ރާއްޖެ ކުޅިވަރު

ރާއްޖޭގެ ބާސްކެޓްގެ ކުރިމަގު ވަރަށް އުޖާލާ، މީ ފެށުމެއް: ގައުމީ ކޯޗް

Jul 9, 2016

ރާއްޖޭގައި ބާސްކެޓް ބޯޅައިގެ ކުރިމަގު ވަރަށް އުޖާލާ ކަމަށާއި ސަބާ ޒޯން ކޮލިފިކޭޝަންގެ ރިހި މެޑަލް ލިބުމަކީ ރާއްޖޭގެ ބާސްކެޓް ހަޔާތުގެ އާ ފެށުމެއް ކަމަށް ގައުމީ ބާސްކެޓް ޓީމްގެ ކޯޗް މާކޯ ޕިލޮލޮވިޗް ބުނެފި އެވެ.

ސަބާ ޒޯން ކޮލިފިކޭޝަންގެ ދެ ވަނަ ހޯދައި ރިހި މެޑަލްއާއެކު ގައުމީ ޓީމް މާލެ އައިސް އެއް ނަންބަރު ފާލަމުގައި ހުރެ މީޑިއާ ވާހަކަ ދައްކަމުން ކޯޗް ބުނީ ދިވެހި ޓީމުގައި ހުނަރުވެރި މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށެވެ. އެކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅު ފެންވަރުގެ ޓްރޭނިންތަކެއް ކަމަށާއި އެހެން ނަމަވެސް އެއް ރެއިން ބޮޑު ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

ކޯޗް ބުނީ ރޯދަ މަހު، ސަބާ ޒޯން ކޮލިފިކޭޝަނަށް ތައްޔާރުވާ ޖެހުމުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އުނދަގޫވި ކަމަށާއި، ނަމަވެސް ވަކި ސިސްޓަމަކަށް ޕްރެކްޓިސް ފައްތައިގެން ކުރިއަށް ގެންދެވި ހޯދުނު ކާމިޔާބާ މެދު ހިތް ހަމަޖެހޭ ކަމަށެވެ.

"މިއީ ވަރަށް ބުރަ މަސައްކަތުގެ ކާމިޔާބެއް. ރޯދަ މަހު ވަރަށް އުނދަގޫ، ކުޅުންތެރިންނަށް ރަނގަޅަކަށް ނުކެވޭނެ، ރަނގަޅަކަށް ނުއެއް ނިދޭނެ. ނަމަވެސް ރޯދަ މަހަށް ފައްތައިގެން ޕްރެކްޓިސް ސިސްޓަމެޓިކް ކޮށް ގެންގޮސްގެން ކުރިއަށް ގެންދެވުމުން ވަރަށް ބޮޑަށް ހިއް ހަމަޖޭ" ސާބިއާގެ ޕިލޮލޮވިޗް ބުންޏެވެ.

ކޯޗް ބުނީ އޭނާ ޓީމުގެ ހުރެޖެނަމަ އިސްކަން ދޭނީ މުޅި އަހަރަށް ބަހަލައިގެން ޕްރެކްޓިސް މެޗްތަކެއް ކުޅުމަށް އިސްކަން ދޭނެ ކަމަށާއި، މުބާރާތްތަކުގައި ކާމިޔާބު ލިބޭނީ އެފަދަ މެޗްތަކުގައި ރަނގަޅަށް ޕާފޯމް ކުރެވިގެން ކަމަށެވެ.

އޭނާގެ ކުރިއަށް ޕްލޭންއަކީ ކޮބައިތޯ ސުވަލުކުރުމުން ކޯޗް ބުނީ އޭނާއަށް އޮތީ ޓީމު އމްޕްރޫވް ކުރުން ކަމަށާއި، މެޑަލްއާ ހަމަޔަށް ދެވޭނީ ދެމެހެއްޓެނިވި ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ.