މައުމޫން އަބްދުލް ގައްޔޫމްގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނެސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ އެހެން ޕާޓީތަކާ ގުޅިގެން ކުރެއްވި މަސައްކަތުންނެވެ. އެއީ އަހަރެެމެންގެ ތެރޭގައި އިއްްތިހާދު ނުވަތަ ކޯލިޝަންގެ ނަން ވައިގައި ހިފައިގެން ދިޔުމުގެ ފެށުމެވެ. ސަރުކާރާ ދެކޮޅު ފަރާތްތަކާ އެކު "ވަތަށް އެދޭ ގޮތަށް" އިއްތިހާދުން 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނަޔަސް އެ އިއްތިހާދުގެ އުމުރަކީ 21 ދުވަހެވެ.
ފަހުގެ ތާރީހެއްގައި ދިވެހިން ތަޖުރިބާކުރި ފުރަތަމަ އިއްތިހާދު ރޫޅި ސަރުކާރުން ވަކިވެގެން ދިޔައީ ވެރިކަންކުރާ އިއްތިހާދު ރޫޅިއްޖެ ނަމަ ސަރުކާރު ސައްހަ ނުވާނެ ކަމަށް މިހާރު އެންމެ ބާރަށް ވިދާޅުވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އެކަަމަކު މިހާރުގެ ސަރުކާރުގައި ވެސް ހަމަ ގާސިމްގެ އެ ވާހަކަފުޅާ އެއްގޮތަށް ވަކާލާތު ކުރެއްވި ބޭފުުޅުން ގިނަ އެވެ.
ވަތަން އެދޭ ގޮތަށް އިއްތިހާދުުގައި އެމްޑީޕީއާ އެކު ހަ ޕާޓީއެއް ބައިވެރިވި އެވެ. ގައުމީ އިއްތިހާދާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ނެޝަނަލް ކޮންގްރެސް އާއި ގައުމީ ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ކަމަށް އިންތިހާބުކުރެވޭ ވަރަށް މީހަކަށް ވޯޓު ހޯދުމަށް އެކި ޕާޓީތައް ގުޅިގެން ކުރާ މަސައްކަތުން އެ މީހަކު ހޮވިއްޖެ ނަމަ އެއީ އެ ހުރިހާ ޕާޓީތަކަކުން ހޮވި ރައީސަކަށް ވާނެ އެވެ. އެ ރައީސްގެ ފަހަތުގައި ތިބި ޕާޓީތައް ބައިބައިވެ ދިއުމުން ރައީސަށް ލިބުނު ވޯޓުތައް ވެސް އެ ރައީސްގެ ކިބައިން ވަކިވެގެންދާ ކަމަށް ގިނަ ބަޔަކު މި ތިބީ ގަބޫލުކޮށްގެންނެވެ. ކުރިން ވެސް އަދި މިހާރުވެސް 25 ޕަސެންޓެއްގެ ވާހަކަ ދައްކަނީ އެހެންވެ އެވެ. ރައީސްކަން ލިބެނީ 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ލިބިގެން ކަމަށް ވެސް ވާތީ އެވެ.
މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ވަޑައިގަނެވުނީ އެ މަނިކުފާނުގެ ޕާޓީ ޕީޕީއެމްއާ އެކު ގާސިމްގެ ޖުމްހޫރީ ޕާޓީ ގުޅި އިއްތިހާދުވެގެން ކުރި މަސައްކަތުންނެވެ. އެކަމަކު މިހާރު އެ އިއްތިހާދު ރޫޅުނީ އެވެ. ގާސިމް އެ ވިދާޅުވަނީ އެ މަނިކުފާނު ޕީޕީއެމް އަށް ކުރި ތާއީދުން ލިބުނު ވޯޓުތައް ވެސް ގާސިމާ އެކު ޔާމީންގެ ކިބައިން ވަކިވާނެ ކަމަށެވެ. އެއީ ގާސިމް އެކަނި ވިދާޅުވާ ވާހަކައެއް ވެސް ނޫނެވެ. ސިޔާސީ ވަރަށް ގިނަ ބޭފުޅުންގެ ރައުޔެވެ.
