ބޮލީވުޑް

ސަލްމާންގެ "ސުލްތާން" ބަލާފައި ވެސް އާމިރް ރޮއެފި

Jul 9, 2016
1

އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ސުޕަސްޓާ ސަލްމާން ޚާންގެ "ސުލްތާން" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. ރެކޯޑަކަށްފަހު ރެކޯޑެއް މުގުރަމުން އަންނަ މި ފިލްމު ބޮކްސް އޮފީސް ފަތަހަ ކުރަމުންދާއިރު މިފިލްމަށް އޮހޭ ތައުރީފުތައް ވެސް މަދެއް ނޫނެވެ.

ސަލްމާންގެ އެކުވެރި ބޮލީވުޑް ރަހުމަތްތެރިން ވެސް މި ފިލްމަށް ތައުރީފު ކުރަމުން އަންނައިރު ގާތް ރަހުމަތްތެރިޔާ އާމިރް ޚާންވެސް މިވަނީ މި ފިލްމު ބަލައި، ސަލްމާނަށް ތައުރީފު ބަންޑުން ކޮށްލާފަ އެވެ.

ސަލްމާނާއި މިފިލްމަށް ތައުރީފު ކުރަމުން އާމިރް ވާހަކަ ދައްކާފައިވާއިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ގޮސްފައިވަނީ އަނެއްކާ ވެސް އާމިރް އަށް "ސުލްތާން" ބަލާފައި ވެސް ވަރަށް ގަދަ އަށް ރޮވުނު ކަމަށް ބުނެވުމުންނެވެ. ސަލްމާންގެ މިދިޔަ އަހަރު ނިކުތް "ބަޖްރަންގީ ބައިޖާން" ބަލާފައި ވެސް ސިނަމާއިން އާމިރް ނުކުމެފައިވަނީ ބޮޑު ތުވާއްޔަކުން ކަރުނަ ފޮހެމުންނެވެ.. އޭގެ ފަހުން ރިލީޒްވި ކަންގަނާ ރަނާވަތު އާއި އިމްރާން ޚާންގެ "ކައްޓީ ބައްޓީ" ބަލާފައި އާމިރް ސިނަމާއިން ކަރުނަ ފޮހެމުން ނިކުމެފައިވާތީ އެކަން ވަނީ ބޮޑު ޖޯކަކަށް ވެގެން ގޮސްފަ އެވެ.

"ސުލްތާން" ބެލުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އާމިރް ވަނީ މިފިލްމަކީ ވަރަށް މޮޅު ފިލްމެއް ކަމަށާއި އޭނާގެ "ޕީކޭ" ގެ ރެކޯޑް ވެސް މިފިލްމުން މުގުރާލާނެ ކަމަށް ބުނެފަ އެވެ. އަދި އާމިރް ވަނީ "ބަޖަރަންގީ ބައިޖާން" އާއި މި ފިލްމަކީ ތަފާތު ފިލްމެއް ކަމަށާއި ދެފިލްމުގެ ޒާތުގައި ދެ ފިލްމު ވެސް ތަފާތު ކަމަށާއި އެ ދެފިލްމު އަޅުވާ ކިޔަން ބޭނުންނުވާ ކަމަށް ވެސް ބުނެފަ އެވެ.

"މިފިލްމަކީ ތަފާތު މޮޅު ފިލްމެއް. އިންޓަވަލްގެ ފަހުގައި މިފިލްމު ބަލާފައި ވަރަށް ރޮވުނު. މިއީ ވަރަށް އިންސްޕަޔަރިން ފިލްމެއް،" އާމިރް ބުނެފައިވެ އެވެ.

މިފަހަކަށް އައިސް އާމިރް ގިނަ ފިލްމުތަކެއް ބަލާފައި ރޮވޭތީ އޭނާ އަށް ސޯޝަލް މީޑިއާގައި ޖޯކު ޖަހަމުން އަންނައިރު "ސުލްތާން" ބަލާފައި އާމިރަށް ރޮވުނީ ހަގީގަތުގައި ވެސް އެ ފިލްމު އަސަރުގަދަ ކަމުންތޯ ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ "ކައްޓީ ބައްޓީ" ބަލާފައި ބޮޑު ތުވާޔެއް ހިފައިގެން ރޮމުން އާމިރް ސިނަމާއިން ނިކުތް އިރު އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ. އެހެންކަމުން އާމިރަށް ސޯޝަލް މީޑިއާގައި ޖޯކު ޖަހަމުން އަންނަ ބައެއް ފަރާތްތަކުން ވަނީ ފިރިހެނުންނަކީ އާންމުކޮށް ކުދި ކަންތައްތަަކާ މާގަދައަށް ރޮއެ ހަދާ ބައެއް ނޫން ނަމަވެސް އާމިރް އަކީ ރުއިމުގައި އާދަޔާ ހިލާފު މީހެއް ކަމަށެވެ.

ސަލްމާން އާއެކު 1994 ވަނަ އަހަރު ނިކުތް "އަންދާޒް އަޕްނާ އަޕްނާ" އިން ފެނިގެން ގޮސްފައިވާ އާމިރް ވަނީ "ސުލްތާން" ބެލުމަށްފަހު ސަލްމާނަށް މަރުހަބާ ކިޔައި މެސެޖެއް ވެސް ފޮނުވާފަ އެވެ. އާމިރްގެ މެސެޖުގައި ސަލްމާނަށް ހުރިހާ ކާމިޔާބެއް ހައްގު ކަމަށާއި "ސުލްތާން" ހުރިހާ ރެކޯޑެއް މުގުރާލާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސަލްމާންގެ "ސުލްތާން" އަށް އާމިރް ތައުރީފު ކުރަމުން އަންނައިރު، އާމިރް ރެސްލިންތެޅުންތެރިޔާ މަހާވީރް ޕޯގަތްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު މި ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒްވާނެ އެވެ. އެ ފިލްމުގައި އާމިރްވެސް ފެނިގެންދާނީ ރެސްލިންތެޅުންތެރިއެއްގެ ރޯލުންންވެ.