ބޮލީވުޑް

"ޑްރެގަން"ގެ ސުޕަހީރޯ ރޯލަށް ރަންބީރު ތައްޔާރުވަނީ

Jul 9, 2016

އެކްޓަރު ރަންބީރު ކަޕޫރު ސުޕަ ހީރޯއެއްގެ ރޯލުން ފެނިގެންދާ "ޑްރެގަން" ގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ.

ޑައިރެކްޓަރު އަޔާން މުކަރްޖީގެ މި ފިލްމުގައި ރަންބީރު ކުޅޭ ސުޕަހީރޯގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނާ ގެންދަނީ ބާލިންގައި މާޝަލް އާޓްސްއިން ތަމްރީނުތައް ހަދަމުންނެވެ. ދެ ހަފްތާއެއްހާ ދުވަސް ވަންދެން ރަންބީރު މާޝަލް އާޓްސްގެ ދެ ވައްތަރަތެއްގެ ޓްރެއިނިން ފިލާވަޅުތައް ނަގާނެ އެވެ. "ކަޕޮއިރާ" އާއި "މޫވްމެންޓް ކަލްޗާ" އަކީ އަދި މިހާތަނަށް ބޮލީވުޑްގެ އެކްޝަން ފިލްމަކުން ފެނިގެން ގޮސްފައިނުވާ ވައްތަރެއްގެ މާޝަލް އާޓްސް އެކެވެ. މިހާތަނަށް ބޮލީވުޑްގެ އެއްވެސް އެކްޓަރެއް ވެސް މިވައްތަރުގެ މާޝަލް އާޓްސް އެއްވެސް ފިލްމެއްގައި ކުޅެފައި ނުވާއިރު، އަޔާން އާއި ރަންބީރު ބޭނުންވަނީ "ޑްރެގަން" ބެލުންތެރިން އާޝޯހުވާނެ ވަރުގެ މޮޅު އެކްޝަން ފިލްމަކަށް ހަދާށެވެ.

އެގޮތުން މި ރޯލަށް ތައްޔާރުވުމަށް ރަންބީރު ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު ތިން މަސްދުވަހުގެ މި ޓްރެއިނިން ދެހަފްތާގެ ތެރޭގައި އޭނާ ނިންމާނެ އެވެ.

ރަންބީރާ އެކު މިފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ އާލިއާ ބަޓް އެވެ. މިދިޔަ ހަފްތާގެ ތެރޭގައި އާލިއާ ލަންޑަނަށް ޗުއްޓީ ހޭދަ ކޮށްލުމަށް ދިޔަ ދަތުރުގައި އޭނާ ވަނީ ރަންބީރާއި އަޔާންއާ ލަންޑަނުގައި ބައްދަލުކޮށްފަ އެވެ. އާލިއާ ރަންބީރާއި އަޔާން ބައްދަލުކޮށް ވަނީ އޭނާ މި ފިލްމުގެ ބަތަލާގެ ރޯލަށް ހަމަޖައްސާފަ އެވެ.

ދެހަފްތާގެ މާޝަލް އާޓްސް ޓްރެއިނިން ނިންމާލުމަށްފަހު ރަންބީރު އެނބުރި އިންޑިއާ އަށް އައިސް، "ޖައްގާ ޖާސޫސް" ގެ ނުނިމި ހުރި އެންމެފަހުގެ މަންޒަރުތައް ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފްއާ އެކު ނިންމާލާނެ އެވެ. އެ ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައި އަންނަ މަހުގެ ތެރޭގައި "ޑްރެގަން" ގެ ޝޫޓިން ރަންބީރު ފަށާނެ އެވެ.

ރަންބީރު މީގެކުރިން ވަނީ އަޔާން ޑައިރެކްޓްކުރި "ވޭކްއަޕް ސިދް" އާއި "ޔޭޖަވާނީ ހޭ ދިވާނީ" ގެ ލީޑްރޯލުން ފެނިގެން ގޮސްފަ އެވެ.