ފުލުހަކު ރަސްމީ ޑިއުޓީ އަދާކުރަމުންދާއިރު ގާނޫނީ އިމުގެތެރެއިން ކުރާ މަސައްކަތުގައި ޖަވާބުދާރީ ވާނީ ވަކިވަކި ފުލުހުންގެ ބަދަލުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ. ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމަށް ބަޔަކު ކުރަމުންދާ މަސައްކަތް ހުއްޓުވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ބުނެފައިމިވަނީ، ވަކިވަކި ފުލުހުން، ފުލުހުންގެ ގަވައިދާ ހިލާފަށްކުރާ އަމަލުތައް ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާނެ ކަމަށް އިދިކޮޅު އިއްތިހާދުން އިއްޔެ ބުނުމާ ގުޅިގެންނެވެ.
ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ރަސްމީ ޑިއުޓީގައި މަސައްކަތް ކުރަމުންދާއިރު އެ ފުލުހުން ކުރަމުންދާ މަސައްކަތް ބަލައި މޮނީޓާ ކުރުމުގެ ނިޒާމެއް މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަނީ ގާއިމް ކޮށްފައިވާނެ ކަމަށާއި މިދެންނެވި ނިޒާމުގެ ތެރެއިން ފުލުހުންނަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅައި އެމަސައްކަތް ހަވާލުކޮށް، މަސައްކަތް ބަލަހައްޓަމުންދަނީ އެކަމަށް ކަނޑައެޅިފައިވާ ހައިރާކީގެ ތެރެއިން ވަކި އުސޫލުތަކެއްގެ މަތިން ކަމަށެވެ.
ފުލުހުން ބުނީ، ފުލުހުން މަސައްކަތް ކުރާއިރު އެ މަސައްކަތަކީ ގުޅި ލާމެހިގެން ތަރުތީބީ ނިޒާމެއްގެ ދަށުން ކުރެވޭ މަސައްކަތެއްގެ ގޮތުގައި އޮންނަނީ ހަމަޖެހިފައި ކަމަށާއި އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަވާލުކޮށް ފުލުހުން ކުރާ މަސައްކަތަކީ ފުލުހަކު ފަރުދީ ހައިސިއްޔަތުން ވަކިވަކިން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ނުވާހިނދު ވަކިވަކި ފުލުހަކު އަދާކުރާ ދައުރާއި ގުޅިގެން ކުރިމަތިވާ ކަންކަމުގެ ޒިންމާ ނަގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަސް ނުޖެހޭނެ ކަމަށެވެ.
ފުލުހުން ޑިއުޓީ އަދާކުރަމުންދާއިރު، ފުލުހުންގެ މަސައްކަތާ ގުޅޭގޮތުން ވަކިވަކި ފުލުހުންގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެފަދަ ފުލުހުންނާމެދު ފިޔަވަޅު އަޅަން މަސައްކަތް ކުރާނެކަމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި ހަމައެފަދައިން ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނައްތާލައި ރައްޔިތުންގެ ހިތްތަކުގައި ފުލުހުންގެ މަސައްކަތާ ދޭތެރޭ ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްވެސް ދަނީ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެއިތުރަށް ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނަގާލައި ވަކި ވަކި ފުލުހުންނާމެދު ފިޔަވަޅު އަޅައި ފުލުހުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް ކުރަމުންދާ މަސައްކަތް ހުއްޓުވައި ގާނޫނީ މަސައްކަތުގައި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.