އަންހެނުންގެ ދުވަސް

ޑރ. ވަސީ: މިސާލު ދެއްކި ޒުވާން މަންމަ

  • ތައުލީމް ހާސިލް ކުރެއްވީ ވިޔަފާރީގެ ދާއިރާއިން
  • ޗާންސެލާ އެވޯޑު ހޯދައި ރާއްޖެއަށް ރީތިނަން ގެނެސްދިން
  • ޝައުގުވެރިވަނީ މާކެޓިން ދާއިރާއަށް

ލީޑަރުންގެ ގޮތުގައި ހަމައެކަނި ތިބެވޭނީ ފިރިހެނުންނަށް އެކަންޏެއް ނޫނެވެ. މިކަން އެނގެނީ މި ފަދަ މިސާލު ތަކުން ނޫން ހެއްޔެވެ؟ ރާއްޖެ އަށް އެންމެ މުހިންމު ވިޔަފާރީގެ ދާއިރާ އިން އެންމެ މައްޗަށް ކިޔަވާ ވިދާޅުވެގެން އެނބުރި ގައުމަށް ވަޑައިގަތީ ވެސް މި ބޭނުމުގަ އެވެ. ޑޮކްޓަރޭޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (ޑީބީއޭ) ނަންގައިގެން ހުންނެވި، ޑރ. މަރިޔަމް ވަސީމާ، އާއްމު ނަމުންނަމަ ވަސީ އެވެ.

"އަޅުގަނޑު ކުރާ ކޮންމެ ކަމެއްވެސް ވަރަށް ކޮމިޓްމަންޓާއި ޑެޑިކޭޝަން ދީގެން ކުރަނީ. ހަގީގަތުގައި ކުރާ ކޮންމެ ކަމެއް ވެސް ކަމާވެގެން ކޮށްފިނަމަ ކާމިޔާބު ވާނެ،" 33 އަހަރުގެ، ޑރ. ވަސީ ވިދާޅުވި އެވެ.

ޑރ. ވަސީ އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ. އަދި އެސްޓީއޯ މެޑިކަލްގައި ވެސް އުޅުއްވި އެވެ. ފުރަތަމަ ކިޔަވަން ދާން ފުރުސަތު ލިބުނީ އެޑިއުކޭޝަންގައި މަސައްކަތް ކުރެއްވި އިރު އެވެ. އޭގެ ފަހުން އެސްޓީއޯގައި އުޅުއްވުމަށް ފަހު ވެސް ކިޔަވަން ދިޔަ އެވެ.

ވަސީ ވަނީ އެސްޓީއޯ މެޑިކަލްސް އާއި ޕްރޮކިއުމަންޓުގައި ވެސް ހިދުމަތް ކުރެއްވައިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ "ސީނިޔަ މެނޭޖަރެއް" ގެ މަގާމުގައި އުޅުއްވި ނަމަވެސް ވަސީއަކީ ވަރަށް މީހުންނާ ރަހުމަތްތެރި، އަދި އިޖުތިމާއީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅެކެވެ. މިގޮތުން އެސްޓީއޯގައި މަސައްކަތް ކުރިއިރު، އެ ކުންފުނީގެ އަންހެން ފުޅުބޯޅަ ޓީމުގެ ގޯލްކީޕަރަކީ ވެސް މިއީ އެވެ. މީގެ އިތުރުން ވަސީއަކީ އެސްޓީއޯގެ ޕްރެޒެންޓަރެވެ. އެ ކުންފުނިން ބާއްވާ ގިނަ އިވެންޓްތައް ހުށަހަޅައި ދެނީ ވެސް ވަސީ އެވެ.

"އެސްޓީއޯގައި އުޅެމުން ޑިސައިޑް ކުރީ ކިޔަވަން ދާން. ކިޔަވަން ވެގެން މެލޭޝިޔާއަށް ބަދަލުވީ. އޭރު ބޭބީއަށް އަށް މަސް. ބޭބީވެސް ގޮވައިގެން އެކޮޅަށް ބަދަލުވީ. މިއީ ބޮޑު ޗެލެންޖަކަށްވީ. ނަމަވެސް ޗެލެންޖު ނަގައިގެން ނިންމީ،" ވަސީ ވިދާޅުވި އެވެ.

