ރައީސް އޮފީސް

ރާއްޖެއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދަން މަޝްވަރާކޮށްފި

ޖަރުމަންގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާކުރީ، ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް، ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑރ. ޔާގަން މޯހާޑް ‏‏އިއްޔެ ކުރެއްވި ވަދާއީ ‏‏ޒިޔާރަތުގަ އެވެ.

‏‏މިބައްދަލުކުރެއްވުމުގައި، ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ފަތުރުވެރިކަމާ އުމްރާނީ ތަރައްގީއަށް ބޭނުންވާ އެހީތެރިކަމަށް ހިޒް އެކްސެލެންސީ ޑޮކްޓަރ ޔާރގަން މޯހާޑް ‏‏ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ވަނީ ޖަރުމަނުގެ ފަރާތުން ރާއްޖޭގެ ތިމާވެށި ތަރައްގީ ކޮށްދިނުމަށްޓަކައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ރައީސްއާ ޖަރުމަނުގެ ސަފީރުގެ ވާހަކަފުޅުގައި، މި އަހަރަކީ ރާއްޖެއާ ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ އަހަރުކަން ފާހަގަކުރައްވަމުން ދެ ގައުމުގެ ދެމެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވި އެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ދެ ބޭފުޅުންވެސް ވަނީ ރާއްޖެއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދަން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދުމުގެ މުހިންމުކަމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ހޯދަން ކުރެވޭ މަސައްކަތްތަކާ ސަރުކާރުގެ ފަރާތުން ގެންގުޅުއްވާ ސިޔާސަތުތައް ޖަރުމަނުގެ ސަފީރާ ހިއްސާ ކުރެއްވިއެވެ.