ބޮލީވުޑް

"ދިލް" ގެ ސީކްއަލް މިއަހަރު އުފައްދަން ފަށަނީ

Jul 10, 2016

އެޑަލްޓް ކޮމެޑީ އުފައްދަން މަޝްހޫރު ޑައިރެކްޓަރު އިންދަރް ކުމާރު 1990 ވަނަ އަހަރު އުފެއްދި ރޮމޭނެޓިކް ފިލްމު "ދިލް" ގެ ދެވަނަ ބައި އުފެއްދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް އޭނާ ބުނެފި އެވެ.

އާމިރް ޚާން އާއި މާދުރީ ޑިކްޝިޓް ލީޑް ރޯލުން ފެނިގެން ގޮސްފައިވާ "ދިލް" އަކީ ނުވަ ދިހައިގެ އަހަރުތަކުގައި ނުކުތް ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމުގައި މި ދެ ތަރިންގެ ވަރުގަދަ ކެމިސްޓްރީ ވެސް ވަނީ ފެނިގެންގޮސްފަ އެވެ.

މި ފިލްމުގެ ދެވަނަ ބަޔާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިންދަރް ވަނީ މިއަހަރު ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، މިވަގުތު ފިލްމުގައި ފެނިގެންދާނެ ތަރިން ކަނޑައަޅަމުންދާ ކަމަށް ބުނެފަ އެވެ.

"ދިލް" އަކީ އަބަދުވެސް އަހަންނަށް ވަރަށް ހާއްސަ ފިލްމެއް. އެ ފިލްމު އެހާ ކާމިޔާބު ވުމުން ދެވަނަ ފިލްމުވެސް އެހާ ކާމިޔާބު ފިލްމަކަށް ހަދަން ބޭނުން. ބެލުންތެރިން މާޔޫސް ކުރާކަށް ބޭނުމެއް ނޫން،" އިންދަރް ބުނެފައިވެ އެވެ.

މިފަހަކަށް އައިސް އިންދަރް ގިނައިން އުފައްދާފައިވާ ކޮމެޑީ ފިލްމުތައް ނަމަވެސް އަލުން ލޯބީގެ ފިލްމުތައް އުފައްދަން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިންދަރްގެ ފިލްމަށް ދެން އެންމެ އަވަހަށް ނިކުންނާނީ މިމަހުގެ 15 ވަނަ ދުވަހު ރިލީޒްވާ "ގްރޭޓް ގްރޭންޑް މަސްތީ" އެވެ.