މިރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުން މޮޅުވާން ފްރާންސަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފްރާންސް ޓީމުން ވެސް ވަނީ އެހެން ބުނެފަ އެވެ.
އެ ޓީމުގެ ކޯޗް ޑިޑިއޭ ޑެޝޯން ބުނީ ދަނޑުމަތީގައި ރޮނާލްޑޯއާ ދެކޮޅު ވިސްނުމެއް ގެންގުޅެން ބަލާއިރު އޭނާ ހުއްޓުވޭނެ ފޯމިއުލާއެއް ވެސް ރެސިޕީއެއް ވެސް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.
"މިއީ އަހަރުމެންނަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖް. ރޮނާލްޑޯ އަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ކުޅުންތެރިއެއް. ފުޓްބޯޅައިގައި އެންމެ ނުރައްކާތެރި ކުޅުންތެރިންގެ ކިބާގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އޭނާގެ އެބަހުރި. އޭނާ ހުއްޓުވޭނެ ރެސިޕީއެއް އަދި ނެތް،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ފޯވަޑަށް ތާއީދު ކުރަމުން ޑެޝޯން ބުންޏެވެ.
މުބާރާތުގައި މިހާތަނަށް ރޮނާލްޑޯ ވަނީ ތިން ގޯލު ޖަހަައިފަ އެވެ. މި ތިން ގޯލާއެކު ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ މިޝޭލް ޕްލެޓިނީގެ ނުވަ ލަނޑުގެ ރެކޯޑާ ރޮނާލްޑޯ ވަނީ ހަމަހަމަ ކޮށްފަ އެވެ. މި ރެކޯޑް މުގުރާލަން ރޮނާލްޑޯ މިރޭގެ ފައިނަލަށް ނުކުންނައިރު މި މުބާރާތުގައި އޭނާ ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ބޮލުންނެވެ. ޑެޝޯން ބުނީ މިއީ ރޮނާލްޑޯގެ އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ.
"އޭރިއަލް ތްރެޓަކީ ވަރަށް ނުރައްކާ ކަމެއް. އޭނާ އެވަނީ އޭނާގެ ނުރައްކާތެރިކަން ދައްކުވައިދީފައި. ތިރިން ކުޅުނަސް އޭނާ އެހާ ނުރައްކާވާނެ. އަހަރުމެން ޖެހޭނީ އޭނާގެ ނުރައްކާ ކުޑަކުރަން. އަހަރެންގެ ކުޅުންތެރިންނަށް އެކަން މިދަނީ ވިސްނައި ދެމުން،" ޑެޝޯން ބުންޏެވެ.
ނަވަރާސަތޭކަ ނުވަދިހަ އަށް ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދިން ކެޕްޓަން ބުނީ އޭނާގެ ކޯޗުކަމުގައި ފްރާންސް މި މުބާރާތުގައި ހޯދަމުން އަންނަ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވަމުންދަނީ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ކަމަށެވެ.
"މުޅި ޓީމު ގުޅުވައިދިނުމާއި ލީޑަރަކު ކުރަންޖެހޭ ހުރިހާ ކަމެއް އޭނާ ކުރޭ. ކޯޗިން ސްޓާފުންނަށް އެހީތެރިވެދޭ. ހަގީގަތުގައި މި ޓީމުގެ ކާމިޔާބީގެ އެއް އަސްލަކީ އޭނާގެ އުފެއްދުންތެރި ވިސްނުމާއި ދައްކަމުންދާ ރިވެތި ނަމޫނާ،" ޑެޝޯން ބުންޏެވެ.