އައްޑޫ ސިޓީ

އައްޑޫ އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ނިޒާމް ފެށުން ހުކުރު ދުވަހުގެ ރޭ

Jul 12, 2016

އައްޑޫ އާއި ފުވައްމުލަކުގެ ދަތުރު ފަތުރުގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކުރުން އަންނަ ހުކުރު ދުވަހުގެ ރޭ ސ. ފޭދޫގައި ބާއްވަން ބާއްވަން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ އައްޑޫ އާއި ފުވައްމަލުކުގައި ދޭ އާންމު ކަނޑު ދަތުރުކުރުމުގެ ހިދުމަތާއި އެއްގަމު ދަތުރު ކުރުމުގެ ހިދުމަތް ފޭދޫ ބަނދަރު ސަރަހައްދުގައި ޝަރަފުވެރިކޮށް ދެއްވާނީ ނައިބު ރައީސް އަބްދުﷲ ޖިހާދު ކަމަށާއި އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

މި ދެ އަތޮޅުގެ އެއްގަމު ދަތުރުތަކުގެ ހިދުމަތަށް 13 ބަސް ބޭނުން ކުރާނެ އެވެ. ހިދުމަތް ފަށާއިރު ބޭނުން ކުރާނީ 52 ޖާގައިގެ އަށް ބަހާއި 32 ޖާގައިގެ ފަސް ބަހެވެ. މިއީ އެއާ ކޮންޑިޝަން ކޮށްފައިވާ އަދި ދަތުރުވެރިންގެ ލަގެޖް ވެސް ލެވޭ ބަސްތަކެކެވެ.

އައްޑޫ އާއި ފުވައްމުލަކުގައި ދޭ ކަނޑުދަތުރު ފަތުރުގެ ޚިދުމަތުގައި ހަތަރު ލޯންޗާއި ދެ ފެރީ ބޭނުން ކުރާނެ އެވެ. އެއީ 24 މީހުންގެ ޖާގައިގެ ތިން ލޯންޗާއި 19 މީހުންގެ ޖާގައިގެ ލޯންޗަކާއި 105 މީހުންގެ ޖާގައިގެ ފެރީއަކާއި 100 މީހުންގެ ޖާގައިގެ ފެރީއެކެވެ.

އެމްޕީއެލް އިން ބުނީ އެންމެ ދެކުނުގެ އެ ދެ އަތޮޅުގެ ފެރީ އާއި އެއް ގަމު ދަތުރުފަތުރު ހަރުދަނާވެފައި ނެތުމުން ރައްޔިތުންނަށް ދައްޗާ ކުރިމަތިވެފައިވާ ކަމަށާއި އެ ދެ ސަރަހައްދުގެ އެ ހިދުމަތް ހަރުދަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސް ކަމެއް ދެއްވާ ކަމަށެވެ.