ފިނިޕޭޖް

"ވިޝްކާ"ގެ ޓްރެއިލާ އާއި ލަވަ ލޯންޗު ކޮށްފި

"ވިޝްކާ" މި ފިލްމަށް ކުރާ އިންތިޒާރު މިހާރުވެސް ވަނީ ފެށިފަ އެވެ. ފިލްމުގެ ޓީޒާ ލޯންޗު ކުރުމާއެކު ފިލްމުގެ ޓްރެއިލާ އަށް ކުރަން ފެށި އިންތިޒާރު މިއަދު މިވަނީ ނިމުމަކަށް އައިސްފަ އެވެ. "ޔާރާ ޕްރޮޑަކްޝަން" ގެ މި ފިލްމުގެ ޓްރެއިލާ އަދި ފިލްމުގައި ހިމެނޭ ލިޕް ސިންގް ކުރާ ހަމައެކަނި ލަވަ ވެސް މިއަދު ވަނީ ލޯންޗު ކޮށްފަ އެވެ.

ސިމްބޮލިކް ރިކޯޑްސް އިން ވީޑިއޯކޮށްފައިވާ މިލަވަ "އާދޭ މިއަދު ދާން" އިން ވ. އަތޮޅުގެ ހިތްގައިމު މަންޒަރުތައް ފެނިގެންދެ އެވެ. އަބްދުލް ޣަނީ (ތޭރަވާ) ގެ ރާގަކަށް ހަދާފައިވާ މި ލަވަ ކިޔާފައިވަނީ ފިލްމުގެ ތަރި ރަވީ ފާރޫގް އަދި މަރިޔަމް ރިފްގާ އެވެ. "އާދޭ މިއަދު ދާން" މިލަވަ އަކީ މުހައްމަދު އާމިރުގެ ލަވަ އެކެވެ. މި ލަވައިން ފެނިގެންދަނީ އައިޝަތު ރިޝްމީ އަދި ރަވީ އެވެ.

ރިޝްމީ އަދި ރަވީ އެކުގައި ފެންނަ ފުރަތަމަ ފިލްމަށް މި ފިލްމުވާއިރު މި ފިލްމަކީ ކްރައިމް ޑްރާމާއެއް ގޮތަށް ފިޓްކޮށްފައިވާ ރާއްޖޭގެ މިހާރުގެ މުޖުތަމައުގައި ހުރި މައްސަލަތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

ރިޝްމީ، ސައީދު އަދި ރަވީ ފެނިގެންދާ މި ފިލްމާ ބެހޭގޮތުން ޕްރޮޑަކްޝަން ޓީމުން ބުނީ މި ފިލްމުގައި ރާއްޖޭގެ މިހާރުގެ މަސްރަހު ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށާއި ސިޔާސީ މަސްރަހާއި މާރާމާރީގެ މައްސަލަތަކަށް ވެސް އަލިއަޅުވާލާފައިވާނެ ކަމަށެވެ.

"މިއީ ވަރަށް ސެންސިޓިވް ތީމް އަކަށް ހަދާ ފިލްމެއް، ފުލުހުންނާ ވެސް ވަރަށް ބޮޑަށް ބައެއް ސީންތައް ވަރަށް ބޮޑަށް މަޝްވަރާކޮށްފައި ހެދީ. ފުލުހުންނާއި އެމްއެންޑީއެފް އަދި ރެޑްކްރެސެންޓުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ފަހަރުގައި އަޅުގަނޑުމެންނަށް މައްސަލައަކަށް ނުވެފައި، ފުލުހުންނަށްވެސް މައްސަލައަކަށް ނުވިޔަސް އާންމު ރައްޔިތު މީހާއަށް ވެދާނެ މައްސަލަ އަކަށް. އެހާވެސް ސެންސިޓިވް ތީމެއް މީ" ފިލްމާ ބެހޭގޮތުން ރަވީ ބުންޏެވެ."މި ފިލްމުގައި ވަޔޮލެންސް ފެނުނަސް އެއީ އެކަން ޕްރޮމޯޓް ކުރާކަށް ނޫން. މިތަނުގައި އޮތް ކަމެއް މިތަނުގައި ދައްކަންޏާ ދެއްކޭނީ،"

މިއީ އަބުދުﷲ ވިޝާމްގެ ވާހަކަ އަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނަނީ މިއީ މިހާތަނަށް ރާއްޖޭގައި ހަދާފައިވާ ފިލްމުތަކާއި އަޅާބަލާއިރު ތަފާތް ފިލްމަކަށް ވާނެ ކަމަށެވެ.

"ފިލްމުގެ ސިނެމެޓޮގްރަފީ ތަފާތުވާނެ، ވީޑިއޯގެ ކޮލިޓީވެސް ތަފާތުވާނެ،" ފިލްމުގެ ޓްރެއިލާ އަދި ލޯންޗުކުރުމަށްފަހު ފިލްމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ރިޝްމީ ބުންޏެވެ.

ފިލްމުގައި މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީފައިވެ އެވެ. އެގޮތުން ފިލްމުގެ ޓެކްނިކަލް ހުރިހާ ކަމެއްވެސް ކުރަނީ މަދޮޝިޕްގެ ފަރާތުނެނެވެ. މަދޮޝިޕުން ވަނީ މީގެކުރިން ވެސް ފިލްމީ ދާއިރާގައި ހަރަކާތްތެރިވެފަ އެވެ. ނަމަވެސް މިއީ ފީޗާ ފިލްމެއްގައި އެ ކުންފުނިން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. އަދި ފިލްމުގެ ސަޕޯޓިން ރޯލްތަކުން ވެސް އާ ކުދިން ފެންނައިރު ފިލްމުގެ ސްޓައިލިސްޓުންނާއި މޭކަޕް އާޓިސްޓުންގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުތް ފަރާތްތަކެއް ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެ އެވެ.

ފިލްމުގެ ޝޫޓިން ނިމި އެޑިޓިންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓުމަހުގެ ތެރޭގައި ޝްވެކް ސިނަމާގަ އެވެ.