އެޗްޕީއޭ

މިދިޔަ ހަފުތާގައި 50 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކުރި: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި 50 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު ވޭތުވެދިޔަ ތިން ހަފުތާގައި ދަށްވަމުންދި ކަމަށް އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. ގިނައިން ޑެންގީ ކޭސްތައް ފެނިފައިވަނީ މޭ 15 އިން 21 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި 106 ކޭސް ރާއްޖޭގެ އެކި ހިސާބުތަކުން ފެނިފައިވާއިރު ވާތުވެދިޔަ ހަފުތާގައި 50 ޑެންގީ ކޭސް ފެނިފައިވާ ކަމަށް އެ އެޖެންސީއިން ބުނެ އެވެ.

ބައެއް ރަށްރަށުގައި ޑެންގީ އާ ކޭސްތައް އަދިވެސް ފެންނަމުންދާ ކަމަށާއި އެގޮތުން ވޭތުވެދިޔަ ހަފުތާގައި އެންމެ ގިނަ ކޭސް ފެނިފައިވަނީ މާލެ އާއި ހުޅުމާލެ އާއި ހއ. އަިހަވަންދޫ އަދި ލ. އިސްދޫއިން ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އިހަވަންދޫގައި 26 ޖޫން އިން ފެށިގެން މިދިޔަ 14 ދުވަހުގެ ތެރޭގައި 32 މީހުންނާއި ކުދިންނަށް ޑެންގީ ޖެހުނު ކަމަށް ވެސް ބުންޏެވެ. މި މުއްދަތުގައި ހުޅުމާލެ އަދި އިސްދޫއިން ނުވަ ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނީ، ފާހަގަކުރެވޭ ގޮތުގައި މި ދުވަސްވަރު ޑެންގީ ފެތުރެމުންދަނީ ވިއްސާރަވުމާއެކު، ރޯދައާ ގުޅިގެން ކުނި އުކާލުން އިތުރުވެ ފެން ހަރުލާ އަދި މަދިރި އާލާވާ ގޮތަށް އުކާލެވިފައިވާ ކުނި ބުނި ގިނަވުމާ ގުޅިގެން ކަމަށެވެ. އަދި މިވަގުތު ޑެންގީ ކޭސްތައް ފެންނަމުންދާ ރަށްރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލައި ފޮގް ކުރުމާއި ރައްޔިތުންނަށް ބަލިން ރައްކާތެރިވުމާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެ އެޖެންސީގެ ލަފާއާއެކު ރަށު ކައުންސިލާއި ހެލްތް ސެންޓަރުންތައް އަދި ސަރަހައްދުގެ ހޮސްޕިޓަލާއި ގުޅިގެން ކުރިއަށްދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މަދިރި އުފެދޭ ތަންތަން ނައްތާލައި ކުނި އުކާލުމުގައި ރައްކާތެރިވެ، ފެން އުފެދޭ ތަންތަން ސާފުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.