ބޭރު ކުޅިވަރު

މިއީ ހަޔާތުގެ އެންމެ އުފާވެރި ކާމިޔާބީ: ރޮނާލްޑޯ

ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވުނީ މިކަމަށް އެދިއެދިހުންނަތާ 12 އަހަރުން ފަހުން ކަމަށާއި މިއީ ހަޔާތުގެ އެންމެ އުފާވެރި ވަގުތުކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ މިހެން ބުނީ ފައިނަލުގައި ރޭ އަމިއްލަ ގައުމުގައި ކުޅުނު ފްރާންސްގެ މައްޗަށް ޕޯޗުގަލް 1-0އިން ކުރި ހޯދި މެޗަށް ފަހު އެވެ.

"މިއީ އަހަރެން މިހުރީ ވަރަށް އުފަލުން. 2004 އަށްފަހު އަހަރެން މިދަނީ މިކާމިޔާބީ އަށް ހޯދަން މަސައްކަތްކުރަމުން. މިއީ އަހަރެން ނުހަނު އެދިއެދިހުރި ކާމިޔާބީއެއް. މިއަދު އަހަރެން މިހުރީ ވަރަށް އުފަލުން،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ ކުލަބު ލެވެލްގައި އޭނާ އަށް ނުލިބެ ކާމިޔާބީއެއް ނެތުމުން ގައުމީ ޓީމާއެކު ތައްޓެއް ހޯދަން އޭނާ ހުރީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ.

"އަހަރެން (2004 އަށް ފަހު) ދުއާ ކުރަމުން ދިޔައީ ތަށި ހޯދާނެ ދެ ވަނަ ފުރުސަތަކަށް. މި މެޗުގައި އަހަރެން އިންޖަރީވި. އެކަމަކު ވެސް މި ކުޅުންތެރިންގެ ޕްލޭނެއް އޮތުމުން އެމީންނާމެދު އަހަރެން ޔަގީންކަން ބޭއްވިން. އަހަރުމެން އެކުގައި މޮޅުވާން މަސައްކަކުރީ ޕްލޭނެއް އޮވެގެން. އަހަރުމެންނަށް ޔަގީންކަން އޮތް ޓީމެއްގެ ގޮތުގައި މަސައްކަކޮށްފިނަމަ ފްރާންސް ބަލިކުރެވޭނެކަން. މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތު. އަހަރެން އަބަދުވެސް ބުނަމުން މިދަނީ ޕޯޗުގަލް ޖާޒީގައި ތައްޓެއް ހޯދަން ބޭނުންވާ ވާހަކަ،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ މި ކާމިޔާބީއަކީ އާދަޔާހިލާފު އުފާވެރި އިހުސާސެއް ކުރުވި ކަމެއް ކަމަށާއި މުޅި ޕޯޗުގަލް އަށް ވެސް މިއީ އުފާވެރި ވަގުތެއް ކަމަށެވެ.