ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލް ކާމިޔާބު ކުރީ ފައިނަލުގައި ވަރުގަދަ ފްރާންސް އަމިއްލަ ދަނޑުގައި ބަލިކޮށްފަ އެވެ. މިއީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އެންމެ ފަހުރުވެރިވާ ކާމިޔާބީ އެވެ. ތައްޓާއެކު ޓީމު ގައުމަށް ދިއުމުން ކުޅުންތެރިން ދަތުރުކުރި ބޯޓު ޖެއްސީ ވެސް ގާޑް އޮފް އޮނާ އަކާއެކުގަ އެވެ. މުޅި ގައުމު މި ކާމިޔާބީއާއެކު އުފަލުން ފޮޅިފައިވާއިރު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވަނީ ޕޯޗުގަލްގެ ކުލަބް ސްޕޯޓިން ލިޒްބަން އަށެވެ.
ލިޒްބަން އަކީ ޕޯޗުގަލްގެ ކެޕްޓަނުން ކަމަށްވާ ލުއިސް ފީގޯ އާއި ކްރިސްޓިއާނޯ ފަދަ ކުޅުންތެރިން ނެރެދިން ކުލަބެވެ. އެކުލަބުން ރޭ ވަނީ ފައިނަލް މެޗުގައި ޕޯޗުގަލް ޓީމުން ކުޅެން ނުކުތް 14 ކުޅުންތެރިންގެ ތެރެއިން 10 ކުޅުންތެރިންނަކީ ކެރިއަރުގެ ފުރަތަމަކޮޅު އެކުލަބުގައި ކުޅުނު ކުޅުންތެރިން ކަމަށްބުނެފަ އެވެ.
އެ ކުޅުންތެރިންނަކީ ރޮނާލްޑޯ އާއި ވައިސް ކެޕްޓަން ނާނީ އަދި ރިކާޑޯ ކަރެސްމާ އާއި ޖޯ މޮޓީނިއޯ އާއި ހޯސޭ ފޮންޓޭ އަދި ސެޑްރިކް ސޯރެސް އާއި ގޯލްކީޕަރު ރިއު ޕެޓްރީސިއޯގެ އިތުރުން ވިލިއަމް ކަވާޅޯ އާއި ޖޯ މާރިއޯ އަދި އެޑްރިއަން ސިލްވާ އެވެ.
ލިޒްބަންގެ ރައީސް ބުރޫނޯ ދިކަވަޅޯ ބުނީ އޭނާގެ ކުލަބުގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުލަބުގެ އެކަޑަމީތަކުން ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ.
"ބަލާ 21 އަހަރުން ދަށުގެ ޓީމު [ޔޫރޯ] ފައިނަލަށް ދިޔައިރު އެ ޓީމުގެ ފުރަތަމަ 11 ކުޅުންތެރިން ތެރެއިން އަށް ކުޅުންތެރިންނަކީ އަހަރުމެންގެ ކުލަބުގެ ކުޅުންތެރިން. ޖުލައި 11 ވަނަ ދުވަހު ޔޫރޯ ފައިނަލް ކުޅުނުއިރު ސީނިއާ ޓީމުގައި އަހަރުމެންގެ 10 ކުޅުންތެރިން އެބަތިބި. އެހެންވީމަ މިވަގުތު ގައުމީ ޓީމަށް އަހަރުމެންގެ ފަރާތުން ދައްކައިދީފައިމިވަނި 18 ކުޅުންތެރިން. މިއީ 2002 ގައި އަހަރުމެންގެ އެކަޑަމީ ހުޅުވިފަހުން ވަރަށް ބޮޑު ކާމިޔާބީއެއް،" ރައީސް ބުންޏެވެ.