެރިންތަކަކާ އެކު މި ބޭންޑެއް އުފެއްދުމުގެ ކުރިން ޒުލް ޑްރަމަރެއްގެ ގޮތުގައި މާލޭގެ މިއުޒިކީ ތަސްވީރުގައި އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ "ތޮއްތޮ އެންޑް ދަ ގޭންގް" ގެ ނަމުން ނަން ކިޔައިގެން 2010 ވަނަ އަހަރާ ހަމަ އަށް މިއުޒިކް ކުޅުނު އޭނާގެ ވަރަށް "އާއިލީ" ބޭންޑަކުންނެވެ.
އޭގެ ފަހުން ޒުވާނުންގެ މެދުގައި މަގްބޫލަން ހޯދި ބޭންޑެއް ކަމުގައިވާ "ދަ ކްލޯވް" އިން ވެސް އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ފެނިގެން ގޮސްފައިވެ އެވެ. ފާހަގަކޮށްލަން ޖެހެނީ ރާއްޖޭގެ ނަން މަޝްހޫރު ލޯކަލް މިއުޒީޝަނުންނާ އެކު މި ބޭންޑްތަކުގައި ތޮއްތޮ އޭރު ޑްރަމް ޖަހަން އުޅުނުއިރު އޭނާ އަކީ ހަމަ ކުޑަކުއްޖެއް ކަމެވެ.
"އެ ބޭންޑްތަކުގައި އުޅޭނީ އުމުރުގެ ގޮތުން އަޅުގަނޑަށް ވުރެ ވަރަށް ބޮޑެތި މީހުން. އެމީހުންނާ އެކު އޭރު ސްރީ ލަންކާ އަށް ވެސް ދާނެ ކުޅެލަން. ސްކޫލްގައި އުޅެމުން ކިޔެވުން މެދުކަނޑާލާފައި ވެސް ހުންނާނެ އޭރު އެގޮތަށް ބޭންޑާ އެކު މިއުޒިކް ކުޅެން ގޮސްފައި. އާއިލާގެ ސަޕޯޓް އެކަމުގައި ވަރަށް ލިބޭ،" ޒުލް ބުންޏެވެ.
އޭނާ ބުނީ މިހާރު އުފައްދައިގެން އުޅޭ ބޭންޑް ޓީއެންޓީ އަކީ ހަގީގަތުގައި އެންމެ ކުޑައިރުއްސުރެން ފެށިގެން ރާއްޖޭގެ ލޯކަލް މިއުޒީޝަނުންގެ ތެރޭގައި އުޅެ ދަސްވި އެއްޗިއްސާއި ކުރެވުނު ތަޖުރިބާ އަލުން ކިޔައިދޭން ނުވަތަ މަރުވަމުންދާ މެޓަލް މިއުޒިކް އަލުން ކޮޅަށް ޖެހުން ކަމަށެވެ.
"ޓީއެންޓީ އުފެއްދީ މަރުވެފައި އޮތް މެޓަލް މިއުޒިކް ނަގައި އަލުން ދިރުވުމުގެ ބޭނުމުގައި،" ޒުލް ބުންޏެވެ.
"ކުޑައިރު އަޅުގަނޑަށް އެކްސްޕީރިއަންސްކުރެވުނު މިއުޒިކް ސީން އަހަރެންގެ ޖެނެރޭޝަންގެ ކުދިންނާ ހަމަ އަށް ގެނެސްދޭން އަސްލު ބޭނުންވަނީ. އެއީ އެންމެ ބޮޑު ބޭނުމަކީ."
ޑްރަމަރެއްގެ ގޮތުގައި ލީޑަރެއް، ފާޑުކިޔުމަށް ފަރުވާލެއް ނެތް
ވަރަށް ދެއްކުންތެރި ނުވަތަ ފޮނިބޮޑު ޑްރަމަރެއްގެ ގޮތުގައި ބައެއް މީހުން މި ޒުވާނާ ސިފަކުރެ އެވެ. އެހެން ބުނީމަ ތޮއްތޮ ހަމަ ހިނިގަނޑަށް ބިންދައިގެން ދިޔައީ އެވެ. އެއަށް ފަހު އޭނާ ބުނީ މިހެންނެވެ.
"އެއީ އެއްވެސް ވަރަކަށް މައްސަލައެއް ނޫން. ޑްރަމް ކުޅެން އަރަނީ ކީއްކުރަން. ޓް ޕަފޯމް. ފަޕޯމްކުރަނީ ކީއްކުރަން. ދައްކަން. ދައްކާއިރު ވީހާ ވެސް އެންޓަޓެއިން ގޮތަކަށް ދެއްކުން އޭގައި އެންމެ ރަނގަޅީ،" ޝޯ އޮފް ޑްރަމަރެއްގެ ގޮތުގައި ލޭބަލްކޮށް ބައެއް މީހުން ފާޑުކިޔަސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުނެ ތޮއްތޮ ބުންޏެވެ.
އޭނާ ބުނީ ޑްރަމް ޖެހިޔަސް ބޭންޑްގެ ފަހަތުގައި ގެއްލިފައި ހުންނަން އޭނާ ބޭނުންނުވާ ކަމަށާއި ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ވެސް އެހެންވެގެން ކަމަށެވެ.
"އަސްލު މީހުންނަށް ހީވަނީ ޑްރަމަރަކީ ފަހަތުގައޭ ހުންނާނީ ވަރަށް ބޭކާރު މީހެކޭ. އެކަމަކު އަޅުގަނޑަކީ ޑްރަމަރަކަށްވިޔަސް ލީޑަރެއްގެ ގޮތުގައި ކުޅެން ބޭނުންވާ މީހެއް. އާންމުކޮށް ޝޯތަކުގައި ކުޅެނީ ވެސް އެގޮތަށް،" ޒުލް ބުންޏެވެ.
