އޮފްބީޓް

ފޯނުން ގޭމް ކުޅޭ މީހުންގެ 47 ޕަސެންޓަކީ އަންހެނުން: ފޭސްބުކް

Jul 13, 2016
1

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްމާޓް ފޯނުގެ ވާދަވެރިކަން ބޮޑުވެ، އަލަށް ނުކުންނަ ފޯނުތަކަށް އަހުލުވެރިވާ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު، ގޭމް ކުޅުމަށް ވެސް މިހާރު ގިނަ މީހުން ބޭނުން ކުރަނީ މޮބައިލް ފޯނެވެ. މޮބައިލް ފޯނުން ގޭމް ކުޅޭ މީހުންގެ ނިސްބަތް އަންދާޒާކުރަން ފޭސްބުކުން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުން ސްމާޓް ފޯނުން ގޭމްކުޅޭ މީހުންގެ އާބާދީގެ 47 ޕަސެންޓަކީ އަންހެނުންނެވެ.

ފޭސްބުކްގެ އެނަލައިޒް އެންޑް ސްޓޯރީ ޓެލިން ކޮމިޓީން ޓީއެންއެސް ކުންފުންޏާ ގުޅިގެން، 12 ގައުމެއްގެ 18 އަހަރުން މަތީގެ މޮބައިލް ފޯން ބޭނުންކުރާ މީހުން ހިމަނައިގެން ހިންގި އެ ސާވޭގެ ނަތީޖާ ރިޕޯޓްގައި ބުނެފައިވަނީ، ގޭމް ކުޅޭ މީހުންގެ އާބާދީގެ 71 ޕަސެންޓް މީހުންނަކީ ގޭމް ކުޅެން ސްމާޓް ފޯން ބޭނުންކުރާ މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން 47 ޕަސެންޓް މީހުންނަކީ އަންހެނުން ކަމަށެވެ.

މޮބައިލް ފޯނުން ގޭމް ކުޅޭ މީހުންނަށް ބަލާއިރު، އާންމުކޮށް ގިނަ މީހުންނަކީ މަދުވެގެން މަހަކު އެއް ފަހަރު ގޭމްކުޅުމަށް ފައިސާ ހަރަދުކުރާ މީހުންކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ގޭމްތަކަށް ފައިސާ ހޭދަކުރާ ގިނަ މީހުން ފާހަގަ ކުރެވެނީ "ކޮމިއުނިޓީ ގޭމް" ގިނަ ބަޔަކާ ގުޅިގެން ކުޅޭ ގޭމްތަކުގައި މަޝްއޫލުވެ އުޅޭ މީހުން ކަމަށާއި އެމީހުން ފާހަގަކުރެވެނީ އެ ގްރޫޕެއްގައި ހަރަކާތްތެރިވެ އުޅޭ އެހެން މީހުން ކުޅުން ހުއްޓާލުމުން އަމިއްލަޔަށް ކުޅުން ހުއްޓާލާ މީހުންގެ ގޮތުގައި ކަމަށް ވެސް އެ ސާވޭ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.