- ދޮޅު އަހަރު ކުރީގެ ބަރުދަން 80 ކިލޯ
- މިހާރުގެ ބަރުދަން 50 ކިލޯ
- ކޮންމެ ދުވަހަކު އެއް ގަޑިއިރު ދުވޭ
ތިޔަ މަސައްކަތް ކުރަނީ ހިކެން ހެއްޔެވެ؟ އެކަންކުރަން ބޭނުން ނަމަ މި ޒުވާނާގެ ވާހަކަ ކިޔާލާށެވެ. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އައިމިނަތު ނަޝްފާ (ނަޝް) ގެ ބަރުދަނަކީ 80 ކިލޯ އެވެ. އޭރު އޭނާ ފަލަވުމުން ހެލިފެލިވެ އުޅެން ދަތިތަކާ ކުރިމަތިވި އެވެ. މި ދަތިކަމަށް އިތުރު ވޭނަކަށްވީ ހިތްދަތި ދިރިއުޅުމެވެ. ބަލިވެ އިނދެ ތަކުރާކޮށް ދިމާވި ސިއްހީ މައްސަލަތަކުގެ އަސަރު އޭނާގެ މުޅި ދިރިއުޅުން ކަޅުކޮއްލީ އެވެ. އޭގެ ފަހުން ހަށިގަނޑު ބަރުވާން ފެށީ އެވެ. ފަލަވާން ފެށީ އެވެ. ހުތުރު މީހަކަށް ބަދަލުވީ އެވެ.
"ކައިވެނީގެ 10 އަހަރު ތެރޭގައި ހަތަރު ފަހަރަށް ބަލިވެއިން. ތިން ވަނަ ޕްރެގްނެންސީގައި ބޯއީއެއް ލިބުނީ. އެކަމަކު ހަ މަހުގައި ނިޔާވީ. އޭގެ ފަހުން ވެއިޓް ދިޔައީ ބަރު ވަމުން. މިހާރުގެ ދަރިފުޅު ޕްރިމެޗްއަ [ދުވަސް ނުފުރާ ވިހެއީ] އޭގެ ފަހުން ވަރަށް ކޮމްޕްލިކޭޓެޑްކޮށް އުޅެން ޖެހުނީ. ވިހެއި ފަހުން ބަރުވާން ފެށީ،" ނަޝްގެ ހަށިގަނޑަށް ބަދަލުތައް އައިގޮތް "އަވަސް" އަށް ކިޔައިދިނެވެ.
ވިހެއުމަށްފަހު، ދަރިފުޅު ގޮވައިގެން އެކަނި އުޅެން ޖެހުން ވެގެން ދިޔައީ ސިއްހަތާ މެދު ވިސްނާލަން ހުއްޓެން ނަޝް އަށް މަޖުބޫރުވީ ސަބަބަށެވެ. ހަށިގަނޑު ބަރުވުމުން ދަރިފުޅު ގެންގުޅުމުގައި ދަތިތަކާ ކުރިމަތިވި އެވެ. ވިހެއުމުގެ ކުރިން 68 ކިލޯގައި ހުރި ނަޝްގެ ހަށިގަނޑު ފަލަވެ، 80 ކިލޯ އަށް ބަރުވުން ވެގެން ދިޔައީ ބޮޑު ބުރަ އަކަށެވެ. މިއާއެކު އޭނާ އަޒުން ކަނޑައެޅީ ދަރިފުޅައްޓަކައި ހިކޭށެވެ. އަމިއްލަ ހިތްހަމަ ޖެހުމަށްޓަކައި ހަށިގަނޑު ލޫޅާފަތިކޮށްލާށެވެ.
"ފުރަތަމަ ދިޔައީ ހިނގަން. މައިންޑް ކްލިޔަ [ހާސްކަން ފިލުވާލަން] ހަމަ ހިނގާލަން ދިޔައީ. އެހެން ކަމަކާ އޭރަކު ނުވިސްނަން. ހިނގާލަން ގޮސް ހިތަށް އެރީ މިއީ ވަރަށް ރަނގަޅު ކަމެކޭ. ދެން ވަރަށް ހިތްހަމަ ޖެހިއްޖެ. މިގޮތަށް ހިނގާލަން ހަފުތާއަކު ދިޔަ އިން،" 31 އަހަރުގެ ޒުވާން މަންމަ ބުންޏެވެ.
ނަޝް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ފެށި ހިސާބަކީ މިއީ އެވެ. އޭގެ ފަހުން އޭނާ ކޮންމެ ދުވަހަކު ފަތިސް ނަމާދު ކޮށްލައިގެން ނުކުންނަނީ ދުވާށެވެ. ކޮންމެ ދުވަހަކު މާލެ ވަށައި ބުރެއް ޖެހުމަކީ އޭނާ އެކަމަށްޓަކައި ލޯބިވީ ކަމަކަށް ހެދި އެވެ.
