މޮނިކޮން އޯޑާ

މޮނިކޮން ޓެގް އަޅުވަން ފިނިހަކައިގެ ދުވެލީގައި!

ގޭންގް ކުށްތަށް ހުއްޓުވަން މިހާތަނަށް ފެށި އެންމެ ހަރުދަނާ އަދި އާންމުންގެ ތައުރީފާއި މަރުހަބާ އެކަމަކަށް ލިބުނު މޮނިކޮން ޓެގް އެޅުވުން ފަހަތު ފަޔަށް ބުރަވެފައި އޮތުމަކީ ހަގީގަތެކެވެ. އަދި އެއީ މިހާރު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

ހޯމް މިނިސްޓަރު ކަމުން އުމަރު ނަސީރު އިސްތިއުފާ ދެއްވި ފަހުން އެއްވެސް މީހެއްގެ ފައިގައި ޓެގް އަޅުވާފައެއް ނުވެ އެވެ. ޓެގް އެޅުވުން ހުއްޓާލާފައިވަނިކޮށް ގޭންގްތައް އެކްޓިވޭޓްވެ، ބޮޑެތި މަރުގެ އެތައް ހާދިސާތަކެއް މާލޭގައި ވަނީ ހިނގާފަ އެވެ. އެ ޖަރީމާތައް ހުއްޓަން ފުލުހުން މިހާރު ވަނީ އަލުން ޓެގް އެޅުވަން ދުއްވައިގެންފަ އެވެ.

އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ނުރައްކާތެރި 16 މީހެއްގެ ގައިގާ ޓެގް އެޅުވާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު މިއީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހެވެ. އެ ނުރައްކާތެރި މީހުން އަދިވެސް އެ ތިބީ އެވެ. ޓެގެއް ނާޅުވަ އެވެ. އެކަން އިއުލާން ނުވާ ކަމަށް ވަންޏާ ބަލަން ޖެހެނީ ނާޅުވާ ކަމަށެވެ.

ފުލުހުން ބަޔަކު ނުރައްކާތެރި ކަމަށް ބުނާނީ ވަރަށް ނުރައްކާތެރިވުމުން ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. އަދި މާރާމާރީތައް ހުއްޓުވަން ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ގަބޫލުކުރެވެ އެވެ.

ޝިފާން އެ ދުވަހު ވިދާޅުވެފައިވަނީ، 16 މީހަކާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވާނެ ކަމަށާއި އެ މީހުންގެ ފައިގައި އަވަހަށް ޓެގް އެޅުވޭ ހިސާބަށް ވާސިލުވެވޭނެ ކަމަށެވެ.

މީހެއްގެ ފައިގައި ޓެގު އެޅުވޭނީ ހޯމް މިނިސްޓަރުގެ އެދިވަޑައިގަތުމަށް ހައިކޯޓުން ނެރުއްވާ އަމުރަކުންނެވެ. ހޯމް މިނިސްޓަރަށް އެކަމަށް އެދި ވަޑައިގަންނަވަނީ ކޮމެޓީއެއްގެ މަޝްވަރާގެ މަތިންނެވެ. ކޮމެޓީއަށް ފޮނުވި 16 މީހުންގެ ތެރެއިން ޓެގް އަޅުވާ ވަރު ކަމަށް ކޮމެޓީން ނިންމީ ނުވަ މީހެކެވެ.

މޮނިކޮން އޯޑަރު ހިންގުން ގޯސްވެއްޖެ ނަމަ ކަން ވެދާނެ ގޮތް އަންގައިދޭ ރިޕޯޓެއް

މި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނުވަ މީހުންގެ ފައިގައި ޓެގް އެޅުވުމަށް ކޮމެޓީން ފާސް ކުރިއިރު، އެމީހުންގެ ފައިގައި އެޅުވުމަށް އަމުރަކަށް ކޯޓުގައި އެދިފައިވަނީ އިއްޔެ އެވެ. އެއީ އޭގެ 10 ދުވަސް ފަހެވެ. ވީމާ ޓެގް އެޅުވުމުގެ ދުވެލީގެ މަރުހަލާތައް މި ދަނީ ވަރަށް ލަސްލަހުންނެވެ. މިކަމުގެ މަގުސަދު ގެއްލޭހާ ވެސް ލަހެވެ. އަދި ހައިކޯޓުން އެ އަމުރުތައް ނެރެ އެ ނުރައްކާތެރި މީހުންނާ ހަމައަށް ފުލުހުންނަށް ދެވޭނެ ދުވަހެއް ބުނަން ނޭނގެ އެވެ.

ޝިފާން ވެސް ވިދާޅުވެފައިވަނީ ޓެގް އެޅުވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ހާއްސަކޮށް މިފަދަ މައްސަލަތައް ނުރައްކާތެރި ވަޔަލަންޓް ކްރައިމް ހިނގަމުންދާއިރު އެ މައްސަލަތަކަށް ޓެކްލް ކުރަން ލިބޭނެ މުހިންމު ފުރުސަތެއް ކަމަށެވެ. އެހެންކަމުން އެއީ ފުލުހުން ވަރަށް ބޭނުންވާ ކަމެއްކަން ހާމަވެ އެވެ. އެކަމަކު ހަރަކާތްތެރި ކަމާއެކު އަވަސް އަވަހަށް މާރާމާރީތައް ހިންގާ މީހުންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް ފިނިހަކައިގެ ދުވެލީގައި އޮތުމަކީ ފޭލިވުމެއް ކަމަށް ބެލިދާނެ އެވެ. މި ދުވެލީގައި ތިއްބާ ކިތައް ހިތާމަވެރި ހާދިސާ ހިނގާ ނިމިގެން ހިނގައިދާނެ ހެއްޔެވެ؟