ފިނިޕޭޖް

ދެވަނަ ޓްރެއިލާއާއެކު ހާދަރަށް ކުރާ އިންތިޒާރު ބޮޑުވެއްޖެ!

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަދާ ފުރަތަމަ ފިލްމު "ހާދަރު" ގެ ފުރަތަމަ ޓްރެއިލާ މީގެ ދެމަހެއްހާ ދުވަސްކުރިން ލޯންޗު ކުރުމާއެކު ހާދަރު ބެލުންތެރިންނާ ހަމައަށް ސިނަމާއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ތިއްބާ މި މަހުގެ 16 ވަނަ ދުވަހު ފިލްމު އޮލިމްޕަހުގައި އަޅުވާނެކަން އެމްއެންޑީއެފުން މިހާރު ވަނީ ހާމަކޮށްފަ އެވެ. ހާދަރުގެ އިންތިޒާރުގައި ކެތްތެރިކަން ކޮޅުންލާން ކައިރިވި އިރު އަނެއްކާވެސް ރޭ މިވަނީ ހާދަރުގެ ދެވަނަ ޓްރެއިލާ ދައްކާލާފަ އެވެ.

މި ޓްރެއިލާ ރޭ ލޯންޗު ކޮށްދެއްވީ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯން މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ހިޔާލަށް މިވާހަކަ ލިޔެފައިވާ ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދެވެ. ރޭގެ ރަސްމިއްޔާތުގައި ފިލްމުގެ ހާއްސަ ކައުންޓް ޑައުން އެއްވެސް ވަނީ ލޯންޗުކޮށްފަ އެވެ. މި ކައުންޓު ޑައުން ލޯންޗް ކޮށްދެއްވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އެވެ.

ތިނެއް ނޮވެމްބަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާފައިވާ މި ފިލްމުގެ މަގްސަދަކީ އެމްއެންޑީއެފުން ފިލްމީ ދާއިރާއަށް ނުކުތުމެއް ނޫނެވެ. އަދި ހުނަރުވެރި ތަރިން މިދާއިރާއަށް ނެރުމެއް ވެސް ނޫނެވެ. މި ފިލްމުގެ މަގްސަދަކީ ގައުމީ ވާޖިބެއް އަދާކުރުމެވެ. ގައުމިއްޔަތުގެ އަލިފުން ޔާ އަށް ހިމެނޭ ކޮންމެ ކަމެއް ރައްކާތެރި ކުރުމަކީ ސިފައިންގެ ގާނޫނީ ވާޖިބެއް ކަމަށް ވާތީ އެކަން ފުރިހަމަ ކުރުމެވެ.

ހާދަރަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހަދާ ފިލްމެއް ވެސް ނޫނެވެ. މި ފިލްމު ހަދާފައިވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގަ އެވެ. ރޭގެ ރަސްމިއްޔާތުގައި އެފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ.

އޮލިމަޕަހުގެ ޝޯތައް އެޅުވުމުގެ އިތުރުން ބޭރުގެ ފަރާތްތަކަށް ހާއްސަކޮށް ޝުވެކް ސިނަމާގައި މި ފިލްމުގެ ހާއްސަ ޝޯއެއް މިމަހުގެ 21 ވަނަ ދުވަހު އަޅުވަން ވެސް ވަނީ ނިންމާފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ހާދަރުގެ ވީޑިއޯ ލަވައެއް ކަމަށްވާ "ކޮންމެ ހިނދެއްގައި" ވެސް ވަނީ ލޯންޗުކުރި އެވެ.

މި ފިލްމް ޝޫޓް ކޮށްފައިވަނީ ލ. އަތޮޅުގަ އެވެ. ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ސިފައިންގެ ޑްރާމްތައް ތައްޔާރުކޮށްގެން ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ އަޝްހަރު ވަހީދެވެ. މި ފިލްމަކީ ނޮވެމްބަރު ތިނެއް ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ދިމާވި ހާދިސާތަކުގެ މައްޗަށް ހެދި ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިން އަށް ހަތަރު މަސް ދުވަސް ހޭދަވި އިރު މި ފިލްމުގައި، ދިވެހި ފިލްމެއް ހަދަން ބޭނުންކުރި އެންމެ ބޮޑު ސެޓު ބޭނުންކޮށްފައިވެ އެވެ.

ހާދަރު ފިލުމުގެ ޓިކެޓުގެ އަގަކީ 100ރ. އެވެ. އަދި އެ ވިއްކަން ހުންނާނީ ކަޅުތުއްކަލާ ކޮއްޓާއި ބަންޑާރަކޮށީގެ އިތުރުން އޮލިމްޕަހާއި ސިފްކޯ މާޓްގަ އެވެ.

ހާދަރު ފިލްމް ޕްރިމިއާ ކުރާ ރަށްތައް

  • ހދ. ކުޅުދުއްފުށި - ތިލަދެކުނު ސިނަމާ
  • ޅ. ނައިފަރު - މަދަރުސަތުލް އިފްތިތާހު
  • ލ. ގަން - ހަމަދު ސްކޫލު
  • ލ. ފުނަދޫ - އަތޮޅު ތައުލީމީ މަރުކަޒު
  • ސ. ހިތަދޫ - ޝަރަފުއްދީން ސްކޫލް
  • ސ. މަރަދޫ - އިރުޝާދިއްޔާ ސްކޫލް