"ފުރަތަމަ ހިނގަން ފެށުމަށް ފަހު، ދެން ބަލަން ފެށީ ކެއުމަށް. ކެއުން ކޮންޓްރޯލް ކުރަން ފެށީ. ކެއުމަށް ބަލަން ފެށި ފަހުން ވަރަށް ރަނގަޅު ޗޭންޖެއް އަންނަން ފެށީ،" ނަޝް ބުންޏެވެ.
ކެއުމަށް ބަލަން ފެށުމާއެކު ނަޝްގެ ބަރުދަން ލުއިވާން ފެށި އެވެ. ދެން އޮތް ސުވާލަކީ މިހާރު އޭނާގެ ބަރުދަނުގައި ހުރީ ކިހާ ވަރެއް ހެއްޔެވެ؟ ކުރިން 80 ކިލޯ ހުރި މީހެއްގެ ބަރުދަން ފުރިހަމަ ޑައިޓަކާއެމު އެ ވަނީ 50 ކިލޯ އަށް ތިރިކޮށްލާފަ އެވެ. ގާތްގަނޑަކަށް 30 ކިލޯ ލުއިކޮށްލާފަ އެވެ. ތިރީގައި އެ ވަނީ ނަޝް ކެއުމުގައި ބޭނުންކުރާ ބާވަތްތަކެވެ.
- - ހެނދުނުގެ ސައި: ޕީނަޓް ބަޓަރު/ ކްރަންޕީ، ބްރައުން ބްރެޑް
- - ނުވަ ގަޑި 12 ގެ ކުރިން: ދެ ލިޓަރު ފެން
- - މެންދުރު ކެއުން: ބަތާއި ގަރުދިޔަ/ ޕާސްތާ
- - ހަވީރު: ބިސްކޯދު
- - ރޭގަނޑު: ބްރައުން ބްރެޑް/ ސީރިއަލް
- - ކޮންމެ ދުވަހަކު ފަސް ލިޓަރުގެ ފެން (ބޮޑު ފެންފުޅިއެއްގެ)
ނަޝް ހިކިފައިވަނީ ހަމައެކަނި ކާތަކެތި ބަދަލުކޮށްގެންނެއް ނޫނެވެ. ކެއުމުގެ ގަޑިތަކަށް ވެސް ބޮޑު ބަދަލެއް ގެނެސްގެންނެވެ.
ހެނދުނު ސައި ގަޑިއަކީ ހެނދުނު 8:00 - 8:30 އާ ދެމެދު އެވެ. އަދި މެނދުރު ކެއުމުގެ ވަގުތަކީ 1:00 - 1:30 އާ ދެމެދު އެވެ. އަދި ރޭގަނޑުގެ ނާސްތާގެ ވަގުތަކީ ހަވީރު 6:30- 7:00 އެވެ. ކޮންމެ ދުވަހަކު ވެސް ނަޝްގެ އެންމެ ގައިގޯޅި އެއްޗަކަށް ތަރުކާރީ އާއި މޭވާ ހެދި އެވެ. އާއްމުކޮށް އަހަރެމެންގެ ކެއުމުގައި ބޭނުންކުރާ ތެލުލި ގިނަ ތަކެއްޗާ "ޖަންކް ފުޑް" އަދި ހަކުރާ އޭނާ ރުޅިިވީ އެވެ.
އޭނާ ބުނި ގޮތުގައި ހިކެން ފެށުމުގެ އަނެއް ބޭނުމަކީ އެހެން މީހުންނަށް "އިންސްޕިރޭޝަނެއްގެ" ގޮތުގައިވުމެވެ.
"ގިނަ މީހުންނަށް ވަރަށް ގިނަ އިން ތަފާތު ސްޓްރެސް ދިމާވޭ. ބައެއް މީހުން ސްޓެސްވީމަ ކަނީ. އަޅުގަނޑު ހިޔާރުކުރީ ދުވުން. ކަސްރަތު ކުރުމުގެ ފައިދާ ބޮޑުކަން މީހުންނަށް އެނގެން ބޭނުންވީ،" ނަޝް ބުންޏެވެ.
ނަޝް 30 ކިލޯ ލުއިކޮށްލާފައިވަނީ ކޮން ކަޝްރަތެއް ކޮށްގެން ހެއްޔެވެ؟ މިއީ ސުވާލެކެވެ. މި ލަނޑުދަނޑިއަށް އޭނާ ވާސިލްވުމަށް ކޮންމެ ދުވަހަކު އެއް ގަޑިއިރު ދުވަންދާނެ އެވެ. ބަރުދަން ލުއިކުރަން ދުވަން ފެށި ނަޝް މިހާރު މި ވަނީ ޕްރޮފެޝަނަލް ދުވުންތެރިއަކަށްވެފަ އެވެ.
