ބޭރު ކުޅިވަރު

ވޯލްޑް ކަޕް ނިމެންދެން ޖަރުމަނުގެ ކޯޗަކަށް ޖޯހިމްލޯ

ރަޝިޔާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމެންދެން ޖަރުމަނުގެ ކޯޗް ކަމުގައި ޖޯހިމް ލޯ ދެމިހުންނާނެ ކަމަށް އެ ގައުމުން ބުނެފި އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް އާޖެންޓިނާ ބަލިކޮށް ޖަރުމަނަށް ކާމިޔާބުކޮށްދިން ކޯޗު އެ މަގާމުގައި ދެމިހުންނާނެކަން ޖަރުމަނުގެ ފެޑަރޭޝަނުން އިއުލާނު މިކުރީ ޔޫރޯގެ ސެމީ ފައިނަލުން ކަޓާފައި ވަނިކޮށެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރެއިނާލްޑް ގެރިންޑެލް ލޯއަށް ވޯލްޑް ކަޕް ދިފާއު ކުރަން ފުރުސަތުދޭން ނިންމީ ފެޑަރޭޝަނުގެ އެންމެންވެސް އެގޮތަށް އެދޭތީ އެވެ. އެމީހުން ދެކޭގޮތުގައި މިވަގުތަށް އެންމެ ބަރާބަރު ކޯޗަކީ ލޯ އެވެ.

ޖަރުމަނުގެ ކޯޗުކަމާ ލޯ އެންމެ ފުރަތަމަ ހަވާލުވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. އެއީ އެއިރުގެ ކޯޗު ޔާގެން ކްލިންސްމަން މަގާމުން އިސްތިއުފާ ދިނުމުންނެވެ. އެ މުބާރާތުގައި ލޯއަކީ ކްލިންސްމަންގެ އެސިސްޓެންޓް ކޯޗެވެ.