ޓީވީ އެނަލިސްޓެއްގެ ގޮތުގައި އިނދެ އާސެނަލްގެ ކުޅުންތެރިންނަށް ފާޑުކިޔާތީވެ އާސެނަލްގެ ކޯޗިން ޓީމުން އެ ޓީމުގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ ދުރުކޮށްފި އެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ މި ގޮތަށް ނިންމީ އޮންރީ ތަކުރާރުކޮށް އާސެނަލްގެ ކުޅުންތެރިންނަށާއި ޓީމުގެ ކަންކަމަށް ފާޑުކިއުމުންނެވެ.
ވެންގާ ބުނީ އޮންރީ އަށް އޮތީ ދެ ގޮތް ކަމަށެވެ. އެއީ ފުލްޓައިމްކޮށް ޓީވީގައި މަސައްކަތް ކުރުން ނުވަތަ ފުލްޓައިމްކޮށް ކުލަބުގައި މަސައްކަތް ކުރުން ކަމަށެވެ.
"އަހަންނަކަށް ގަބޫލެއް ނުކުރެވޭ ހަފުތާގެ އެއްބައިގައި ކުޅުންތެރިންނާއެކު ޕްރެކްޓިސްކޮށްފައި، ހަފުތާގެ އަނެއްބައިގައި ޓީވީ އަށް ގޮސް އެމީހުންނަށް ފާޑުކިޔަން ފެށީމަ،" ވެންގާ ބުންޏެވެ.
ފާއިތުވެދިޔަ 18 އަހަރު އާސެނަލްގެ ކޯޗުކަމުގައި ހުރި ވެންގާ އެކުލަބުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ދެކެ ރުޅި އައީ ފޯވަޑް އޮލީވިއާ ޖީރޫޑަށް އޮންރީ ފާޑުކިއުމުންނެވެ. ހުސްވި ސީޒަނުގައި ސްކައި ސްޕޯޓްސްގައި ވާހަކަ ދައްކަމުން އޮންރީ ބުނީ ޖީރޫޑް އިސް ފޯވަޑެއްްގެ ގޮތުގައި ހުރެ އާސެނަލް އަށް ޕްރެމިއާ ލީގު ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ނުދެކޭ ކަމަށެވެ. އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނިމިދިޔަ ޔޫރޯގައި ވެސް އޮންރީ ވަނީ ފްރާންސްގެ ފޯވަޑް ޖީރޫޑަށް ފާޑުކިޔާފަ އެވެ.
އާސެނަލްގައި އޮންރީ އަށް ދީފައި އޮތީ ދެ ރޯލެކެވެ. އެއީ 18 އަހަރުން ދަށުގެ ޓީމަސް ކޯޗު ކޮށްދިނުމާއި ސީނިއާ ޓީމުގެ ފޯވަޑުންނަށް ފަރިތަކޮށް ދިނުމެވެ. ނަމަވެސް ކޯޗިން ޓީމުން އޭނާ ވަކިކުރުމަށްފަހު އެ މަގާމަށް ދެން ގެންނާނެ ކަމަށް ބެލެވެނީ ކުރީގެ ކެޕްޓަން ޓޯނީ އެޑަމްސް އެވެ.
އާސެނަލްގައި އޮންރީ އާއި ވެންގާ މައްސަަލަ ޖެހުނުއިރު މީގެ ކުރިން އެކުލަބުގެ ކުރީގެ ކެޕްޓަން ފްރާންސްގެ ޕެޓްރިކް ވިއޭރާއާ ވެސް ވެންގާ ވަނީ މައްސަލަަ ޖެހިފަ އެވެ. އެއީ ވިއޭރާ ކުޅުން ހުއްޓާލުމުން އާސެނަލްގެ ކޯޗިން ޓީމުން ފުރުސަތު ނުދިނުމުންނެވެ. މިހެންވެ ވިއޭރާ ފެނިގެން ދިޔައީ ވާދަވެރި މެންޗެސްޓާ ސިޓީގެ އޮފިޝަލެއްގެ ގޮތުގަ އެވެ. އަދި މިހާރު އެމެރިކާގެ ނިއުޔޯކް އެފްސީ އަށް ކޯޗެއްގެ ގޮތުގައި ހުރި ވިއޭރާ އަކީ ކުރިމަގުގައި ސިޓީގެ ކޯޗުކަމަށް އައުން ގާތް މީހެކެވެ.
އޮންރީއާމެދު ވެންގާ ނިންމި ނިންމުމުގެ ސަބަބުން އޭނާ އަށް ވަނީ ކޮންމެވެސް ވަރެއްގެ ފާޑުކިއުންތަކެއް ވެސް އަމާޒުވެފަ އެވެ. އެއީ ކުލަބަސް ކާމިޔާބު ހޯދާދީފައިވާ ކުރީގެ ކުޅުންތެރިންނާއި ވެންގާ ގާތްގުޅުމެއް ނުބާއްވާ ކަމަށް ބުނެ އެވެ.