ހަބަރު

މުސްތޮފާ ލުތުފީގެ "ސަންފަ އާއި މޫސަ" ނެރެފި

Jul 14, 2016
2

ކުރީގެ މިނިސްޓަރު އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުސްތޮފާ ލުތުފީ އަލަށް ލިޔުއްވެވި ވާހަކަ ފޮތް "ސަންފަ އާއި މޫސަ: ލޯބިން ފަރު" ނެރެފި އެވެ.

ގައުމީ ކުތުބުހާނާގެ އާޓް ގެލަރީގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ފޮތުގެ އިތުރުން، "ލޯބިން ފަރު" ގެ ނަމުގައި ވެބްސައިޓެއް ވެސް ލޯންޗް ކުރި އެވެ. ލޯބިން ފަރަކީ، މުސްތޮފާ ލުތުފީ ލިޔުއްވެވި ވާހަކައާ ގުޅުވައިދިފައިވާ ރަށަށް މުސްތަފާ ދެއްވާފައިވާ ހިޔާލީ ނަމެކެވެ.

ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ "ލޯބިން ފަރު" ވެބްސައިޓް މެދުވެރިކޮށް ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއި ލޯބީގެ ކަންކަމުގައި ކައުންސިން ފޯރުކޮށް ދެއްވާނެ ކަމަށެވެ.

"ލޯބީގެ މައިދާނުގައި ކުރިމަތިވާ މައްސަލަތައް ހައްލު ކުރާނެ ގޮތުގެ މަޝްވަރާތައް ދެވޭނެ ބައްދަލު ކޮށްގެންނާއި ފޯނުން ގުޅައިގެން ވެސް އެކަންކަމުގެ މަޝަވަރާ ފޯރު ކޮށްދޭނަން،" މުސްތޮފާ ވިދާޅުވި އެވެ.

"ސަންފަ އާއި މޫސަ: ލޯބިން ފަރު" ވާހަކަ ފޮތް ނެރެއްދެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. ފޮތް ނެރެ ދެއްވުމަށްފަހު އީވާ ވިދާޅުވީ، ވޭތު ވެދިޔަ ދެތިން އަހަރު މުސްތޮފާ ލުތުފީ ހޭދަ ކުރެއްވީ ސީޔާސީ ދާއިރާގެ މަގުމަތީގެ ހަރަކާތްތަކުގައި ކަމަށާއި އެކަމަކު މިފަދަ މަސައްކަތަކަށް ވަގުތު ހޯއްދެވުމުން ހައިރާންވެ ވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ އެ ހުރިހާ ސިޔާސީ ހަރަކާތްތަކެއްގައި އުޅުއްވަމުން، މިފަދަ ފުރިހަމަ ވާހަކަ އެއްގެ މަސައްކަތް ކުރެއްވީ ކިހިނެއްތޯ؟" އީވާ ވިދާޅުވި އެވެ. "މިވާހަކަ ކިޔައި ލުމުން އަޅުގަނޑަށް އެނގުނީ، ސީޔާސީ ހަރަކާތްތަކުގައި މިކުރާ މަސައްކަތްތަކަކީ ވެސް ލޯތްބަށްޓަކައި ކުރާ މަސައްކަތެއް ކަން. އެއީ ގައުމާ މެދު ވެވޭ ލޯބި، ކުރިމަގަށްޓަކައި އުންމީދެއް އޮވެގެން، އުންމިދަށްޓަކައި ވެވޭ ލޯބި،"

ރޭގެ ރަސްމިއްޔާތުގައި ހާއްސަ މެހެމާނުންގެ ގޮތުގައި އީވާއާއި މުސްތަފާގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި، ކުރީގެ މެންބަރު އިލްޔާސް ލަބީބު އާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ޅެންވެރިޔާ މުހައްމަދު އާމިރު (ފަރެސް) ސޮއި ކުރައްވާފައިވާ ފޮތެއް ވަނީ ނީލަން ކިޔައި 5000 ރ. އަށް ވިއްކާލާފަ އެވެ.

މުސްތޮފާ ވަނީ މީގެ ކުރިން ވެސް ހަތަރު ވާހަކަ ފޮތެއް ލިޔުއްވާފަ އެވެ.