ސަރުކާރު ހިންގާ ކޯލިޝަން ޕާޓްނަަރުންގެ މެދުގައި ހިޔާލު ތަފާތުވި ނަމަވެސް ރޫޅޭ ހިސާބަކަށް ނުދާނެ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ކޯލިޝަންގެ ދުޝްމަނަކަށް ވެސް ނުވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށްވާއިރު ރައްޔިތުން މިފަހަރު ވެސް ކޯލިޝަން ހިޔާރު ކުރީ އަމާންކަމާއި އޮމާންކަމާއެކު ގައުމު ހިންގާނެ ކަމަށް އުންމީދުކޮށްގެން ކަމަށެވެ. ތަފާތު ފިކުރުތަކުގެ ޕާޓީތަކެއް އެކުގައި މަސައްކަތް ކުރާއިރު ދެބަސްވުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް އެގޮތުގައި ވެސް ކޯލިޝަން ރޫޅާ ނުލާ، ހައްލެއް ހޯދުމަށް އެއްބަސްވެގެން ކުރިޔަށްދާން ނިންމާފައިވާ ކަމަށެވެ. އަދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކޯލިޝަން ސަރުކާރަށް އައުމުގެ ކުރިން އަދި މިހާރު ވެސް ޕާޓީތައް ގޮވައިގެން މަސައްކަތް ކުރާ ބޭފުޅެއް ކަމަށާއި އެ ގާބިލުކަން އެމަނިކުފާނުގައި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
"ޕާޓީތަކެއް މި ތިބީ ކޮންމެ ޕާޓީއަކީ ވެސް ފިކުރުގެ ގޮތުން ތަފާތު ޕާޓީއެއް، އެއްބަސްވެވިގެން ކުރިޔަށް ދެވޭތީ ހުރިހާ އެންމެން ވެސް ސަރުކާރުގައި މިތިބީ، މިއަދު އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރައްޔިތުންލި ވޯޓަކީ ހަމަޖެހުމަށާއި ސުލްހަ މަސްލަހަތަށް، އަޅގުަނޑުމެން އެންމެން ވެސް މަސައްކަތް ކުރަންވީ މި ސަރުކާރު ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއެކު ބޭއްވުމަށްޓަކައި،" އަލީ ވިދާޅުވި އެވެ. "މި ކޯލިޝަންއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ވަރުގަދަ އަދި އެންމެ ބަދަހި ކޯލިޝަން، އަދި އެންމެ ގިނަ ދުވަހު ހިފެހެއްޓިވެސް ކޯލިޝަން،"
އަލީ ވަހީދު މިހެން ވިދާޅުވި ނަމަވެސް ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތާ މެދު ކޯލިޝަންގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އިންތިހާބަށް ތިން މަހަށްވެފައިވާ އިރު އަދިވެސް އެ މައްސަލާގައި ޕާޓީތަކުގެ ލީޑަރުންނަށް ވަކި ގޮތެއް ނުނިންމެ އެވެ. މައްސަލަ ދިގުލައިގެން ދާ ވަރަކަށް ކޯލިޝަންގެ އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ދެމެދު މައްސަލަތައް ޖެހެމުން އަންނަ ކަމަށް ވަނީ އަޑުއަރާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަލީ ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދެ ވާހަކައެއް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމްއަށް ދަންނަވާފައި ކަމަށެވެ. އެއް ކަމަކީ އެއްވެސް ހާލެއްގައި އެމްޑީޕީގައި ނުޖަހާނެ ކަމަށާއި ދެވަނަ ކަމަކަށް ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ ޕާޓީއާ ގުޅިވަޑައިގަތީ އެ ހުރިހާ ކަމަކަށް ގާސިމް އަށް ވެސް އެއްބަސްވެވޭތީ ކަމަށް އަލީ ވިދާޅުވި އެވެ.
"އަޅުގަނޑު އެމްޑީޕީގައިގަ ނުޖަހާނަން، އެކަމެއް ނުވާނެ އެކަމެއް ނުކުރާނަން، އެއީ އަޅުގަނޑު ވަރަށް ގިނަ އަހަރު މަަސައްކަތް ކުރި ޕާޓީއެއް އަދި އަޅުގަނޑު ވަރަށް ލޯބިވާ އަންމު މެންބަރުން ތިބި ޕާޓީއެއް، އަދި އެ ޕާޓީގެ ވެރިން ވެސް އެއީ ކޮލީގްސް،" އަލީ ވިދާޅުވި އެވެ.
ގާސިމްއަކީ ގައުމަށް ބޮޑެތި ގުރުބާނީތަކެއް ވެފައި ހުރި ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ މި ކޯލިޝަން ރޫޅާލާނެ ބޭފުޅަކަށް މިފަހަރު ނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ. އަދި އެމަނިކުފާނަކީ ކޯލިޝަންގެ ޕާޓީތަކަށް ދުޝްމަނަކަށް ވެސް ވެވަޑައި ނުގަންނަވާނެ ކަމަށާއި ހުރިހާ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރާނެ ބޭފުޅަކަށް ވާނެ ކަމަށް އަލީ ވިދާޅުވި އެވެ.
"އަޅުގަނޑު މާ ކަންބޮޑެއް ނުވޭ އިންގޭތޯ އަޅުގަނޑު ދެކޭ ގޮތުގައި ކޯލިޝަންގެ ތެރެއަކު މާ ބޮޑު މައްސަލައެއް ނެތް، އަދިވެސް އޮތީ ވަރަށް ބަދަހިކޮށް، ސަރުކާރަށް ލޮޅުމެއް އަރާނެ އެއްވެސް ކަމެއް ވިއަކަ ނުދޭނަން،" އަލީ ވިދާޅުވި އެވެ.
ގިނަ ޕާޓީތަކެއް އެކުލެވޭ ގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގެ ތެރޭގައި ހެދި ކޯލިޝަން ސަރުކާރުން އެންމެ ފުރަތަމަ ނިކުތީ ޖުމްހޫރީ ޕާޓީ އެވެ. އެއަށް ފަހު 2013 ވަނަ އަހަރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެސް އެ ކޯލީޝަނާއެކު ވެރިކަމަށް އައި ނަމަވެސް ޖުމްހޫރީ ޕާޓީ ވަނީ ވަރަށް ކުރިން އެ ކޯލިޝަނާ ވަކިވެފަ އެވެ. ނަމަވެސް މިފަހަރު ފެށުނީއްސުރެ އެ ޕާޓީގެ ލީޑަރު ގާސިމް ވެސް ވިދާޅުވާ ގޮތުން ކޯލިޝަންގެ ތެރެއިން ނިކުންނާނެ ބަޔަކަށް އެ ޕާޓީ ނުވާނެ އެވެ.