ޔޫރޯ 2016

ފްރާންސާއި ޕޯޗުގަލްގެ ފައިނަލް: ނަސީބަކަށް ނޫކުލަ ވެދާނެ!

ފަރަންސޭސީންނާއި ޕޯޗުގީޒުން އެއްބަޔަކު އަނެއް ބަޔަކަަށް ހެޔޮ އެދެމުން ޕެރިހުގެ ރަސްމީ ދަނޑަށް މިރޭ ނުކުންނައިރު ދެ ބައި މީހުންނަށް ވެސް ކާމިޔާބު ލިބިދާނެ ކަމަށް ކުރެވޭ ހީތައް ވަރަށް ގިނަ އެވެ. އެކަމަކު ޔޫރަޕުގެ އެންމެ ޝަރަފުވެރި ތާޖު ލިބި ގަތުމަށް ފައިނަލުގައި މިރޭ ދެ ބައިމީހުން ވާދަކުރާއިރު ކާމިޔާބު ލިބުން ގާތީ ފްރާންސަށް ކަމަށް ގިނަ ބަޔަކު ބުރަވާ ސަބަބުތަކެއް އެބަހުއްޓެވެެ. އެންމެ މުހިންމު ސަބަބަކީ ދެ ބައި މީހުން ވެސް އެމީހުންގެ މާޒީ އެވެ. ފްރާންސްގެ އަމިއްލަ ދަނޑުގައި ހޯދި ކާމިޔާބީގެ ހަނދާންތައް އާވެ އާވަމުންދާއިރު ބޮޑެތި މުބާރާތްތަކުގައި ޕޯޗުގީޒުން ކަރުނަ އެޅިތަން އަދިވެސް ގިނަ ބައެއްގެ ހަނދާނުގައި އެބަހުއްޓެވެ.

މިރޭގެ ފައިނަލަށް ނުކުންނައިރު "ލެސް ބްލޫސް" ގެ ވަނަން ދެވިފައިވާ ފްރާންސަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ބޮޑު މުބާރާތެއްގެ ފައިނަލުގައި ފުރިހަމަ ވަގުތުގައި އެމީހުން ބަލިވެފައި ނުވުމެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިވީ ހުދު ޖާޒީގައި ކުޅެގެންނެވެ. އެކަމަކު 1984 ގެ ޔޫރޯ އާއި 2000 ވަނަ އަހަރުގެ ޔޫރޯ އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އެމީހުން ކާމިޔާބު ކުރީ ރަތް ހާޖެހި ނޫ ޖާޒީގައި ތިބެގެންނެވެ. އެކަމަކު މި ފަހަރު ފްރާންސްގެ ރަސްމީ ނިޝާން ޖާޒީގައި ޖަހާފައިވަނީ ރަތުގެ ބަދަލުގައި ހުސް ހުދުންނެވެ. ކުރީ ފަހަރުތަކާ ހިލާފަށް ޖާޒީގެ މެދުން ދަމާލާފާއިވާ ރަތްކުލައި ބަންދުވެސް ވަނީ މުޅިން ނޫ ކޮށްލައިފަ އެވެ. މިހެންވެ ރަތަށްވުރެ ބޮޑަށް ފްރާންސްގެ ނަސީބު އޮތީ ނޫކުލައިގައި ކަމަށް އަނެއްކާވެސް ސާބިތުކޮށްދޭން ފްރާންސަށް މިއީ ރަނުގެ ފުރުސަތެކެވެ.

އަމިއްލަ ދަނޑުގައި ފްރާންސް 1984 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރީ މަޝްހޫރު މިޝޭލް ޕްލެޓިނީގެ ހިތްގައިމު ގޯލުތަކާއެކުގަ އެވެ. އޭގެ ފަހުން 1998 ގެ ވޯލްޑް ކަޕް މިރޭގެ މެޗު މިކުޅޭ ގައުމީ ސްޓޭޑިއަމުގައި ފްރާންސް ހޯދީ ވަރުގަދަ ބްރެޒިލް ރޮއްވާލައިފަ އެވެ. ކްލައުޑިއޯ ޓަފަރެލް ބަލަހައްޓަމުން ދިޔަ ބްރެޒިލްގެ ގޯލަށް ފައިނަލުގައި ޒައިނުއްދީން ޒިދާން ބޮލުން ޖެހި ހިތްގައިމު ދެ ގޯލަކީ ފުޓްބޯޅައިގެ މެދު އުޑުގައި އޭނާ ބަބުޅަން ފެށުމުގެ ހަގީގީ ހާދިސާ އެވެ.

އެފަދަ ކުޅުންތެރިއަކަށްވުމުގެ ފުރުސަތު މިރޭ ލިބިފައިވާ ފްރާންސްގެ ކުޅުންތެރިއަކީ އެންޓޯނިއޯ ގްރިއެޒްމަން އެވެ. މުބާރާތުގައި މިހާތަނަށް އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ. މިއީ ޕްލެޓިނީ އަށް ފަހު އެއް މުބާރާތެއްގައި ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ. ނަމަވެސް ޕްލެޓިނީގެ ނުވަ ލަނޑުގެ ރެކޯޑާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ވަނީ ހަމަހަމަކޮށްފަ އެވެ. މިރޭ ރޮނާލްޑޯ އަށް ގޯލެއް ނުޖެހިއްޖެނަމަ އެންމެ އަވަހަށް މިރެކޯޑް ފަހަނައަޅައި ދާނެ ކުޅުންތެރިއަކަށް ބެލެވިފައިވަނީ ވެސް ފްރާންސްގެ ހަތް ނަންބަރު ކުޅުންތެރިޔާ އެވެ.

މިރޭގެ ފައިނަަލް މެޗުގައި ލަނޑު ޖަހައިގެން ހަތެއް ހަމަކުރަން ގްރިއެޒްމަން ބޭނުންވާ ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ އޭނާގެ ޖާޒީ ނަންބަރަކީ ހަތެއް ކަމަށްވުމެވެ. ދެ ވަނަ ކަމަކީ ކޯޗު ޑިޑިއޭ ޑެޝޯން ވޯލްޑް ކަޕާއި ޔޫރޯ އުފުލާލީ ހަތް ނަންބަރު ޖާޒީގައި ކަމަށްވާތީވެ ކޯޗަށް ހަދިޔާއެއް ދިނުމެވެ. ތިން ވަނަ ކަމަކީ މިރޭ ލަނޑު ޖަހައިގެން އަބަދުގެ އަބަދަށް ޒިދާން ފަދަ ތަރިއަކަށްވުމެވެ.

ފްރާންސްގެ މިހުރިހާ އުއްމީދުތަކަކަށް ހުރަސް އަޅަން ޕޯޗުގަލް ނުކުންނައިރު އެމީހުންގެ މާޒީ ވަނީ ހިތާމައިން ފުރިފަ އެވެ. ބޮޑު މުބާރާތެއްގެ ފައިނަލުގައި ޕޯޗުގަލް މިހާތަނަށް ވާދަކުރީ އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ބޭއްވި ޔޫރޯގަ އެވެ. ލުއިސް ފީގޯ އާއި ޑެކޯ ފަދަ އެތައް ތަރިންނާއެކު ނުކުމެ ތަށި ބީވެގެންދިޔައީ އެ މުބާރާތުގައި މުޅި ދުނިޔެ ހައިރާންކޮށްލި ގްރީސް އަތުން ބަލިވެގެންނެވެ.

