ބޭރު ކުޅިވަރު

ޓެނިހުގެ 22 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ސެރީނާއަށް ރެކޯޑެއް

ވިމްބެލްޑަން ޓެނިސް މުބަރާތް ކާމިޔަބުކޮށް ޓެނިހުގައި ހޯދި 22 ވަނަ ގްރޭންޑް ސްލޭމް މުބާރާތާއެކު ގްރޭންޑް ސްލޭމް ކާމިޔާބު ކުރި ކުޅުންތެރިންގެ ލިސްޓްގައި ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ އެމެރިކާގެ ސެރީނާ ވިލިއަމްސް ހިމެނިއްޖެއެވެ.

މިއަދު ކުޅުނު ވިމްބަލްޑަންގެ ފައިނަލް ސެރީނާ ކާމިޔާބު ކުރީ ހަތަރު ވަނަ އަށް ސީޑްކޮށްފައިވާ، ޖަރުމަނުގެ އެންޖެލިކް ކެރުބާގެ މައްޗަށް ކާމިޔާބު ހޯދައިގެނެނވެ.

ކެރިއަރުގައި ކާމިޔާބު ކުރި 22 ވަނަ ގްރޭންޑް ސްލޭމްއާއެކު ސެރީނާ ވަނީ، ޖަރުމަންގެ ކުރީގެ ޓެނިސް ކުޅުންތެރިޔާ ސްޓެފި ގްރެފްގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

މިއަދު ކުޅުނު ފައިނަލް މެޗްގެ ސެޓްތައް ސެރީނާ ކާމިޔާބު ކުރީ 7-5 އަދި 6-3 ންނެވެ.

ކެރުބާ ވަނީ މި އަހަރުގެ ޖެނުއަރީ މަހު ކުޅުނު އޮސްޓްރޭލިއަން އޯޕަން ފައިނަލްގައި ސެރީނާގެ މައްޗަށް ކާމިޔާބު ހޯދައިފައެވެ. މިދިޔަ އަހަރުގެ ވިމްބަލްޑަން ޓެނިސް ކާމިޔަބު ކުރުމުގެ ފުރުސަތު ސެރީނާއަށް ގެއްލުނީ ދެ މެޗުން ބަލިވުމުންނެވެ. ނަމަވެސް އޭނާ ބުނީ "ކުރިން ވެދިޔަ ކަމަކާ މެދު ނުސްވިސްނާ" ކަމަށެވެ.

"މި ކާމިޔާބު ލިބުމުން އިހްސާސް ކުރެވޭ މިއީ ކިހާ ފޮނި ކާމިޔާބެއްކަން. އެއީ އަހަންނަށް އެނގޭ މިކާމިޔާބު ހޯދުމަށް އަހަންނަށް ކުރެވުނު ބުރަ މަސައްކަތް،" ސެރީނާ ބުންޏެވެ.