އެމެރިކާގެ ތާރީހްގައި އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަމަލާއަކީ 2001 ވަނަ އަހަރު ސެޕްޓްމެބަރު 11 ވަނަ ދުވަހު ނިއުޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓް ހަމަލާއެވެ. އެމެރިކާ އިތުރުން މުޅި ދުނިޔެ ވެސް އެ ހަމަލާގެ ސަބަބުން ސިހިގެންދިޔަ އެވެ.
އެ ހާދިސާއަށް ފަހު، އިއްޔެ ވަނީ އެމެރިކާގައި އަނެއްކާވެސް ސިހިގެންދާވަރުގެ ހަމަލާއެއް ވަނީ ދީފައެވެ. އެމެރިކާގެ ޓެކްސަސްގެ އުތުރުގައި އޮންނަ ޑަލަސް ސިޓީގައި ބަޑި ޖަހައި ފަސް ފުލުހަކު މަރާލައި ހަތް މީހަކު ޒަހަމްކޮށްލާފަ އެވެ. އެ ހަމަލާއަށް ފަހު އެމެރިކާއަށް ކުއްލި ސިހުމެއް ލިބިގެންދިޔަ އެވެ. މިއީ ސެޕްޓެމްބަރު 11 ގެ ހަމަލާއަށް ފަހު އެއް ހަމަލާއެއްގައި އެމެރިކާގެ އެންމެ ގިނަ ފުލުހުން މަރުވި އެއް ހާދިސާއެވެ.
އެމެރިކާއަށް ހަމަލާ ދިން ދަނޑިވަޅަކީ، އައިއެސް ގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގުރޫޕުން، ތުރުކީއަށާއި މަދީނާއަށާއި ބަންގާޅުގެ އިތުރުން އިރާގަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެކެވެ. އެހެންވެ ޑަލަސްގެ މަރުގެ ހާދިސާވެސް ގިނަ ބަޔަކު ފުރަތަމަ ހީކުރީ އައިއެސްއިން ރޭވިގެން ދިން ހަމަލާއެއް ކަމަށެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލާއާ ހިލާފަށް، މިފަހަރުގެ ހަމަލާ އައީ އެމެރިކާއިން ބޭރަކުން ނޫނެވެ. ޑަލަސްގައި ބަޑި ޖެހުމުގެ ހަމަލާ ދިނީ އެމެރިކާއަށް އުފަން އެމެރިކާގެ ރައްޔިތެކެވެ. މިޗޭ ޖާވިއާ ޖޯންސަން، 25 އެވެ.
ޖޯންސަންއަކީ އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އެމެރިކާގެ ލޯ އެންފޯސްމެންޓް ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ ޖޯންސަންއަކީ، އެމެރިކާއިން އަފުގާނިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބައިވެރިވެފައިވާ އޮފިސަރެއް ކަމަށެވެ.
ނޮވެމްބަރު 2013 އިން ޖުލައި 2014 އަށް، އޭނާވަނީ އަފްގާނިސްތާނުގައި އެމެރިކާ އަސްކަރީ ފައުޖުގައި ހަރަކާތްތެރިވެފައެވެ. އަދި އޭނާއަކީ އެމެރިކާގެ އަސްކަރިއްޔާގެ ރިޒާވް ފޯސްގައި މިދިޔަ އަހަރާ ހަމަޔަށް މަސައްކަތްކޮށްފައިވާ އޮފިސަރެކެވެ. މީގެ ކުރިން އެނޭގެ ކުށުގެ އެއްވެސް ރެކޯޑެއް ނެތެވެ. އަދި "ބްލެކް ލައިވްސް މޭޓާ" ޓަރަރިސްޓް ގުރުޕާއި ނުވަތަ އެއްވެސް ސިޔާސީ ޖަމާއަތަކާ ގުޅުން އޮންނަ ކަމުގެ އެއްވެސް ހެއްކެނެތެވެ.
ފުލުހުން ވަނީ ބޮމުގެ ރޮބަޓެއް ބޭނުންކޮށްގެން ޖޯންސަން މަރައިލައިފަ އެވެ. އަދި މިހާދިސާގައި ބައިވެރިވި އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"އަހަރެމެންގެ ހިތް ހަލާކުވެއްޖެ. އަހަރެމެންގެ ސިޓީއަށް މި ދިން ހަމަލާ ނުރައްކާތެރިކަން ސިފަ ކުރާނެ ގޮތެއް އަހަންނަކަށް ނޭންގެ" ޑަލަސްގެ ފުލުހުންގެ ޗީފް ޑޭވިޑް އޯ ބްރައުން ވިދާޅުވިއެވެ.
ދެ ނަސްލުގެ ދެމެދުގައި ބަދަލު ހިފުމުގެ ހަމަލާއެއް
އެމެރިކާގައި ދޮން ނަސްލުގެ ފުލުހުން ނިކުމެ ކަޅު ނަސްލުގެ މީހުން މެރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމަކެވެ. މިދިޔަ ހަފުތާގައި ވެސް ދޮން ނަސްލުގެ ފުލުސް އޮފިސަރަކު ވަނީ ކަޅު ނަސްލުގެ މީހެއް ކަމަށްވާ އެލްޓޮން ސްޓާލިން 37، އަށް ބަޑިން ހަމަލާ ދީ މަރައިލައިފަ އެވެ.
މިދިޔަ ބުދަ ދުވަހު އެތައް ސަތޭކަ ބަޔަކު ވަނީ އެލްޓޮން މަރާލުމުން، އެމެރިކާގެ އޮތް ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް އަޑު އުފުލައި ކަޅު ނަސްލުގެ މީހުންގެ މައްޗަށް ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކޮށްފަ އެވެ. ޑަލަސްގެ ހަމަލާގައި މަރުވީ ވެސް ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހޯދުމަށް ކުރި މުޒާހަރާގެ ސަލަމާތީ ކަންކަން ބަލަހައްޓަން ތިބި ފުލހުންގެ ބައެކެވެ.
ޖޯންސަންއަކީ ވެސް ކަޅު ނަސްލުގެ މީހެކެވެ. އެ ހަމަލާ ރޭވުމުގެ ފެށުން އަންނަނީ، ދޮން ނަސްލުގެ ފުލުސް އޮފިސަރުން ނިކުމެ، ކަޅު ނަސްލުގެ މީހުންނަށް ބަޑިން ހަމަލާ ދީ މަރާލުމުގެ ކުންނާ ހިސާބުންނެވެ. ޖޯންސަން ނިކުތީ ބަދަލު ހިފުމަށެވެ. އޭނާ ހަމަލާގެ ސަބަބުން މަރުވި މީހުންނަކީ ދޮން ނަސްލުގެ ފުލުސް އޮފިސަރުންނެވެ.
ބަޑިން ހަމަލާދިން މީހުންނާ ފުލުހުންނާ ދެމެދު ކުރެވުނު މުއާމަލާތްތަކުން އެންގުނީ، އެ ހަމަލާ ދިނުމުގެ ސަބަބަކަށްވީ ދޮން ނަސްލުގެ ފުލުހުން ކަލު ނަސްލުގެ މީހުން މެރުމެވެ.
"އޭނާ ބުނެފައިވޭ ފުލުހުން ބަޑި ޖެހުމުގެ ހާދިސާއާ މެދު ކަންބޮޑުވާ ވާހަކަ. އޭނާ ދޮން މީހުންނާ މެދު ކަންބޮޑުވާ ވާހަކަ. އަދި އޭނާ ބުނެފަވޭ ދޮން މީހުން މަރަން، ހާއްސަކޮށް ދޮން ނަސްލުގެ ފުލުސް އޮފިސަރުން މަރަން ބޭނުންވާ ކަމަށް،" ބްރައުން ވިދާޅުވިއެވެ.
ބްރައުން ވިދާޅުވީ އެމެރިކާގައި ނަސްލީ އިމްތިޔާޒު ނިމުމަކަށް އަންނަންޖެހޭ ކަމަށެވެ:
"އަހަންނަށް އެނގޭ އެއްޗަކީ މިކަން ނިމުމަކަށް އަންނަން ޖެހޭ ކަން. އެމެރިކާގެ ފުލުހުންނާ ރައްޔިތުންނާ ދެމެދު އޮތް ބައިބައިވުން ނިމުމަކަށް ގެނެސް، ފުލުހުންނާ ރައްޔިތުންނާ ދެމެދު އިތުބާރު އަންނަން ޖެހޭ ކަން"
މިހަމާލާ ދެވުނު އިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހުންނެވީ އުތުރު އެޓްލާންޓިކް އަސްކަރީ ކޯލިޝަން ނުވަތަ (ނޭޓޯ) ގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޕޮލެންޑްގަ އެވެ. ސަމިޓްގެ ހަވާސާގައި މީޑިއާއާ ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އެ ހަމަލާއަކީ އެންމެ ނުރައްކާތެރި ދަރަޖައިގެ ހަމަލާއެއް ކަމަށެވެ. އަދި އެއީ އެމެރިކާގެ ގާނޫނު ތަންފީޒު ކުރާ ދާއިރާއަށް ކަރިމަތިވި ބޮޑު ހުރަހެއް ކަމަށެވެ.
"އަހަރެން ގަބޫލު ކުރަނީ އަހަރެން މި ވާހަކަ ދައްކަނީ އެމެރިކާގެ ކޮންމެ ރައްޔިތަކާ ކަން، އަހަރެމެން މިތިބީ މިހާދިސާގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައި. އަހަރެމެން މިތިބީ އެމެރިކާގެ ރައްޔިތުންނާއެކު ޑަލަސްގެ ފުލުހުންނާ އެކު" އޮބާމާ ވިދާޅުވިއެވެ.
މީގެ އިތުރުން އޮބަމާ ވަނީ ޑަލަސްގެ މޭޔަރު މައިކް ރޯލިންގްސްއަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައެވެ.