މޮނިކޮން އޯޑާ

ގޭންގުތައް ސައިޒުކޮށްލި މޮނިކޮން ވެސް ސައިޒްވީތަ؟

ގާނޫނު އެބައެއްގެ މައްޗައް ނުހިންގިދާ ގޭންގުތައް "ކޮއްޓަކަށްލައި" ބަންދުކުރުމުގެ ބަދަލުގައި ފިޔަކޮށާލައި ސައިޒަށް ކަނޑައިލި ހަތިޔާރަކީ ގާނޫގެ ތެރެއިން މޮނިކޮން އަމުރެވެ. އެއީ ހަމައެކަނި ފައިގައި ޓެގެއް އަޅުވައިގެނެއް ނޫނެވެ. ޓެގު އެޅުވުމަކީ މާ ކުރިންވެސް ރާއްޖޭގައި ކުރަމުން އައި ކަމެކެވެ.

ނަމަވެސް ގާނޫނުގެ ތެރެއިން ކުރިން ނުލިބި ހުރި ބާރުތައް އެއްކޮށްލައި ކޮންޓްރޯލްކޮށް މޮނިޓާ ކުރުމުގެ ބާރު ބޭނުންކޮށްގެނެވެ. އެއީ ދުނިޔޭގައި ބޮޑެތި "މާސްޓާ މައިންޑް ކްރިމިނަލް" ތައް ވެސް ކޮންޓްރޯލް ކުރާ ނިޒާމެކެވެ. ދުނިޔޭގައި ވެސް އެޕްލައި ކުރަން ފަށައިގެންފައިވާ އެންމެ އިތުބާރު ކުރެވޭ ނިޒާމެވެ.

ކުށުގެ ވެއްޓައި ދެކޮޅަށް ކުރާ ހަނގުރާމައިގައި މި ހަތިޔާރު ރާއްޖޭގައި ކުއްލިއަކަށް ވައްޓައިލީ މާލޭގައި އުޅޭ އެންމެ ނުރައްކައިތެރި ގޭންގުތަކުގެ ލީޑަރުންނާ ދިމާލަށެވެ. ނޭނގި ތިއްބާ ގާނޫނުގެ ތެރެއިން އެމީހުން ފިއްތާލެވި ބަސް އަހަން މަޖުބޫރުވި އެވެ. އެ ނޫން ގޮތެއް އެމީހުންނަކަށް ނެތެވެ. މޮނިކޮން އޯޑާ ނެރެން ފެށި ދުވަސްވަރު އެކްޓިވްވާ ހުރިހާ ގޭންގުތަކުގެ ލީޑަރުންނާ ދިމާއަށް އެ އަމުރު ދިޔައެވެ. ނަތީޖާއަކަށްވީ ގޭންގުތައް ހިމޭންވެލުމެވެ. ދުވަސްގަނޑެއް ވަންދެއް ގޭންގުތަކުގެ ބިރު ކެންޑި މަގުމަތި އަމާންވާން ވެސް ފެށިއެވެ. ހަލަބޮލިވާން މަސައްކަތް ކުރި މީހުންނަށް މޮނިކޮން އަމުރުގެ ދަށުން ޓެގް އެޅުވި އެވެ.

ގާނޫނުގެ ތެރެއިން ހޯމް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރެއް، އަދި ރާއްޖެއަށް މިހާރު ކޮންމެހެން ބޭނުންވެފައިވާ ބާރެއް ހޯމް މިނިސްޓަރުގެ ކިބައި ނެގި އެކަމަށް ކޮމެޓީއެއް އުފެދުނެވެ. މޮނިކޮންއާ ގުޅުވައި ތަފާތު ވާހަކަތައް ފެތުރުނެވެ. އެއާއެކު ދެން ފެނުނީ ހޯމް މިނިސްޓަރު ވެސް އިސްތިއުފާ ދެއްވި ތަނެވެ. މިހާރު އިވޭ ގޮތުން ޓެގް އަޅުވާފައި ތިބި މީހުން ބައިބަލާ އަށް ވެސް ވަނީ ދޫކޮށްފަ އެވެ.

ހޯމް މިނިސްޓަރުގެ މަގާމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވަޑައިގެންނެވުމަށްފަހު ވިދާޅުވި ގޮތުގައި މޮނިކޮންގެ ދަށުން ޓެގް އެޅުވުމައި ޓެގު ނެއްޓުމުގެ މަސައްކަތް ދެން ކުރާނީ ފުލުހުންނާއި ކަރެކްޝަނުންނެވެ. މިނިސްޓަރު އެހެން ވިދާޅުވިޔަސް އެއީ ސުވާލެކެވެ. ވަރަށް ތިލައިން އެންމެނަށް ވެސް ބަހުސްކޮށްލެވޭވަރުގެ ސުވާލެކެވެ.

"ކާކު ފައިގައި ކޮން އިރަކުތޯ ޓެގު އަޅުވާނީ މިކަންކަމަކީ އަޅުގަނޑު ނިންމާނެ ކަންކަމެއް ނޫން. އެކަން ނިންމާނީ ކަމާގުޅުންހުރި އިދާރާތަކުން. ފުލުހުންނާއި ކަރެކްޝަނަލް ސާވިސްއިން އެކަން ނިންމާނީ" ޒުހޫރު ވިދާޅުވިއެވެ. "އަޅުގަނޑަކަށް ނޭނގޭ ކުށްވެރިންނަކީ ކޮބައިކަމެއް. އެހެންވީމަ ޓެގު އަޅުވާނެ މީހުންނާއި އަޅުވާފައި ނައްޓަންވީ މީހުންވެސް އެނގޭނީ އެ ދެ މުއައްސަސާއަށް"

މޮނިކޮން އަމުރު ފަދަ ވަރުގަދަ ބާރެއް ދެ މުއައްސަސާތަކަށް އުސޫލެއް ނެތި ދޫކޮށްލުމުން އެ ބާރު ނަހަމުގޮތުގައި ބޭނުން ކުރެވުމަށް އޮތީ ކިހާ ފުރުސަތެއް ހެއްޔެވެ؟

މޮނިކޮން އަމުރުން ލިބޭނީ ކޮން ބާރުތަކެއް؟

ގޭންގުތައް ކޮންޓްރޯލް ކުރުމަށް މީގެ އެތަށް އަހަރުތެކެއް ކުރިންވެސް ފުލުހުން މަސައްކަތް ތަކެއް ކުރި އެވެ. ނަމަވެސް ހުރިހާ މަސައްކަތެއް ކާމިޔާބު ވިއެކޭ މިއަދަކު ބުނެވޭކަށެއް ނެތެވެ. މައިގަނޑު ސަބަބަކީ ގޭންގުތަކަށް ސީދާ އަމާޒުކޮށް ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ނެތުމެވެ.

ނަމަވެސް ހޯމް މިނިސްޓްރީ އިން ދިޔައީ މަޑުމަޑުން ތިބެގެން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ގަދަ ހިފުމަކުން ހިފަން ތައްޔާރުވަމުންނެވެ. އެގޮތުން ޓެރަރިޒަމް ކުށްތައް ހުއްޓުވުމައި ބެހޭ ގާނޫނުގެ ތެރެއަށް މޮނިޓާކޮށް ކޮންޓްރޯލް ކުރުމައި ބެހޭ ހާއްސަ އިޖުރާރުތަކުގެ ނަމުގައި އައު ބާބެއް ގެނެސް ގޭންގުތައް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ހުރިހާ ބާރުތަކެއް އެއްތަން ކުރި އެވެ.

މޮނިކޮން އަމުރުގެ ދަށުން މީހެއްގެ ފައިގައި ޓެގު އަޅުވައި އެމީހާ ހުރީ ގޭގައިކަން ނުނީ ކާފިއު ބައިޕާސްކޮށް އެހެން ތަނެއްގައިކަން ރިއަލް ޓައިމްގައި ދެނެގަނެވޭނެ އިރު ގަޑިއެއްގައި ގެއިން ބޭރަށް ނުނުކުތުމާއި ހަށިގަނޑުގައި އިލްކެޓްރޯނިކް ވަސީލަތެއް ހަރުކުރަން އެންގުން ފަދަ ބާރުތައް ލިބޭނެ އެވެ. އަދި އެމީހަކަށް ފައިސާ ލިބޭ ގޮތް ބެލުމާއި ބޭންކް ސްޓޭޓްމަންޓް ދޭން އެންގުމާއި ބޭނުން ގަޑިއެއްގައި ފޯނު ބެލުމާއި ކޯޓް އަމުރަކާ ނުލައި ބޭނުން އިރަކު ވަދެ ބަލައި ފާސް ކުރުމާއި މި ނޫނަސް ކްރިމިނަލެއްގެ ބާރުތައް ކަންޑުވާލެވޭނެ މިފަދަ ބައިވަރު ބާރުތައް ލިބެ އެވެ.

ފުލުހުންނައި ކަރެކްޝަނަށް މޮނިކޮން އަމުރު ނެރެވޭނެތަ؟

ފުލުހުންނާއި ކަރެކްޝަން، ދެ އިދާރާއަކަށް މިފަދަ ބޮޑު ބާރެއް ދޫކޮށްލައިގެން ތިބުމަކީ އެ ބާރު އެބިއުޒް ކުރުމަށް ލިބޭ ކިހާވަރެއްގެ ފުރުސަތެއް ހެއްޔެވެ؟ މޮނިކޮން ނިޒާމަކީ އެބިއުޒްކޮށްފި ނަމަ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އޮތް ބޮޑު ނުރައްކަލެކެވެ.

ގާނޫނު ބުނާ ގޮތުން މޮނިކޮން އަމުރަކީ ފުލުހުންނަށާއި ކަރެކްޝަނަށް ނުވަތަ އެހެން އިދާރާއަކަށްވެސް ނެރެވޭނެ އަމުރެއް ނޫނެވެ. އެއީ ހަމައެކަނި އެ އިރެއްގެ ހޯމް މިނިސްޓަރަކަށް ނެރެވޭނެ އަމުރެކެވެ. އެ މިނިސްޓަރަކަށް ލަފާ ދިނުމަށް ކައުންސިލެއް އުފެއްދި ނަމަވެސް ފަހުގެ އަމުރު ނެރެން ޖެހޭނީ ހޯމް މިނިސްޓަރެވެ. މޮނިކޮން އަމުރު ދެމި އޮންނަހާ ހިނދަކު އެ އިރެއްގެ މިނިސްޓަރަކު އެ ހުރިހާ ކަމެއް ބަލަން ޖެހެއެވެ.

ހޯމް މިނިސްޓަރުގެ ނިންމުން ތަންފީޒު ކުރަން ޖެހޭނީ ފުލުހުންނެވެ. އަދި ހައްޔަރު ކުރުމައި އެމީހުން ބަންދުގައި ބައިތިއްބުމަކީ އެ ދެ މުއައްސަސާގެ މަސައްކަތެވެ.

މޮނިކޮން އަމުރު ނެރެގެން މިހާތަނަށް ގޭންގުތައް ސައިޒުވީ ކަން ދޮގެއް ނުކުރެވޭނެ އެވެ. މޮނިކޮން އޯޑާގެ ނަތީޖާ ރަނގަޅަށް ދެނެގަތުމަށް ދޮޅު އަހަރެއް ވަރު ނަގާނެ އިރު އޭގެ މާ ކުރިޔަށް ރާއްޖޭގައި މިވަނީ މޮނިކޮން ގާތްގަނޑަކަށް ފެއިލްވާން ކައިރިވެފައެވެ. މިއީ މައްސަލައެކެވެ. މިވަރުގެ މުހިންމު އަދި ރާއްޖެއަށް ބޭނުންތެރި ބާރެއް ގާނޫނުގެ ތެރެއިން ލިބުމުން އޭގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފައި ފޭލްވާން ދޫކޮށްލުމަކީ މައްސަލައެކެވެ.

ހަގީގަތުގައި މި ޓޫލްގެ އިފެކްޓިވްކަން ރަނގަޅަށް ވަޒަންކޮށްލަން ރާއްޖެއަށް އަދި އަހަރެއްހާ ދުވަސް ބޭނުންވާނެ އެވެ. ސަބަބަކީ ގޭންތައް އުފުރާލަން ހިފުމުން އޭހެ މޫތައް ހުންނަ ހިސާބު އިނގޭނީ ތަންކޮޅެއް ފަހުން ކަމަށްވާތީ އެވެ.