ކުނި މެނޭޖް ކުރުން

ކުނި މެނޭޖްކުރަން 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ނުވަ ރަށެއްގައި ކުނި މެނޭޖްކުރުމާބެހޭ އެކި މަސައްކަތް ކުރުމަށް 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެއްބަސްވުންތަކެއްގައި ތިމާވެއްޓާބެހޭ މިނިސްޓްރީން ސޮއިކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ސޮއިކުރީ ރ. އިނގުރައިދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމްކޮށް، ދ. ކުޑަހުވަދޫގައި ކުނި އަންދާ މެޝިނެއް (އިންސިނަރޭޓަރެއް) ގާއިމްކޮށް، ހަތް ރަށެއްގައި ޑަސްބިން ބަހައްޓައި ކާދު ހެދުމަށް ބޭނުންކުރާ ވަސީލަތްތައް ހޯދުމުގެ އެއްބަސްވުންތަކެއްގަ އެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން 895،313 ރ. އަށް އިނގުރައިދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމްކުރަން ހަވާލުކުރީ، ވިންލޭންޑް ޕްރައިވެޓް ލިމިޓެޑާ އެވެ. އައްޑޫ ހިތަދޫއާ ހުޅުމީދޫ އަދި ފުވައްމުލަކުގައި ޑަސްބިން ބެހެއްޓުމަށް 560252ރ. އަށް ހަވާލުކުރީ ބިލްޑްރޯ ސީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ކުޑަހުވަދޫގައި އިންސިނިރޭޓަރެއް ގާއިމްކުރުމަށް އެޒްރޯވާ މޯލްޑިވްސް ކުންފުންޏާ ހަވާލުކޮށްފައިވާއިރު، ހުވަދު އަތޮޅުގެ ފަސް ރަށެއްގައި ޑަސްބިން ބަހައްޓައި ކާދު ހަދަން ބޭނުންވާ ވަސީލަތް ހޯދަން ފަސް ލައްކަ ރުފިޔާއަށް ހަވާލުކޮށްފައިވަނީ، އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. މަސައްކަތްތައް ހަވާލުކުރެވުނު ކުންފުނިތަކުން އިސްވެރިން ވަނީ ސޮއިކޮށްފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، މިހާރު އެ މިނިސްޓްރީން އެންމެ ބޮޑަށް ފޯކަސްކޮށްގެން ކުރަމުން އަންނަ މަސައްކަތަތަކުގެ ތެރޭގައި ރަށްރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެވޭނެ ނިޒާމް ގާއިމްކުރުން ހިމެނޭ ކަމަށެވެ. ސަރުކާރުގެ ބަޖެޓުންނާއި ލިބިފައިވާ ލޯނުތަކުގެ އެހީގައި މިހާރުވެސް ގިނަ ރަށްރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ތޯރިގް ވިދާޅުވީ، މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ މީގެ ކުރިން މާބޮޑަށް ސަމާލުކަމެއް ދެވިފައި އޮތް ކަމަކަށް ނުވާތީ މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މިމަސް ނިމޭއިރު މާލޭގެ ރައްޔިތުންނަށް ކުންޏާހެދި އުފުލަންޖެހޭ ބުރަ ކުޑަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ނުވަ ރަށެއްގެ ކުނި މެނޭޖްކުރުމުގެ އެކި މަސައްކަތްތައް ފެށުމަށް މިއަދު އެއްބަސްވުންތަކެއް އެކުލަވާލާފައިވާއިރު މިހާތަނަށް ރާއްޖޭގެ 44 ރަށެއްގައި ވަނީ ކުނި ނައްތާލެވޭނެ ނިޒާމް ގާއިމްކޮށްފަ އެވެ.