އިހަވަންދޫ

ޑެންގީ ހުމުގައި އިހަވަންދޫ ފިހެނީ!

ހއ. އިހަވަންދޫގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ކަންބޮޑުވާ ދަރަޖައަށް ހިނގައްޖެ އެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މުއީދު އިބްރާހިމް ވިދާޅުވީ އެ ރަށުގައި ޑެންގީ ހުންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިދިޔަ ޖޫން މަހުވެސް އެ ރަށުގައި ޑެންގީ ހުމަށް ޕޮސިޓިވްވީ މީހުންގެ އަދަދު 25 އަށް އަރާ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން މަހަށް ބަލައިއިރު 60 މީހަކު ޑެންގީ ހުމަށް ޕޮސިޓިވްވެ ފަރުވާދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުޑަކުދިންނާއި އަންހެނުނަށް ވެސް ވަރަށް ގިނައިން ޑެންގީ ހުން އެބަ ޖެހޭ. އިއްޔެ ވެސް ދެ ކުއްޖަކު ޑެންގީއަށް ޕޮސިޓިވްވި ކަމަށް ހެލްތު ސެންޓަރުން ބުނި. އެކަމަކު މިހާ ހަލުވިކޮށް ފެތުރޭ އިރުވެސް އިރާދަ ކުރެއްވިއްޔާ އެއްވެސް މީހެއްގެ ފުރާނައަކަށް އަދި ގެއްލުމެއް ނުވޭ،" މުއީދު ވިދާޅުވި އެވެ.

މުއީދު ވިދާޅުވީ ރަށު ކައުންސިލާ ކްލަބު ޖަމިއްޔާތައް ގުޅިގެން ރަށުތެރެ އެއްކޮށް ސާފުކޮށްފައިވާ ކަމަށާއި މީހުން ދިރިއުޅޭ ހުރިހާ ގެޔަކުން މަދިރި އުފެދޭ ތަންތަން ނައްތާލައި ކްލޮރިން އެޅުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ދުވަހު މަގުތައް ދުން އެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އާބާދީގައި 2448 މީހުން އުޅޭ އިހަވަންދޫގައި ހަލުވިކަމައި އެކު ޑެންގީ ހުން ފެތުރެމުން އަންނަ އިރު އެރަށުގައި ސިއްހީ ހިދުމަތް ދިނުމަށް ހުންނަނީ އެންމެ ސިއްހީ މަރުކަޒެކެވެ.

ޑެންގީ ޖެހިގެން މިއަހަރު ރާއްޖޭގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ޑެންގީ ކޮންޓްރޯލް ނުވާކަމަށް އެޗްޕީއޭއިން ވެސް ވަނީ ބުނެފަ އެވެ.