އެކަމަކު ދެރަ ކަމަކީ މި ރައުޔު ރައްޔިތުންގެ މަޖިލީީހުގެ މެންބަރުންގެ މައްޗަށް ނުހިނގާތީ އެވެ. ޕާޓީ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވެ ވަކި ހިސާބަކުން ކޮޅު ބަދަލުކުރެއްވިޔަސް މެންބަރުގެ ސައްހަކަމާ މެދު ސުވާލެއް ނުކުރެ އެވެ. އެ މެންބަރަކު ވެސް ބުނާނީ އެކޮޅުގައި ޑިމޮކްރަސީ ނެތް ކަމަށާއި އެހެންވެ މިކޮޅަށް އައީ ކަމަށެވެ. ޕާޓީގެ ސަޕޯޓަރުން ދެން އަތްޖަހާނީ އެވެ!
މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމަކީ ރާއްޖޭގައި އެކަނި ކުރާ ކަމެއް ވެސް ނޫނެވެ. އެކަމަކު ތަރައްގީވަމުން އަންނަ ގައުމުތަކޭ މި ކިޔާ ގައުމުތަކުގައި މިއީ ވަރަށް އާންމު ކަމަކަށް އޮންނަނީ ވެފަ އެވެ. އަވަށްޓެރި ސްރީ ލަންކާގައި މިކަމާ ބެހޭ ގާނޫނެއް ހަދަން އުޅެނީ ވެސް އެކަން ބޮޑުވެގެެންނެވެ. ދެއިރު ދެ ދަޅަޔަށް ޕާޓީ ބަދަލުކުރާ މެންބަރުންގެ ސަކަރާތް ހުއްޓުވަން ލަންކާ ސަރުކާރުން ގަސްދުކުރަނީ އެ މީހަކު އިންތިހާބުވާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށެވެ.
ދެން އޭގެ އަނެއް ކޮޅެވެ. އަމިއްލަ ގޮތުން ވާދަކޮށް މަޖިލީހަށް ހޮވުމަށް ފަހު ސިޔާސީ ޕާޓީއަކާ ގުޅުމުން ވާނީ ކިހިނެއް ހެެއްޔެވެ؟ އެއްވެސް ޕާޓީއަކާ ހިތާ ނުވާ މީހުން "މިނިވަން" މެންބަރެއް ކަމަށް ހިތާ ޕާޓީ ކުލަ ނެތް މެންބަރުންނަށް ވޯޓު ދީގެން ހޮވުނީމާ ކޮންމެވެސް ސިޔާސީ ކުލަޔަކުން ޓައީ އަޅައިގެން މަޖިލީހަށް ދާން ފެށީމާ ރައްޔިތުންނަށް އެއޮތީ މަކަރާއި ހީލަތް ހެދިފަ އެވެ. އޮޅުވާލައިގެން ވޯޓު ހޯދައިފަ އެވެ. އެވަރުން ވެސް މެންބަރުކަން ސައްހަ އެވެ!
މި ހުރިހާ ސުވާލެއް ވެސް އުފައްދަނީ އިއްތިހާދީ ވެރިކަމެއް ގާނޫނީ ގޮތުން ދަންނަ އެއްޗަކަށް ނުވާތީ އެވެ. ރައްޔިތުން ވޯޓު ލަނީ މީހަކަށެވެ. ޕާޓީ އަކަށް ނޫނެވެ. ޕާޓީ އަކީ ފިކުރެކެވެ. ކޮންމެ ފިކުރެއްގައި ހުރެގެން ވޯޓު ލިޔަސް އެ ވޯޓު މި ދަނީ ކޮންމެވެސް މީހަކަށެވެ. ގާނޫނީ ގޮތުން އެއީ ވަކި ޕާޓީއެއްގެ ވޯޓަކަށް ނުވެ އެވެ. އެހެންވެ މީހަކު ވެރިކަމަށް ހޮވަން ސިޔާސީ ޕާޓީއަކުން މަސައްކަތް ކުރިޔަސް އެއީ ދަރުމައަށް ކުރެވޭ މަސައްކަތެކެވެ. މި ހަމަ ތަފާތު ވަނީ ބަރުލަމާނީ ނިޒާމުގަ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ވަކި ޕާޓީއަކަށް ނެތް ނަމަ ޕާޓީތަކެއް ގުޅިގެން އެ ކޮންޓްރޯލް ހޯދައިގެން ނޫނީ އެ ނިޒާމުގައި ސަރުކާރެއް އެކުލަވައި ނުލެވެ އެވެ. އެހެންވެ އިއްތިހާދު ރޫޅުމާ އެކު ސަރުކާރު ވެއްޓެނީ އެވެ. ރާއްޖެ އޮތީ މި މަގުން ކަން ހިނގާ ގޮތަކަށް ނޫނެވެ. އެ މަގަށް ދާން އެހާ ފަސޭހަވާނެހެންނެއް ވެސް ހިޔެއް ނުވެ އެވެ.