ހަބަރު

ޓެގު އަޅުވާފައިވާ ބައެއް މީހުން ބައިބަލާ ކުޅެން ހުއްދަ ދީފި

މޮނިކޮންގެ ދަށުން ޓެގު އަޅުވައިފަ ތިބި ބައެއް ކުށްވެރިންނަށް ބައިބަލާ ކުޅުމުގެ ހުއްދައެއް ފުލުހުން ދީފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ ބައިބަލާ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދީފައި ވާނީ ޓެގް އަޅުވައިފަ ތިބި މީހުން ފުލުހުންނާއި ކަމާބެހޭ އެހެން ފަރާތްތަކުން އެ ހުއްދަ އަށް އެދިގެން ކަމަށެވެ. އަދި އެމީހުން ބައިބަލާ ކުޅެން ދޫކޮށްފައި ވާނީ ފުލުހުންގެ މޮނިޓަރިންގެ ދަށުން ކަމަށާއި ބައިބަލައި ކުޅޭ އިރުވެސް ފައިގައި ޓެގު އޮންނާނެ ކަމަށެވެ.

"އެ ސަރަހައްދު ބަލަން ތިބޭނެ ފުލުހުން. އޭގެ އިތުރުން ވެސް ވަކިން ހާއްސަކޮށް މޮނިކޮން އަމުރު ނެރެފައި ތިބި މީހުން ބަލަން ވެސް ފުލުހުން ތިބޭނެ. އޭގެ އިތުރުން އެ ސިސްޓަމް ތެރެއިން ވެސް އެމީހުން މޮނިޓާ ކުރެވޭނެ. އެ ފުރުސަތު ދީފައި ވަނީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެމީހުންގެ ހުއްދައާ އެކީ،" އިސްމާއިލް ވިދާޅުވި އެވެ.

އެފަރާތްތަކަށް ބައިބަލާ ކުޅުމުގެ ފުރުސަތު ފުލުހުން ދިން ނަމަވެސް އެ ހުއްދަ ދޫކޮށްފައި ވަނީ ކިތައް މީހުންނަށް ކަމެއް ސާފުކޮށެއް ނުދެއްވަ އެވެ.

މޮނިކޮން އަމުރު ނެރުމުގެ ބާރަކީ ހޯމް މިނިސްޓަރަށް އޮންނަ އެއްޗެއް ކަމަށްވާ އިރު ދާދި ފަހުން މިހާރުގެ ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެފައި ވަނީ އެ ބާރުތައް ބޭނުން ކުރާނީ ފުލުހުންނާއި ކަރެކްޝަނުން ކަމަށެވެ.