އެމްޑީޕީ

ހިޔާލު ފާޅުކުރަން އޮތް ހުރަސްތަކާ ދެކޮޅު ހަދައިދޭން ގައުމުތަކަށް އެމްޑީޕީން ގޮވާލައިފި

ސުލްހަވެރި ސިޔާސީ ހަރަކާތް ކުރިއަށްގެންދަން ކުރާ މަސައްކަތަކަށް ސަރުކާރުން ހުރަސް އަޅާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫންކަން މި ސަރުކާރަށް އަންގަން ބޭރު ގައުމުތަކަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީއަށް 11 އަހަރު ފުރުން ފާހަގަކުރުމަށް، ބާއްވަން އުޅުނު ހިނގާލުން ހުއްޓުވުމުން ހިތްހަމަނުޖެހުން ފާޅުކޮށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރޭ އެމްޑީޕީގެ މަގު މައްޗަށް ނުކުތުން ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވެފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގައި ޕެޕާ ސްޕްރޭ ބޭނުންކުރޭ، އެތައް ބަޔަކު ހައްޔަރު ކުރޭ، ރޭގެ ހިނގާލުމަކީ ވެސް އެފަދަ އެއް މިސާލު،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެފާޓީން ބުނީ، ރޭގެ ހިނގާލުން އިއުލާންކުރުމާއެކު ފުލުހުން ވަނީ ހިނގާލުމުގެ މާކުރިން މަގުތައް ބެރިކޭޑު ޖަހާ ބަންދުކޮށްފައި ކަމަށެވެ.

ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ގޮތުގައި އެއްވުމުގެ މިނިވަންކަމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުންވެސް ލިބިދީފައިވާ ހައްގަކަށް ވާއިރު، އެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަން ސަރުކާރަށް އަންގައި ދިނުމަށް ބޭރު ދުނިޔެއަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ރޭ ބާއްވަން އުޅުނު ހިނގާލުމުގެ ކުރިން ފުލުހުން ބުނެފައި ވަނީ މަގުތަކަށް ނުކުމެ އަމާކަންކަން ނަގާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.