"އާއްމުކޮށް ދުވަން ދަނީ ފަތިހު. ދާއިރު މެޓައެއް ނޫނީ ދޮންކެޔޮ ވަކެއް ކާލައިގެން ދަނީ. އެއީ އެނާޖީ ހޯދުމަށް. ކޮންމެ ދުވަހަކު ވެސް ފަސްކިލޯ މީޓަރު [މާލެ ވަށައި ބުރެއް] ޖަހަން. ފުރަތަމަ ޖެހެނީ 45 މިނެޓުން. އެކަމަކު މިހާރު 30 މިނެޓުން ފައިވްކޭ ޖެހޭ،" ނަޝް ބުންޏެވެ.
ނަޝް ހިކުނީ ހަމައެކަނި ދުވެގެންނެވެ. ނަމަވެސް މިހާރު ޕްރޮފެޝަނަލް ދުވުންތެރިއަކަށްވެ، މި ވަނީ ޖިމަށް ވެސް ދާން ފަށާފަ އެވެ. ރާއްޖޭގައި ބާއްވާ ބޮޑެތި ދުވުންތަކުގައި އޭނާ ދުވެ އެވެ. ރާއްޖޭން ބޭރުގައި އޮންނަ ދުވުންތަކުގައި ވެސް މިވަނީ ވާދަކޮށްފަ އެވެ. ނަޝްގެ މަގުސަދަކީ މެރަތަންއެއްގައި ދުވުމެވެ.
ދެން މި އޮތީ ނަޝް އަށް "މިސް ހެލްތީ" ކިޔަން ފެށުނު ހިސާބެވެ. ހަގީގަތުގައި މި ނަމުން ކިޔަނީ އޭނާއަށް ދިމާކުރުމުގެ ގޮތުންނެވެ. މާބޮޑަށް ހަށިގަނޑަށް ބަލައި، ގަޑިން ގަޑިއަށް ކައި، މާގިނައިން ފެންބޯތީ އޭނާ މަސައްކަތްކުރާ 'އިނަ މޯލްޑިވްސް' ގެ ބައެއް ރައްޓެރިން މި ނަމުން އޭނާއަށް ގޮވަ އެވެ.
"ބައެއް މީހުން ބުނޭ ތި އުޅެނީ މޮޔަ ވެގެންހޭ؟ ކީއްކުރަންހޭ ކޮންމެ ދުވަހަކު ދުވަން ދަނީ؟ އަސްލު ދުވަން ދިޔައީމަ އެ ލިބޭ ހިތްހަމަ ޖެހުން މީހުންނަށް އިހުސާސެއް ނުކުރެވޭ،" ނަޝް ބުންޏެވެ.
ނަޝް ގަބޫލުކުރާ ގޮތުގައި ދުވުމަކީ ބަރުދަން ލުއިކުރުމަށް އެންމެ މުޖައްރިބު ފަނޑިތަ އެވެ. ނަމަވެސް މިއާއެކު ގިނަ އިން ފެން ވެސް ބޯން ޖެހެ އެވެ. މިއީ މުހިންމުކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ވަރަށް ގިނަ އިން ފެން ބޮން. ދުވާލަކު ހަ ލިޓަރު ވަރު ބޮވޭ. ބައެއް ފަހަރު އާމަންޑް ވެސް ކަން،."
ނަޝް ބުނި ގޮތުގައި ހަށިގަނޑަށް އައި ބޮޑު ބަދަލުގެ ސަބަބުން މިހާރު ގިނަ މީހުންނަށް އޭނާ ނޭނގޭ ކަމަށެވެ.
"އާއިލާގެ މީހުންނަށް ވެސް ނޭނގެ މިހާރު. ގިނަ މީހުންނަށް ނުވެސް އެނގެނީ. ބައެއް މީހުން ބުނަނީ ހިތާމަ ކުރަނީހޭ؟ އަޅުގަނޑު ބުނަން ނޫނޭ ހަމަ ދުވަނީއޭ،" ނަޝް ބުންޏެވެ.
ހިކެން ބޭނުންވާ މީހުންނަށް ނިންމާލަމުން ނަޝް ދެނީ ނަސޭހަތެކެވެ. ނަސޭހަތަކީ ފުރަތަމަ އަމިއްލަ ނަފްސު ހިކެން ބޭނުންވުމަށް "މޯޓިވޭޓް" ކުރުމެވެ. އެހެންނޫންނަމަ އެކަންނުވާނެ ކަމަށް އޭނާ ބުނެ އެވެ.
"ފުރަތަމަ އެ މީހަކަށް އެނގޭނީ ހިކޭނީ ކިހާވަރަކަށްކަން. އެ މީހަކު ބޭނުންވާ ވަރެއް ފުރަތަމަ ދެނެ ގަންނަން ޖެހޭ. ދެން އެ މީހަކަށް އެނގޭނީ ކުރިއަށް ދާން. ފުރަތަމަ ޕެޝަނަކަށް އެކަން ހަދަން ޖެހޭ. ކެއުމަށް ވެސް ބަލަން ޖެހޭ."