ހަބަރު

އިއްތިހާދުގެ ޖަލްސާއަށް ކާނިވާ ސަރަހައްދު ދޫކޮށްފި

އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕްޒިޝަންގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު މިއަދު ހައުސިން މިނިސްޓްރީން ހަމަޖައްސައިދީފި އެވެ. އެ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާއިރު އެ ހުއްދަ ހޯދުމަށް އިދިކޮޅު އިއްތިހާދުގެ ބައެއް ލީޑަރުން މިއަދު ހައުސިން މިނިސްޓްރީގައި ގިނަ ވަތުތުތަކެއް ހޭދަކުރައްވާފައިވެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ، އިއްތިހާދުގެ ޖަލްސާ ބާއްވާނެ ތަނެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އެ ޖަލްސާ ބޭއްވުމަށް ތަނެއް ހަމަޖައްސައިދިނުމަށް އެދި ހައުސިން މިނިސްޓްރީއަށް އެމްޑީޕީއިން ސިޓީ ފޮނުވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ނިޔާޒް ވަނީ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އިލެކްޝަން ކޮމިޝަނުން ހައުސިން މިނިސްޓްރީގައި އެދުނުކަން ފާހަގަކުރައްވާފަ އެވެ.

އިއްތިހާދުގެ ފުރަތަމަ ބޮޑު ޖަލްސާ އޮންނާނީ މާދަމާ ރޭ އެވެ. މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވާ ވާހަކަ ދައްކަވާނެ އެވެ. ނަޝީދުގެ އިތުރުން ވެސް އިނގިރޭސިވިލާތުގެ ތިއްބެވި އިއްތިހާދުގެ ބައެއް އެހެން ލީޑަރުން ވެސް ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.