ބޭރު ކުޅިވަރު

މިއީ ރޮނާލްޑޯ އަށް ހޯދައިދިން މޮޅެއް: ޕެޕޭ

މިރޭ ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މުބާރާތުގެ ހޯސްޓް ފްރާންސް ބަލިކުރުމަށް ހިތްވަރު ލިބުނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޓަކައި ކަމަށް ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޯޗްގަލްގެ ޑިފެންޑަރު ޕެޕޭ ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށްފަހު، މީޑިއާ ވާހަކަ ދައްކަމުން ޕެޕޭ ބުނީ މެޗްގެ 25 ވަނަ މިނެޓްގައި ރޮނާލްޑޯއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމުން، ރޮނާލްޑޯ އަށްޓަކައި މެޗް ކާމިޔާބު ކުރުމަށް، ޕޯޗްގަލް ޓީމަށް އާ ހިތްވަރެއް ލިބިގެންދިޔަ ކަމަށެވެ.

"ރޮނާލްޑޯއަށް އަނިޔާވެ، އޭނާ ބަދަލު ކުރަން ޖެހުމުން އަހަރެމެން ޓީމަށް ވަރަށް އަސަރު ކުރި. އެއީ ވަރަށް އުނދަގޫ ވަގުތެއް. މި ޓީމުގެ މައިގަނޑަކީ ރޮނާލްޑޯ. އޭނާއަކީ ކޮންމެ ވަގުތެއްގައިވެސް ލަނޑު ޖެހުމުގެ ގާބިލުކަން ހުރި ކުޅުންތެރިޔެއް." ޕެޕޭ ބުންޏެވެ.

ރެއާލް މެޑްރިޑްގައިވެސް ޕެޕޭއާއެކު މުހިންމު ދައުރެއް އަދާ ކުރާ ރޮނާލްޑޯއާ ބެހޭގޮތުން، ޕެޕޭ ބުނީ "ރޮނާލްޑޯ ހުރި ނަމަ މިއަށް ވުރެ ބޮޑަށް ތަފާތު ފެނުނީސް" ކަމަށެވެ.

"އޭނާ ނެތުމުން އަހަރެމެން ބުނިން މި ޓީމަށް ކާމިޔާބު ހޯދައިދޭން ބޭނުންވަނީ ރޮނާލްޑޯއަށް ޓަކައޭ" ޕެޕޭ ބުންނެވެ.

މެޗްގެ 109 ވަނަ މިނެޓްގައި ޕޯޗްގަލްއަށް ލީޑް ނަގައިދިން ލަނޑު އެޑާ ކާމިޔާބު ކުރުމުން، ފަލަމަސް ގަނޑަށް އަނިޔާ ލިބުނު ރޮނާލްޑޯ ވަނީ ކޮރު ޖަހަމުން ގޮސް އުފާ ފާޅުކޮށްފައެވެ.