ބޭރު ކުޅިވަރު

ޖޯޒީ ނުބޭލުމަށް އިބްރަހިމޮވިޗްގެ ކިބައިން ބްލޯންކް އެދެފި

ގައިގައި ޖަހާފައިވާ ޓެޓޫޓައް ދައްކާލުމަށް ލަނޑު ޖެހުމަށް ފަހު ޖޯޒީ ނުބޭލުމަށް ޕީއެސްޖީގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްގެ ކިބައިން އެ ޓީމުގެ ކޯޗު ލޯރެން ބްލޯންކް އެދެފި އެވެ.

ފްރާންސް ލީގުގައި ހޮނިހިރު ދުވަހު ކައެންއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، ސްވިޑަންގެ ފޯވަޑް އިބްރަހިމޮވިޗް ވަނީ ޖޯޒީ ބާލަައިފަ އެވެ. އިބްރަހިމޮވިޗް ޖޯޒީ ބޭލީ ޔުނައިޓެޑް ނޭޝަންސްގެ "ވޯލްޑް ފުޑް ޕްރޮގްރާމް"އާ ގުޅިގެން ބަނޑުހައި ހޫނުކަމާ ދެކޮޅަށް ކުރާ ކެމްޕޭންގައި އޭނާގެ ގައިގައި ޖަހާފައިވާ ޓެޓޫތައް ދައްކާލުމަށެވެ. އިބްރަހިމޮވިޗްގެ ގައިގައި ޖަހާފައިވާ ޓެޓޫތަކުގައި ހިމެނެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައި ހޫނުކަމުގައި ދިރިއުޅެމުންދާ 15 މީހެއްގެ ނަމެވެ. ޖޯޒީ ބޭލުމުން މެޗުގެ ރެފްރީ ވަނީ އިބްރަހިމޮވިޗް އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.

"އަހަންނަށް ކުރެވޭނަމަ ބަނޑުހައި ހޫނުކަމުގައި ދިރިއުޅެމުންދާ ކޮންމެ މީހެއްގެ ނަން އަހަރެން ގައިގަައި ޖަހާނަން،" އިބްރަހިމޮވިޗް ބުންޏެވެ. "އެކަމަކު ބަނޑު ހައިހޫނުކަމުގައި 805 މިލިއަން މީހުން އެބަ ދިރިއުޅޭ."

ބްލޯންކް ބުނީ އިބްރަހިމޮވިޗްގެ މަގްސަދު ހާސިލްވި ނަމަވެސް، ރީނދޫ ކާޑެއް ދެއްކުމަކީ ޓީމަށް ލިބުނު ގެއްލުމެއް ކަމަށެވެ.

"އިބްރަހިމޮވިޗްގެ މަގްސަދު ހާސިލްވެއްޖެ. އެއީ އިބްރަހިމޮވިޗްގެ ހަބަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާ އިން ކަވަރުކުރީމަ. އެކަމަކު އެކަމާއެކު އޭނާ މި ހޯދީ ރީނދޫ ކާޑެއް،" ބްލޯންކް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ދެވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ކުރިއަށް އޮތްއިރު، ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ބްލޯންކް ވަނީ އިބްރަހިމޮވިޗްގެ ކިބައިން އެދިފަ އެވެ.

"މިސާލަކަށް މެޗު ތަންކޮޅެއް ހޫނުވެ، އިބްރަހިމޮވިޗް އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކި ނަމަ، އަހަރެމެންނަސް މެޗު ގެއްލުނީ. އެއީ (ޖޯޒީ ބޭލުމަކީ) ރަނގަޅު ކަމެއް ބުނާކަށް ނޭނގޭ. އެކަމަކު އެކަން ތަކުރާރުނުކުރާނެ ކަމަށް އުންމީދުކުރަން،" ބްލޯންކް ބުންޏެވެ. -- އީއެސްޕީއެން