ވަސީ ޑީބީއޭ ހާސިލް ކުރެއްވުމަށް ތީސީސް ލިޔުއްވީ، ރާއްޖޭގެ ޓޫރިޒަމާ ގުޅުންހުރި ދާއިރާއަކުންނެވެ. ދެމެހެއްޓެނިވި ޓޫރިޒަމާ ގުޅުން ހުރި ދާއިރާ އަކުންނެވެ. މި ގޮތުން މެލޭޝިޔާގެ ސިޓީ ޔުނިވާސިޓީގައި ތަޖުރިބާ ހޯދުމަށް ރިސާޗް އެސޯސިއޭޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި އެވެ. މި މަސައްކަތް ކުރެއްވީ، އެ ޔުނިވާސިޓީގެ އިސް ޕްރޮފެސަރާއެކުގަ އެވެ.

"އަޅުގަނޑު ބޭނުންވީ ތީސީސް ލިޔަން ރާއްޖެ އަންނަން. ބެލީ ކޮން ދާއިރާއަކުންތޯ ހިދުމަތް ކުރެވޭނީ މަސައްކަތް ކުރެވޭނީ. މިގޮތަށް ބަލާފައި ޓޫރިޒަމް އިންޑަސްޓްރީ ހިޔާރުކުރީ. ނަމަވެސް އަޅުގަނޑަކީ ޓޫރިޒަމް ދާއިރާގައި އުޅުނި މީހަކަށް ނުވާތީ ކޮންޑްރެޓް މޯލްޑިވްސްގައި ވޯކިން އެކްސްޕީރިއަންސް ފުރިހަމަ ކުރީ. މިތަނުގައި އުޅުނުއިރު ވަރަށް ގިނަ މީހުންނާ ބައްދަލުވި، މިއީ ވަރަށް ތަފާތު ތަޖުރިބާއެއް،" ވަސީ ވިދާޅުވި އެވެ.

ވަސީގެ ތީސީސް ވެގެން ދިޔައީ ޔުނިވާސިޓީން ބަލައިގަތް ގަޔާވީ އެއްޗަކަށެވެ. އެހެންވެ ހެލްޕް ޔުނިވަސިޓީން ވަނި ވަސީ އަށް "ވައިސް ޗާންސެލާ" އެވޯޑު ވެސް ދީފަ އެވެ. މިއީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ޒުވާނަކަށް ލިބުނު ރީތި ނަމެކެވެ. ގާތްގަނޑަކަށް 700 އަށްވުރެ ގިނަ ކުދިންގެ ތެރެއިން ޗައިސް ޗާންސެލާ އެވޯޑު ވަސީ އަށް ލިބުން މިއީ ބޮޑު ކާމިޔާބެކެވެ.

"ތީސީސް އަށް ލިބުނު އެވޯޑާއެކު ގްރެޖުއޭޓްވީ. މިއީ ލިބުނު ބޮޑު ފަހުރެއް. މީގެ އިތުރުން ގްރެޖުއޭޝަންގައި ކުދިންގެ ފަރާތުން ވާހަކަ ދައްކަން ލިބުމަކީ ވެސް ކުރިއެރުމެއް،" ވަސީ ވިދާޅުވި އެވެ.

ވަސީ ގަބޫލު ކުރައްވާ ގޮތުގައި ކާމިޔާބު މީހަކަށްވާނީ ކަމަށްކަމޭ ހިތައިގެން އެ ކަމެއް ކޮށްގެންނެވެ.

"އެންމެ އެހީވީ މަންމަ، ބައްޕަ، ފިރިމީހާ"

ވަސީގެ މި ކާމިޔާބީގައި ގިނަ ބައެއްގެ އެހީތެރިކަން ލާމެހެ އެވެ. މި ހުރިހައި މީހުންގެ އެހީނުލިބުނުނަމަ މި ކާމިޔާބު ނުލިބޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ސަބަބުންތައް ވެސް ގިނަ އެވެ.