ޒުލް ބުނީ ޑްރަމްސް ޖެހި ނަމަވެސް އޭނާ ދަނީ މި ދުވަސްކޮޅު ސޯލޯ ލަވަތަކެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ތިން މަހެއްހާ ދުވަސް ތެރޭގައި އަމިއްލަ ސޯލޯ ލަވަތަކެއް ރިކޯޑްކޮށްގެން ނެރެވޭނެ ކަމުގެ އުއްމީދުކުރާ ކަމަށް ބުންޏެވެ.
މަޝްހޫރުވާން ބޭނުމެއް ނޫން، މޮޑެލްކުރުން އެއީ އުފަލެއް
ކުޑައިރު ހޭޔަންބޯ އިން މަޝްހޫރުވުމަށް ފަހު ޒުލް ފުދޭވަރަކަށް ގިނަ ޓީވީ އިޝްތިހާރުތަކަކުން ވެސް ފެނިގެން ގޮސްފައި އެބަހުއްޓެވެ. އޭގެ އިތުރުން މިހާރު ވެސް ބައެއް އެޑްތަކުން އޭނާ އަކީ ފެންނަ މޫނެކެވެ. އަނެއްކޮޅުން ޒުލް އަކީ އަންހެން ކުދިންގެ މެދުގައި ވެސް ނުލާހިކު މަގްބޫލު މޫނަކަށްވުމުން އިޝްތިހާރުތަކާއި މޮޑެލްކުރުމުގެ ފުރުސަތު ވެސް ލިބޭކަން ފާހަގަކޮށްލެވެ އެވެ.
ނަމަވެސް އޭނާ ބުނީ އާއިލާގެ ވިޔަފާރީގެ ޕްރޮމޯޝަންތަކަށް ބޭނުންވާ އިޝްތިހާރުތަކުގައި ނޫނީ ވަރަށް ބައިވެރިނުވާ ކަމަށެވެ.
"ބައްޕަމެންގެ ވިޔަގާރީޣެ ޕްރޮޑަކްޓްސްތައް ޕްރޮމޯޓްކުރަން ވެސް އެޑެއް ހަދާއިރު އެޑް ކުޅެނީ. ކުޑައިރުއްސުރެން ވެސް އިޝްތިހާރުކުޅެ މޮޑެލް ކުރާތީ އާންމުވެފައި ހުންނަނީ. ކޮންމެހެން ވަރަށް ކުރާހިތަކުންނެއް ނޫން އެކަމަކު އެކަހަލަ މަސައްކަތްކުރުމަކީ އަޅުގަނޑަށް މައްސަލައެއް ނޫން،" ޒުލް ބުންޏެވެ.
"މިއީ ކޮންފިޑެންސް ވެސް ލިބޭ ކަމައް މިކަހަލަ ކަންތަކެއްގެ ތެރޭގައި އުޅުމަކީ."
މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު މޫނަކަށް މަޑުމަޑުން ޒުލް ބަދަލުވަމުން ދިޔަ ނަމަވެސް ރާއްޖޭގައި ޕްރޮފެޝަންއެއްގެ ގޮތުން މިއުޒިކް ކުޅުމަކީ އޭނާކުރަން ބޭނުންވާ ކަމެއް ނޫނެވެ.
"މާލޭގައި މިއުޒިކްގެ އެހާ ބޮޑު މުސްތަގުބަލެއް ނެތް. އެހެންވީމަ އެހާ ޝައުގުވެރިކަމެއް ނެތް މިއުޒިކް ކުޅޭކަށް ވެސް ރާއްޖޭގައި،" ރިސޯޓް މިއުޒިކަށް ވަގުތު ހުސްކުރެވެން ނެތް ކަމަށް ބުނެ ވާހަކަ ދައްކަމުން ޒުލް ކިޔައިދިނެވެ.
"ރާއްޖޭގައި އާޓިސްޓަކަށް ވުމަކީ ތެދުތެދަށް ބުނަނީ ނަމަ ބަދުނަސީބެއް. އެހެންވެ މިއުޒިކް މި އިންނަނީ ވެސް ޕެޝަންއެއްގެ ގޮތުގައި ބަހައްޓާފައި."
ޒުލް ބުނީ ދާއިރާއެއް އިހްތިޔާރުކުރާ ނަމަ އެ ދާއިރާއަކަށް މިއުޒިކް ނުވިޔަސް މިއުޒިކާ ދުރަށް ދިއުމުގެ ހިޔާލެއް ނެތް ކަމަށެވެ. އޭނާ މިހާރު ކިޔަވަމުން ދަނީ ބިޒްނަސް މެނޭޖުމަންޓްގެ ދާއިރާއިންނެވެ.
"އާއިލާ ތެރޭގައި ވެސް އެގޮތަށް އޮތީމަ ބިޒްނަސް އަށް ހިތްޖެހިފައި ހުންނަނީ. އެކަމަކު ބޭނުންވާ ކަމެއްކުރަން ފެމިލީން ސަޕޯޓްކުރާނެ އަބަދުވެސް އިފް އިޓް މޭކްސް ސެންސް. ސެންސް މޭކް ނުކުރާ ކަމެއް ކުރަން އުޅޭ ނަމަ އަބަދުވެސް ހަމަ މަގަށް އަޅުވާނެ،" ހިނިގަނޑާ އެކު ޒުލް ބުންޏެވެ.
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
- ވޯޑްރޯބް: ޗެޕްސް ރިޒާވް