މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މުވައްޒަފުންނަށް އެހީވާން އެމްޕީއެލްއިން ކޯޕަރޭޓް ސޮސައިޓީއެއް

Jul 13, 2016
1
  • މީރުބަހުރު ބަނދަރުގައި ކެފޭ، ފިހާރަ ހަދާނެ
  • މުވައްޒަފުންނަށް މާލީ އެހީ ދޭނެ
  • ފިހާރަ، ކެފޭއިން މުވައްޒަފުންނަށް އިނާޔަތް ތަކެއް

އެމްޕީއެލްގެ މުވައްޒަފުނަށް މާލީ އެހީދިނުމާއި އެނޫން ވެސް އިތުރު ފައިދާތައް ފޯރުކޮށް ދިނުމުގެ މަގުސަދުގައި ކޯޕަރޭޓް ސޮސައިޓީއެއް އުފައްދައިފި އެވެ.

ރާއްޖޭގައި މައި ވިޔަފާރި ބަނދަރު ހިންގާ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ އެ ކުންފުނިން އުފެއްދި ކޯޕަރޭޓް ސޮސައިޓީގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. މި ސޮސައިޓީ އުފައްދާފައިވަނީ އެ ކުންފުނީގެ އާ ސީއީއޯ މުހައްމަދު ޖުނައިދުގެ އިސް ނެންގުވުމަށެވެ.

ކޯޕަރޭޓް ސޮސައިޓީ ވަގުތީ ގޮތުން ހިންގުމަށް އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު މަހުޖޫބު އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

އެމްޕީއެލް އިން ބުނީ އަލަށް އުފެއްދި ސޮސައިޓީން މީރު ބަހުރު ބަނދަރުގައި ފިހާރައަކާއި ކެފޭއެއް ހިންގާނެ ކަމަށާއި، މި ތަންތަނުން މުވައްޒަފުންނަށް ގިނަ އިނާޔަތްތަކެއް ލިބޭނެ ކަމަށެވެ. މިހާރުވެސް ވަނީ ފިހާރައެއް ހުޅުވާފަ އެވެ.

"މީގެ އިތުރުން ކޯޕަރޭޓް ސޮސައިޓީއަށް ލިބޭ ހުރިހާ ފައިސާއެއް ވެސް ހަރަދުކުރާނީ މުވައްޒަފުންގެ ބޭނުން ތަކަށެވެ. ސޮސައިޓީން އެމްޕީއެލްގެމުވައްޒަފުންނަށް މާލީ ގޮތުން ވެސް އެހީތެރިކަން ލިބޭނެ އެވެ،" އެމްޕީއެލްގެ ބަޔާނެއްގައި ވެއެވެ.

އެ ކުންފުނިން ބުނީ މީރުބަހުރު ބަނދަރުގައި އެ ކުންފުނިން ހިންގަން ނިންމާފައިވާ ފިހާރައާއި ކެފޭގެ ސަބަބުން ފައިދާވާނީ ހަމައެކަނި އެމްޕީއެލްގެ މުވައްޒަފުންނަށް ނޫން ކަމަށާއި، އެ ބަނދަރުގެ ބޭނުން ހިފާ ހުރިހާ ރައްޔިތުންނަށް މީގެ ފައިދާ ލިބޭނެ ކަމަށެވެ.