"މަންމަ އާއި ބައްޕަ ވަރަށް އިސްކަމެއް ދިން ހުރިހާ ކުދިންނަށް ވެސް ކިޔަވައިދޭން. ފިރިމީހާ ވެސް ވަރަށް ސަޕޯޓް ދިން. ފައިނޭންޝަލީ ވެސް. ދައްތަ ވަހީއްތަ އާއި އަރުޝީ އަދި ނާސިރާގެ އެހީ ވަރަށް ލިބުނު. ފެމެލީ ވަރަށް އެހީތެރިކަން ވަރަށް ބޮޑަށްލިބުނު. އެހެންނޫންމަ މި ކާމިޔާބީ ހޯދަން ދަތިވީސް،" ވަސީ ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ގަބޫލުކުރަން ކޮމިޓްމަންޓާއި ޑެޑިކޭޝަން މިއީ އެންމެ މުހިންމުކަންކަން. އަބަދު ބަލާ ހޯދަން ކާމިޔާބު މީހުން. އެ މީހުންގެ ކާމިޔާބީ ބަލަން. އެކަމަށް ކުރި މަސައްކަތް ވެސް ބަލަން،"

ކިޔެވުމުގައި ތިމާގެ ވަށައިގެންވާ އެއްޗެއް ދަސްކުރުމަކީ މުހިންމު ކަމެއްކަމަށް ވަސީ ގަބޫލުކުރައްވަ އެވެ. ހަމައެކަނި ފޮތުން ބަލައި ހިތުދަސް ކުރުމަކީ ކިޔެވުން ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ފޮތުން ކިޔަވާ އެއްޗެއް ތިމާގެ ވަށައިގެންވާ ކަންކަމުގައި ބޭނުން ނުކުރެވޭ ނަމަ ކިޔެވުމުގެ ބޭނުމެއް ނެތް ކަމަށް ވަސީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހުރި ދާއިރާއިން ނުފެނުނު ނަމަ އެންމެ ފެނުން ގާތީ، މާކެޓިން ދާއިރާއިންނެވެ. މިއީ އަބަދު ވެސް ކުރާ ހިތްވާ ކަމެކެވެ.

"ވަރަށް ދަތިވޭ އިށީން ދެގެން އިންނަ ވަޒީފާތައް އަޅުގަނޑު. ބޭނުވަނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ކަހަލަ ވަޒީފާތައް. އެ ކަހަލަ ވަޒީފާ އަދާކުރާ ހިތް ވަނީ ވެސް،" ވަސީ ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑާއި މޯލްޑިވްސް ޑިވްލޮޕްމަންޓް ރިސާޗް އިންސްޓިޓިއުޓްގެ ޗެއާޕާސަންކަންވެސް ކުރައްވާ ވަސީއަށް އެންމެ މުހިންމު ބަޔަކީ އާއިލާ އެވެ.

ބިޒީކޮށް އުޅުނު ނަމަވެސް އާއިލާއަށް އިސްކަންދެ އެވެ. އެހެންވެ ވަސީ ކޮންމެ ދުވަހަކު ވެސް ގިނަ ވަގުތު ދަރިފުޅާއެކު ހޭދަކުރެ އެވެ. މިއީ އެންމެ އިސްކަމެއްދޭ ކަމެމެވެ.

މި ހުރިހާ ކާމިޔާބީއަކާއެކު، ޒުވާނުންނަށް ދެނީ މެސެޖެެވެ. އެ މެސެޖަކީ ކޮންމެކަމެއްވެސް ނިކަން ކަމާވެގެން ކުރުމުގެ ނަސޭހަތެވެ. ކުރާ ކޮންމެ ކަމެއްވެސް ޕެޝަންގައި ކުރުމެވެ. އޭރުން ކާމިޔާބުވާނެ ކަމުގެ މިސާލަކަށް ވަސީ ނުފުދޭ ހެއްޔެވެ؟