ހަބަރު

ޖަލްސާ ބާއްވަން އެމްޑީޕީއަށް ދިން ހުއްދަ ބާތިލްކޮށްފި

Jul 14, 2016
12

ކާނިވާ ސަރަހައްދުގައި އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ތައްޔާރީތައް ވަމުން ދަނިކޮށް، އެ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް އެމްޑީޕީއަށް ދީފައިވާ ހުއްދަ ހައުސިން މިނިސްޓްރީ އިން މިއަދު ބާތިލްކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ ކާނިވާ ސަރަހައްދުގައި މިރޭ ޖަލްސާއެއް ބޭއްވުމަށް ހުއްދަ ދިނީ އެމްޑީޕީ އަށް އެކަނި ކަމަށެވެ. އަދި އެމްޑީޕީއަށް އެ ހުއްދަ ދިން އިރުވެސް، އެ ސަރަހައްދު އެހެން ފަރާތަކަށް ދޫނުކުރުމަށް އެމްޑީޕީއަށް ޝަރުތު ކުރި ނަމަވެސް، އިދިކޮޅު އިއްތިހާދު ކިޔާ ބައެއްގެ ޖަލްސާއެއް އެ ސަރަހައްދުގައި ބޭއްވުމަށް އެމްޑީޕީގެ ފަރާތުން އިއުލާން ކުރި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެއީ އެ ސަރަހައްދު ދޫކުރުމުގެ އުސޫލާ މުޅިން ހިލާފަށް އެ ޕާޓީ އިން ކުރި ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، އެމްޑީޕީ އިން ހުއްދަ ނަގައިގެން "އިދިކޮޅު އިއްތިހާދު" ކިޔާ ބަޔަކު އެ ތަނުގައި ޖަލްސާއެއް ބޭއްވުމަކީ ހަމަޖެހުން ނަގާލުމަށް ކުރާ ކަމެކެވެ. މުއިއްޒު ވިދާޅުވީ އިދިކޮޅު އިއްތިހާދަކީ އެއްވެސް ތަނެއްގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ނޫން ކަމަށާއި އެއީ ސަރުކާރުން ބަލައިގަންނަ ޖަމާއަތެއް ވެސް ނޫން ކަމަށެވެ. އަދި އެމްޑީޕީއަށް ދިން ފުރުސަތެއްގައި އެފަދަ ބަޔަކަށް ޖަލްސާއެއް ބާއްވަން ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހުއްދައެއް ނެތް މިހާރު އެތަނުގައި ބާއްވާކަށް. ގައިރު ގާނޫނީ ގޮތުން އުފައްދައިގެން އުޅޭ ޖަމިއްޔާއެއްގެ ބައްދަލުވުންތައް ބާއްވާކަށް ދިވެހިރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއްވެސް ސަރުކާރުން ނުދޭނަން. ނަމަވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ސުލްހަވެރި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ސަރުކާރުން ހުއްދަ ދޭނަން. އެހެންވީމާ މިރޭ ބާއްވާ ބައްދަލުވުން ނުބޭއްވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އިއްތިހާދުގެ އެހެން ފަރާތްތައް ވާހަކަ ދައްކަވާ ގޮތަށް މިރޭ ބާއްވާ ޖަލްސާ އަކީ ރާއްޖޭގައި އިދިކޮޅި އިއްތިހާދު އިފްތިތާހު ކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.

މިނިސްޓަރު މުއިއްޒު އަދި ވިދާޅުވީ، ޔުނައިޓެޑް އޮޕޮޒިޝަން އަކީ އިލެކްޝަން ކޮމިޝަންގައި ވެސް ރަޖިސްޓްރީ ކޮށްފައިވާ ޖަމްއިއްޔާއެއް ނޫން ކަމަށެވެ. އަދި އިލެކްޝަންސް އިން ވެސް ހުއްދަ ދީފައި ވާނީ އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް ކަމަށާއި މިރޭ ބާއްވާ ޖަލްސާއަށް އެކޮމިޝަނުން ވެސް ހުއްދައެއް ދީފައި ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ އެ ނިންމުމާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ، ޗެއާޕާސަން އަލީ ނިޔާޒް ވިދާޅުވީ، ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަނީ އެމްޑީޕީ އިން އިންތިޒާމް ކޮށްގެން، އިދިކޮޅު އިއްތިހާދު ވެސް ބައިވެރިވެގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. އަދި އެ ޕާޓީ އިން އެ ޖަލްސާ އިއުލާން ކުރީ އެގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހައުސިން މިނިސްޓްރީއަށް އޮޅިވަޑައިގެންފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، "ޕްލޭން ބީ"އަށް ގޮސްގެން ވެސް އެ ޖަލްސާ ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިނގޭ މިހެން މިކަން ވާނެކަން ވެސް،" ނިޔާޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އުސޫލުތަކުގެ ބޭރުން ކަންކަން ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށާއި ކާނިވާ ސަރަހައްދުގައި މިރޭ ޖަލްސާއެއް ބާއްވަން އުޅުނީ އެތަން ދޫކުރި މަގުސަދާ މުޅިން ހިލާފަށް ކަމަށެވެ. އަދި މި ސަރުކާރަކީ ހަމަނުޖެހުމަށް ޖާގަ ދޭނެ ސަރުކާރެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން ގައުމާ މެދު ނުވިސްނި ނަމަވެސް، ރައީސް އަބްދުﷲ ޔާމީން ގައުމާ މެދު ވަރަށް ފުންކޮށް ވިސްނަވައި ގައުމުގެ ރައްޔިތުންނަށް ލާބަހުރި ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެ ފަރާތްތަކުން ގައުމާ މެދު ނުވިސްނި ނަމަވެސް، ރައީސް ޔާމީން ގައުމާ މެދު ވިސްނަވާ،" މުއިއްޒު ވިދާޅުވި އެވެ.