މާލެ ސަރަހައްދުގެ ކުނީގެ މައްސަލަ ބޮޑުވީ މީގެ ކުރީގެ ބައެއް ސަރުކާރުތަކުން އެކަމަށް ސަމާލުކަންދީ އެކަންކަން ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައި ނުވާތީ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކެއް ފެށުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، މާލޭގެ ކުނި ނައްތާލުމުގެ ނިޒާމަށް ރަނގަޅު ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ކުނި މެނޭޖް ކުރުމުގެ މަސައްކަތަކީ މީގެ ކުރީގެ ސަރުކާރުތަކުން އެއްގޮތަކަށް ވެސް އަޅާއިލި ކަމަކަށް ނުވުމުން އެކަންކަން ކުރުމަށް ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ.
މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް އިޝާރާތް ކުރައްވައި ތޯރިގް ވިދާޅުވީ، މާލޭގެ ކުނީގެ މައްސަލަ މިހާ ގޯސްވެފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުނި މެނޭޖްކުރުން ޓަޓުވާ އަށް ދީގެން އެ މަސައްކަތް އެއްގޮތަކަށް ވެސް ނުކޮށް އޮތުމުގެ ސަބަބުން ކަމަށާއި، މި ސަރުކާރު އައުމަށްފަހު އެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަާއި ހަވާލުކޮށްގެން މަސައްކަތް ފެށިތާ މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް، ކުރިއެރުންތަކެއް ވެސް ހޯދާފައިވާ ކަމަށެވެ.
ތޯރިގް ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު މާލޭގެ ގޭގެއިން ކުނި ކަލެކްޓް ކުރާނެ ކަންކަން ވަކި އުސޫލަކަށް ހަމަޖައްސައި، އަދި މާލެއިން ތިލަފުއްޓަށް ކުނި ގެންދާނެ ރައްކާތެރި ގޮތްތަކެއް ހޯދައިދޭނެ ކަމަށެވެ.
"މިއަހަރުގެ ތެރޭގައި ހާއްސަކޮށް މާލޭގެ ގޭގޭން ކުނި ކަލެކްޓް ކުރުމުގެ ކަންކަން ވަކި ގޮތަކަށް ހަމަޖެހިގެންދާނެ. ދެން ތިލަފުއްޓަށް ކުނި ބޭރުކުރުމުގެ މަސައްކަތް ރައްކާތެރިކޮށް ކުރުމަށް ސިނާއީ އަވަށުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު މިވަނީ ފަށާފައި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ތިލަފުށިވެސް އެގޮތަށް އެއްވެސް މަސައްކަތެއް ނުކުރެވި އެ އޮތީ، ނަޝޫދުގެ ސަރުކާރުގައި ޓަޓުވާ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްގެން އެކަން ކުރަން އުޅުމުގެ ސަބަބުން،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނިއެޅޭނެ ނިޒާމް ވަރަށް އަވަހަށް ތިލަފުށީގައިވެސް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި އައްޑޫ އަދި ފުވައްމުލަކުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމްކުރަން މަސައްކަތްކުރާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ރަށު ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމްކޮށްދިނުން ކަމަށެވެ.