ހުސައިން ހުމާމް

ހުމާމު މެރުން ފަސްކުރުމަށް އދ.އިން ރާއްޖޭގެ މައްޗަށް އަމުރެއް ނެރެފި

ކުރީގެ މަޖިލިސް މެންބަރު އަދި ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ ޝަރުއީ ތިން މަރުހަލާގެ ކޯޓުން ވެސް މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސެއިން ހުމާމު ނުމެރުމަށް އދ.އިން ރާއްޖެއަށް އަމުރުކޮށްފި އެވެ. އދ.އިން ރާއްޖޭގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައިމިވަނީ ހުމާމުގެ ފަރާތުން އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ހުމާމުގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން މިރޭ އަވަސްއަށް ވިދާޅުވީ، ހުމާމުގެ ފަރާތުން އދ. ގެ އެ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ފަރުދީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު)އާ ހިލާފަށް ހުމާމުގެ މައްޗަށް ޝަރީއަތް ހިންގާފައިވާ ކަމަށެވެ. އަދި ހުމާމުގެ ފަރާތުން އެ ކޮމެޓީގައި އެދިފައިވަނީ އެކަން ބަލައިދިނުމަށް ކަމަށް ހަސީން ވިދާޅުވި އެވެ. އައިސީސީޕީއާރް މުއާހަދާއަކީ ރާއްޖެ ބައިވެރިވާ މުއާހަދާއެއް ކަމުން އެ މުއާހަދާއަށް އަމަލުކުރުމަކީ ރާއްޖެއަށް ލާޒިމު ކަމެކެވެ.

ހަސީން ވިދާޅުވީ، މައްސަލާގައި ސަރުކާރުން ހަ މަސް ދުވަހުގެ ތެރޭގައި އދ.އަށް ޖަވާބުދާރީވުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކޮމެޓީން ބަލައި ނުނިމެނީސް ހުމާމު މަރައިގެން ނުވާނެ ކަމަށް ބުނެ އެ ކޮމެޓީން ވަނީ ރާއްޖޭގެ މައްޗަށް ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.

އދ. އިން މީގެކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހުމާމަށް ޝަރީއަތުގެ މަޖިލީހުގައި ލިބެންޖެހޭ ހައްގުތައް ލިބުނު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ތަހުގީގު އެއްކޮށް ނުނިމެނީސްކަން ވެސް އދ.އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޝަރީއަތް ބިނާކޮށްފައިވަނީ ހުމާމަށް މަޖުބޫރުކޮށްގެން ވެފައިވާ އިއުތިރާފެއްގެ މައްޗަށް ކަމަށް ވެސް އދ.އިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ހުމާމުގެ މައްޗަށް ހިންގާފައިވަނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ޝަރީއަތް އަލުން ހިންގަން ޖެހޭ ކަމަށް ވެސް އދ.އިން ބުނެފައިވެ އެވެ. އަދި ޝަރީއަތް އަލުންކުރުމަށް ހުމާމު ނުމަރާ ބަހައްޓަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ހުމާމުގެ މައްޗަށް މަރުގެ ހުކުމް ސުޕްރީމް ކޯޓުން އިއްވާފައިވަނީ އެ ކޯޓަށް އަފްރާޝީމްގެ ވާރިސުން ހުމާމު މެރުން ފަސްކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވަނިކޮށެވެ. ނުރަސްމީ ގަޑި ކަމަށް ބުނެ އެ ސިޓީ ބަލައިގެންފައެއް ނުވެ އެވެ.

މަރުގެ ހުކުމް އިއްވާތާ 30 ދުވަސް ތެރޭގައި ހުކުމް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ހުމާމަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ނަމަވެސް 30 ދުވަހުގެ ތެރޭގައި އެ އިންތިޒާމް ހަމަނުޖެއްސޭނެ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ.