މަރުގެ ހުކުމް

"މަރުގެ ހުކުމް އުވާލެވޭނީ ރައްޔިތުން ބޭނުންނަމަ"

ރާއްޖޭގައި މަރުގެ ހުކުމް އުވާލެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު އެ ގޮތަށް ފެންނަ ނަމަ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ. މަރުގެ ހުކުމް އުވާލަން ހުޅަނގުގެ ގައުމުތަކުން ވަރަށް ބޮޑަށް ބާރު އަޅަ އެވެ.

އަދި އެކަމަށް ޑިމާންޑްތައް ވެސް ކުރެ އެވެ. އެކަމަކު ބަންޑާރަ ނައިބު މި ވާހަކަތައް ދެއްކެވީ ރާއްޖޭގައި ބަޔަކު އެ ވާހަކަތައް ދައްކައިގެނެއް ނޫނެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި މިރޭ ކުރިއަށްދިޔަ ރާއްޖޭގެ ރިވިއު ސެޝަންގައި ބަންޑާރަ ނާއިބު ވިދާޅުވީ މަރުގެ ހުކުމް އުވާލުމަށް ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ގޮވާލާ ކަމަށެވެ. ނަމަވެސް އެކަމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް އަދި ރައްޔިތުންގެ ހިޔާލު ހޯދައިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އޭޖީ ވަނީ ބޭރު ދުނިޔެއަށް ދެއްވާފައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން 2018 ވަަނަ ވަނީ ބުނެފައެވެ. އެއީ މި ސަރުކާރު ވެރިކަމަށް އައިފަހުންނެވެ.

އޭރު ފޮރިން މިނިސްޓްރީން ބުނެފައިވަނީ، 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތް އުތުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. އަދި އދ. ޖެނެރަލް އެސެމްބްލީގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ރާއްޖޭން ތާއީދު ކުރާނެ ކަމަށެވެ. މި ސަރުކާރަށް އިލްމުވެރިންނާއި އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އޭރު އަމާޒުވީވެސް އެކަމާއި ގުޅިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭރު ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް އޭރުގެ ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ. ނަމަވެސް އެ ސަރުކާރު ބަދަލުވެގެން ދިޔައިރުވެސް އެކަމަށް އަަމަލީ ސިފަ ނެގެވިފައެއް ނުވެއެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް
އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.