ޕާކިސްތާން

ނޫސްވެރިކަން މި ދަރަޖައަށް: ކަށްވަޅުގައި އޮވެގެން ޖަނާޒާ ރިޕޯޓްކޮށްފި!

މުޅި އުމުރުން ފަގީރުންނަށް އަޅާލުމުގައި ހޭދަކުރި، ޕާކިސްތާނުގެ މަޝްހޫރު ފިލަންތޮރަޕިސްޓް އަބްދުލް ސައްތާރު އީދީ އަވަހާރަވުމުގެ ހިތާމާގައި މުޅި ޕާކިސްތާނު އޮތްވާ ނޫސްވެރިޔެއްގެ އަމަލުން ގިނަ ބަޔަކު ރުޅި އަރުވާލައިފި އެވެ.

އުމުރުން 88 އަހަރުގައި އިދީ އަވަހާރަވެފައިވަނީ ކަރާޗީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. އިދީ އަވަހަރާވުމާ ގުޅިގެން ކަރާޗީގެ ނޭޝަނަލް ސްޓޭޑިއަމުގައި ވަނީ ބޮޑު ޖަނާޒާއެއް ބާއްވާފަ އެވެ. އެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރިވެފައިވާއިރު، އިދީއަށް ގާޑް އޮފް އޮނާ ވެސް އަރުވާފައިވެ އެވެ.

ޕާކިސްތާނުގެ މަޝްހޫރު ނޫޙެއް ކަމަށްވާ "އެކްސް ޕްރެސް ނިއުސް"އިން މި ޖަނާޒާ ގެނެސްދީފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން އެ ނޫހުގެ ނޫސްވެރިޔާ ވަނީ އިދީގެ ކަށްވަޅުގައި އޮވެގެން ޖަނާޒާ ރިޕޯޓްކޮށްފަ އެވެ. އެ ކަށްވަޅަކީ އިދީގެ ވިލެޖްގައި އޭނާ އަމިއްލައަށް މީގެ 25 އަހަރު ކުރިން އޭނާ ވަޅުލުމަށް ތައްޔާރުކުރި ކަށްވަޅެކެވެ.

ސްޓޭޑިއަމްގައި އޮތް ޖަނާޒާއަށްފަހު އިދީ ފަސްދާނު ލާފައިވަނީ ވެސް އެ ކަށްވަޅުގަ އެވެ. އެއީ އޭނާގެ އެދުމެކެވެ.

އެކްސް ޕްރެސް ނިއުސްގެ ނޫސްވެރިޔާގެ މި އަމަލާ ގުޅިގެން އެތައް ބަޔަކު ޓްވީޓާގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ނޫހަށް ވެސް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެފަދަ އަމަލެއް ނޫސްވެރިޔާކޮށް، އެ އަމަލު ޓީވީން ދުރަށް ދެއްކުމާ ގުޅިގެން އެ މީޑިއާއާ މެދު ގިނަ ބަޔަކު ވަނީ އެތައް ސުވާލުތަކެއް އުފައްދާފަ އެވެ.