މާލޭ ސިޓީ

ބަރިސްތާގެ ކޮފީ ޝޮޕެއް މާލޭގައި ހުޅުވަނީ

މަޝްހޫރު "ބަރިސްތާ" ގެ ކޮފީ ޝޮޕެއް އަންނަ އޮކްޓޫބަރު މަހު މާލޭގައި ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ފްރެންޗައިޒެއް ކަމަށްވާ ބަރިސްތާގެ ކޮފީ ޝޮޕެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވުމުގެ ގޮތުން ފްރެންޗައިޒް އެއްބަސްވުމުގައި ބަރިސްތާ ކުންފުންޏާއި ބަރިސްތާ މޯލްޑިވްސްއާއެކު ރޭ ވަނީ ސޮއިކޮށްފަ އެވެ.

ބަރިސްތާ މޯލްޑިވްސްގެ ޑިރެކްޓަރު ވަދީފް ހަސަން ސައީދު ވިދާޅުވީ ބަރިސްތާގެ ކޮފީ ޝޮޕެއް ހުޅުވާއިރު އެ ކޮފީ ޝޮޕުން ރާއްޖޭގެ ސަގާފަތާ ގުޅުންހުރި ކެއުންތަކާއި އަދި އިޓަލީ އަދި ފްރާންސުގެ މަގުބޫލު ކެއުންތައް ވެސް ލިބެން ހުންނާނެ ކަމަށެވެ.

ރާއްޖޭގައި ބަރިސްތާގެ ވިޔަފާރި ފެށުމަށް ނިންމީ ރާއްޖޭގެ ގިނަ ބަޔަކަށް ކޮފީއަކީ ވަރަށް ކަމުދާ ބާވަތަކަށް ވުމުން އިންޓަނޭޝަނަލް ކޮލިޓީ ރަނގަޅު ކޮފީ ބޮވޭނެ އިންތިޒާމް ވެރިރަށް މާލޭގައި ހަމަޖައްސައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އާއި އޭޝިއާގެ ގިނަ ގައުމުތަކާއި މެދު އިރުމަތީގައި ވެސް ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ބަރިސްތާ އަންނަ މަހުން ފެށިގެން މާލޭގައި ހުޅުވުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. ބަރިސްތާގެ 300 އަށްވުރެ ގިނަ ކޮފީޝޮޕް އެކި ގައުމުތަކުގައި ހުރެ އެވެ.