ފިނިޕޭޖް

ޓީވީ ތަރި ދިވްޔަންކާ އާއި ވިވެކް ކައިވެނިކޮށްފި

Jul 9, 2016

ޓީވީގެ އެންމެ މަގުބޫލު އެއް މޫނު އަދި ސްޓާ ޕްލަސްގެ "ޔޭހޭ މޮހައްބަތޭން" ގެ ލީޑްބަތަލާ ދިވްޔަންކާ ޓްރިޕާތީ އާއި އެޝޯގައި ފުހުލެއްގެ ރޯލުން ފެނިގެންދިޔަ ވިވެކް ދާހިޔާ ކައިވެނިކޮށްފި އެވެ.

ދިވްޔަންކާގެ އުފަން ރަށް ކަމަށްވާ ބޯޕާލްގައި ކައިވެނީގެ ރަސްމިއްޔާތު އިއްޔެ ކުރިއަށް ގޮސްފައިވާއިރު، ދެފަރާތުގެ އާއިލާގެ އިތުރުން ޓީވީ އިންޑަސްޓްރީގެ މިދެތަރިންގެ ގާތް އެކުވެރިންވެސް ވަނީ ބައިވެރިވެފަ އެވެ. ކައިވެނީގެ އުފަލުގައި ދިވްޔަންކާ އާއި ވިވެކް ބާއްވާ ހާއްސަ ރިސެޕްޝަން މާދަމާ ރޭ ޗަންދިގަރްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެނބުރި މުމްބައި އަށް ގޮސް ޓީވީ އިންޑަސްޓްރީގެ ފަރާތްތަކާއި އެކުވެރިންނަށް ކުޑަ ޕާޓީއެއް ބޭއްވުމަށް ވެސް ދިވްޔަންކާ އާއި ވިވެކް ވަނީ ނިންމާފަ އެވެ.

ހިންދޫ ދީނުގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ ކައިވެނީގެ ރަސްމިއްޔާތަށް ދިވްޔަންކާ ލައިގެން ހުރީ ރަންކުލައިގެ މިނާތަކުން ޖަރީކުރެވިފައިވާ ރަތްކުލައިގެ ލެހެނގާ އެކެވެ.

ކައިވެނީގެ ރަސްމިއްޔާތުގެ ކުރިން ބާއްވާފައިވާ ހީނާ އެޅުމުގެ ރަސްމިއްޔާތާއި ރީނދޫލުމުގެ ރަސްމިއްޔާތުގެ ފޮޓޯތައްވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މިފޮޓޯތަކުގެ ތެރެއިން އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިގެން ގޮސްފައިވަނީ ދިވްޔަންކާގެ ހީނާ ރަސްމިއްޔާތުގެ ފޮޓޯތަކުގެ ތެރެއިން، އޭނާ އަތުގައި ހީނާ އަޅާފައިވާ ފޮޓޯތަކަށެވެ. ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން އަންހެން ކުއްޖާގެ އަތުގައި އަޅާ ހީނާ އަކީ އެކި ޑިޒައިންތަކަށް އަޅާ އެއްޗަކަށް ވީއިރު، ދިވްޔަންކާގެ އަތުގައި އަޅާފައިވާ ހީނާގައި، އޭނާގެ ދެ އަތްތިލައިގައި ވަނީ ދެމީހުންގެ ފޮޓޯއެއް ހީނާއިން ކުރަހާފަ އެވެ.

"ޔޭހޭ މޮހައްބާތޭން" ގެ ސެޓުން ދިމާވުމުގެ ކުރިން ވެސް އެކުވެރިކަން އޮތް ދިވްޔަންކާ އާއި ވިވެކްގެ ދެމެދުގައި ގާތްގުޅުމެއް އުފެދިފައިވަނީ އެޝޯގެ ތެރެއިންނެވެ. އެއަށްފަހު މިދެތަރިން ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ކައިވެނީގެ ކުރިން ދިވްޔަންކާ އާއި ވިވެކް ވަނީ ފެއަރީ ޓޭލްގެ ތީމަށް ފޮޓޯ ޝޫޓޭއް ބާއްވާފަ އެވެ. މިދެތަރިންގެ ކައިވެނީގެ ހުރިހާ ރަސްމިއްޔާތެއްވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް ފުރިހަމަ އަށް ކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެނގެ އެވެ.