މިދިޔަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން 19 މީހަކު ހައްޔަރުކޮށްފި އެވެ. އެ މީހުންގެ ނަންތައް މިހާރުވަނީ އާންމުވެސް ކޮށްފަ އެވެ. މަދީނާ އާއި ގާތިފް އަދި ޖިއްދާ އަށް ދިން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ސައުދީއަށް ނިސްބަތްވާ ހަތް މީހުން އަދި ޕާކިސްތާނުގެ 12 މީހެކެވެ.
މިހާދިސާ ތަހުގީގް ކުރާ ޓީމުން ބުނީ މަދީނާގައި އަމިއްލަ އަށް މަރުވެގެން ހަމަލާދީފައިވަނީ އެ ގައުމަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ނައިރް މުސައްލަމް ހައްމާދް އަލް ނުޖައިދީ އަލް ބުލޫވީ ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
ގާތިފްގައި ހުންނަ މިސްކިތެއް ކައިރީ ބޮން ގޮއްވާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވަނީ އަބްދުލް ރަހްމާން ސޯލިހް މުހައްމަދު އަލް އާމިރު، 23، އިބްރާހިމް ސޯލިހް އަލް އާމިރު، 20 އަދި އަބްދުލް ކަރީމް އިބްރާހިމް މުހައްމަދު އަލް ހަސްނީ، 20 އެވެ. މި މީހުންނަކީ ކޮން ގައުމެއްގެ ބައެއްކަން އަދި ކަށަވަރުނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސަލާމަތީ ބާރުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ބޮން ގޮއްވާލި ސަރަހައްދުން ފެނިފައިވާ ސާމްޕަލްތައް މިހާރު ތަހްގީގް ކުރަމުންދާއިރު އެތަކެއްޗަކީ ނުރައްކާތެރި ގޮވާޒާތުގެ އެއްޗެހިތަކެއް ކަމަށް ކަމަށެވެ. ޖިއްދާއިން ފެނިފައިވަނީވެސް އެ ޒާތުގެ ތަކެތި ކަމަށްވެ އެވެ.
ޖާނުން ފިދާވެގެން ދިން މި ތިން ހަމަލާގައި ހަތަރު ފުލުހެއް މަރުވެ އިތުރު ނުވަ މީހަކުވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރޭގައި މިސްކިތްތަކުގައި ނަމާދުކުރަން ހުރި އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައެއް ނުވެ އެވެ. މިހަމަލާ ދީފައިވަނީ ރޯދަވީއްލަން ތައްޔާރުވަމުން ދިޔަ ވަގުތުގަ އެވެ.
ޖިްދާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީގައި ޖާނުން ފިދާވެގެން ހަމަލާދީފައިވޏި ގުލްޒާރް ހާން ނަމަކަށްކިޔާ ޕާކިސްތާނު މީހެއް ކަމަށްވެ އެވެ. އޭނާ އަކީ މީގެ 12 އަހަރުކުރިން އާއިލާ އާއެކު ސައުދީއަށް ބަދަލުވެ ޕްރައިވެޓް ޑްރައިވަރެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިހާދިސާ މިހާރު ތަހްގީގް ކުރަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.