އިނގިރޭސިވިލާތް

އިނގިރޭސި ބޮޑުވަޒީރު ކަމާ ޓްރީސާ މޭ ހަވާލުވެވަޑައިގެންފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމާ ޓްރީސާ މޭ ހަވާލުވެވަޑައިގެންފި އެވެ. ޓްރީސާ މޭ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ، ޑޭވިޑް ކެމަރަން އެގައުމުގެ ރާނީ، އެލިޒަބަތަށް އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ރާނީގެ ގަނޑުވަރުގައި އޮތް ރަސްމިއްޔާތެއްގައި ޓްރީސާ މޭ ވަނީ ރާނީއާ ބައްދަލުކުރައްވައި، މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ. މޭއަކީ އެގައުމުގެ 76 ވަނަ ބޮޑުވަޒީރެވެ. އަދި ރާނީގެ ޒައާމަތުގައި އެ ގައުމުގެ ބޮޑު ވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި 13 ވަނަ ބޮޑުވަޒީރެވެ.

މޭ އިއްޔެ ވިދާޅުވެފައިވަނީ އީޔޫގައި ދެމިތިބުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، އަދި އަލުން އީޔޫއާ ގުޅުމަށްވެސް ނުވަތަ އަލުން ފެންނަ ނުފެންނަ ވޯޓް ބޭއްވުމަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ. މިދިޔަ މަހު 23 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓްގެ ކުރިން މޭ އަކީ، އިނގިރޭސި ވިލާތް އީޔޫގައި ދެމިތިބުމަށް ތާއިދު ކުރައްވާ ކެމްޕޭން ކުރިއަށް ގެންދެވި ބޭކަނބަލެކެވެ.

"ޔޫކޭ ރައްޔިތުން މިވަނީ އަހަރެމެންނަށް ވަރަށް ސާފްކޮށް ބުނެދީފަ، ރައްޔިތުންގެ ނިންމުމަކީ ކޮބައިކަން. އަހަރެމެން އިޖާބަ ދީފިން އިނގިރޭސި ރައްޔިތުންގެ ނިންމުމަށް އަހަރެމެން ކުރާނީ އިނގިރޭސި ވިލަތުގެ މީހުން ބުނިކަމެއް،" މޭ ވިދާޅުވިއެވެ. "އިނގިރޭސި ރައްޔިތުން އީޔޫއިން ވަކިވާން ނިންމި ނިންމުމަކީ، އެއީ އަހަރެމެންގެ ނިންމުން، އީޔޫއިން ވަކި ވަކިވުމަކީ ކާމިޔާބު ނިންމުމަކަށް ހަދާނަން"

މޭއަށް ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގެންފައިވަނީ ބޮޑުވަޒީރު ކަމުގެ ރޭހުގައި ވާދަކުރެއްވި އެންޑްރޭ ލީޑްސަމް އެ ރޭހުން ވަކިވެވަޑައިގެންނެވުމުންނެވެ.

އާ ސަރުކާރެއް މޭ އެކުލަވާލާނެއިރު، އެ ސަރުކާރުގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ދެއްވާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.