އެ ހަނދާންތައް އެންމެ ބޮޑަށް ހުންނާނެ ކުޅުންތެރިއަކީ ރޮނާލްޑޯ އެވެ. އުމުރުން 18 އަހަރުގައި އޭނާ އެފައިނަލުގައި ކުޅެނެވެ. އޭގެ 12 އަހަރު ފަހުން މިރޭގެ ފައިނަލަށް ނުކުންނައިރު މިއީ ގައުމީ ޖާޒީގައި ތައްޓެއް ހާސިލްކުރަން ރޮނާލްޑޯ އަށް ލިބޭނެ އެންމެ ފަހި ފުރުސަތަށްވުމަކީ ވަރަށް ގާތްކަމެކެވެ. ކުލަބު ލެވެލްގައި ރޮނާލްޑޯ ކިތަންމެ ކާމިޔާބު ނަމަވެސް ދުނިޔެ ދެކެފައިވާ ތަރިން ކަމަށްވާ ޕްލެޓިނީ އާއި ޒިދާން އަދި ޕެލޭ އާއި މަރަޑޯނާގެ އިތުރުން ބްރެޒިލްގެ ރޮނާލްޑޯ އާއި ސްޕޭނުގެ އަންދްރޭސް އިނިއެސްޓާ ފަދަ ކުޅުންތެރިންގެ ސަފުން ރޮނާލްޑޯ ބާކީ ވަނީ ގައުމީ ޓީމާއެކު ތައްޓެއް ހޯދިފައިނުވާތީ އެވެ.

މިހެންވެ މުބާރާތުގައި މިހާތަނަށް ތިން ގޯލު ޖަހާފައިވާ ރޮނާލްޑޯ ވެސް ބުނީ ޔޫރޯ 2004 އާ އަޅާބަލާއިރު އޭނާ މިހާރު މިހުރީ މާބޮޑަށް ވެސް ތަސައްރަފު ފުދިފައި ކަމަށާއި މާޒީގެ ހިތިހަނދާންތަކަށް މިރޭ ފަސްއަޅައި ރަނގަޅަށް ފޮރުވައިލެވިދާނެ ކަމަށެވެ. އެކަމަކު ފްރާންސް ކޮޅަށް ރޮނާލްޑޯ އަދި ގޯލެއް ނުޖަހަ އެވެ. މިއީ ވެސް އޭނާ އަށް އޮތް ޕްރެޝަރެކެވެ.

މުބާރާތުގައި މިހާތަނަށް ގިނަ މެޗުތައް ޕޯޗުގަލް ކުޅުނީ މަޑު ފެހި ކުލާގަ އެވެ. ނަމަވެސް މިރޭގެ ފައިނަލް މެޗަށް ޕޯޗުގަލް ނުކުންނާނީ އެމީހުންގެ ރަސްމީ ކުލަ ކަމަށްވާ ރަތް ޖާޒީގަ އެވެ. ރަތަކީ ނަފްސާނީ އިލްމުވެރިންނާއި ސައިކޮލްޖިސްޓުންގެ ނަޒަރުގައި ވެސް ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަ އެވެ. އެންމެ ނުފޫޒުގަދަ ކުލަ އެވެ. ގިނަ ފަހަރު ކާމިޔާބު ލިބިފައިވަނީ ވެސް ރަތްކުލާގައި ކުޅޭ ޓީމަކަށެވެ. އެކަމަކު ޖަރުމަނާއި އިޓަލީ އަދި ބްރެޒިލް ހޯދި ކާމިޔާބީތައް ކުލައިން ކިރާލުމުން ގައުމީ ޖާޒީގައި ރަތްކުލަގެ ނުފޫޒު ފަނޑުކޮށްދެ އެވެ.

އަނެއްކޮޅުން 1984 ވަނަ އަހަރުގެ ޔޫރޯ ފްރާންސް ކާމިޔާބު ކުރީ ވެސް ސެމީ ފައިނަލުގައި ޕޯޗުގަލް ބަލިކޮށްފައި ގޮހެެވެ. އަދި ފްރާންސް އަތުން ޕޯޗުގަލް ބޮޑު މުބާރާތެއްގައި މޮޅުވި ހަނދާން ހުރި މީހުންނަށްވުރެ ގިނައީ ވެސް އެހަނދާން ނެތް މީހުންނެވެ. މިހެންވެ މިރޭ އަނެއްކާ ވެސް ނޫލަ މުހިންމު ދައުރެއް އަދާކުރާނެކަމީ ތާރީހު ހެކިދެމުންދާ ކަމެކެވެ.