ބޭރު ކުޅިވަރު

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ޔުނައިޓެޑް: އާސެނަލް

އެފްއޭ ކަޕްގައި ރޭ ޕްރެސްޓަން ނޯތު އެންޑް އަތުން ރަށުން ބޭރުގައި 3-1 އިން ފަހަތުނަ އަރައި މޮޅުވެ، ޔުނައިޓެޑް ކުއާޓާ ފައިނަލް އިން ޖާގަ ހޯދިއިރު، ކުއާޓާގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ އާސެނަލް އެވެ.

ޔުނައިޓެޑް ސިއްސުވާލުމަށް ފަހު، ތިން ވަނަ ޑިވިިޝަންގެ ޕްރެސްޓަން އިން ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ނެގީ ސްކޮޓް ލައިޑް ޖެހި ލަނޑުންނެވެ.

ޔުނައިޓެޑް އިން މެޗުގެ 65 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ އެއްވަރުކުރީ އެންޑަ ހެރޭރާ ޖެހި ލަނޑުންނެވެ. އަދި މެޗުގެ 72 ވަނަ މިނިޓުގައި ޔުނައިޓެޑަށް ލީޑު ހޯދައިދިނީ މަރުއާނޭ ފެލެއިނީ އެވެ. ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން 88 ވަނަ މިނިޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ކެޕްޓަން ވޭން ރޫނީ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.

"ޕްރެސްޓަން އިން ލަނޑެއް ޖަހާފައިވަނިކޮށް، މެޗުން މޮޅުވުމަށް ކުޅުންތެރިން ދެއްކީ އާދަޔާ ހިލާފު ހިތްވަރެއް. އަހަރެން މިހުރީ ހިތްހަމަޖެހިފައި،" ވެން ހާލް ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަަށް ޕްރެސްޓަން ގޯލަށް އެންމެ ޝޮޓެއް ވެސް އަމާޒުކޮށްނުލެވެ އެވެ. އެކަމަކު ދެވަނަ ހާފުގައި ރަޑަމެލް ފަލްކާއޯގެ ބަދަލުގައި އޭޝްލީ ޔަންގް ކުޅެން އެރުވި ހިސާބުން، ޔުނައިޓެޑްގެ އެޓޭކްތައް ރަނގަޅުވި އެވެ.

"އަހަރެމެން ކުޅެމުންދިޔަ ފޯމޭޝަން ކުޑަކޮށް ބަދަލުކޮށްލުމުން މައްސަލަ ހައްލުވި،" ވެން ހާލް ބުންޏެވެ.

އާސެނަލް އާއި ޔުނައިޓެޑް ބައްދަލުކުރާ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ކުޅޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަސް ނުވަތަ އަށް ވަނަ ދުވަހު އެވެ. ކުއާޓާގައި އެސްޓަން ވިލާ އާއި ވެސްޓް ބްރޮމް ކުރިމަތިލާއިރު، ރެޑިންއާ ދެކޮޅަށް ނުކުންނާނީ ބްރެޑްފޯޑް އެވެ. ލިވަޕޫލްއާ ދެކޮޅަށް ނުކުންނާނީ ބްލެކްބާން އެވެ. -- ބީބީސީ