ކުނި މެނޭޖް ކުރުން

ކުނި މެނޭޖް ކުރުމާބެހޭ ބޮޑު މަހާސިންތާއެއް ފަށަނީ

ކުނި މެނޭޖްކުރުމަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް މަޝްވަރާކޮށް އެކަން ކަމަށް ބޭނުންވާ ހައްލު ހޯދުމުގެ ގޮތުން ރާއްޖޭގެ ފަސް ރަށެއް ފިޔވައި ހުރިހާ ރަށަކުން މަންދޫބުން ބައިވެރިވާ ބޮޑު މަހާސިންތާއެއް ބާއްވަން ތިމާވެއްޓާބެހޭ މިނިސްޓްރީން ނިންމައިފި އެވެ.

"ސާފު ރާއްޖެ" ޝިއާރުގެ ދަށުން މި މަހާސިންތާ ބާއްވަން ނިންމާފައިވަނީ މިމަހުގެ 17 އިން 19 އަށް ދަރުބާރުގޭގަ އެވެ. އެންވަޔަރަަމަންޓް މިނިސްޓްރީން ބުނީ، މަހާސިންތާގައި 175 ރަށަކުން 350 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށެވެ.

މަހާސިންތާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުނި މެނޭޖްކުރުމާބެހޭ ބޮޑު މަހާސިންތާއެއް ބާއްވަން ނިންމީ ކުނީގެ މައްސަލައަކީ މިވަގުތު ރާޢްޖެއަށް ދިމާވެފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން، އެ މައްސަލައަށް ހައްލެއް ގެންނަން މުޅި ރާއްޖެ ހިމަނައިގެން މަސައްކަތް ކުރަން ކަމަށެވެ.

ކުނި މެނޭޖްކުރުމާބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާއިރު އެ ގާނޫނު އެކުލަވައިލުމަށް މިނިސްޓްރީން މިހާތަނަށް އެކުލަވާލާފައިވާ ލިޔުންތަކާއި، ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މަހާސިންތާގައި މަޝްވަރާކުރާނެ އެވެ. އަދި ކުނިމެނޭޖްކުރުމާބެހޭ ގަވާއިދު އިސްލާހު ކުރަން މަންދޫބުންގެ މެދުގައި މަޝްވަރާކުރުން މަހާސިންތާގެ އެޖެންޑާގައި ހިމަނާފައި ވެއެވެ. އެ މަސައްކަތަތަކުގެ ތެރެއިން އަތޮޅު ފެންވަރުގައި ކުނި މެނޭޖްކުރުމާއި ރަށުފެންވަރުގައި ކުނި މެނޭޖްކުރުމަށް ވެސް ޕްލޭންތަކެއް އެކުލަވާލާނެ އެވެ.

މިނިސްޓަރު ވިދާޅުވީ، މަހާސިންތާގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ ބައިވެރިވާ މަންދޫބުންނަށް މަހާސިންތާއިން ދޭ މައުލޫމާތުތައް އެމީހުން ރަށްރަށަށް ގޮސް ބަދަލެއް ގެނައުން ކަމަށެވެ. އަދި ވިދާޅުވީ އެކަން ކާމިޔާބުކުރެވޭނެ ކަމަށާއި، ރާއްޖެ ސާފު ރާއްޖެއަކަށް ބަދަލުކުރުމަށް ކުރަން ނިންމާފައިވާ ކަންކަން ކާމިޔާބު ވެއްޖެ ނަމަ ބައިނަލް އަގުވާމީ ގޮތުން ވެސް ރާއްޖެއަށް ތިމާވެށީގެ ދާއިރާއިން ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާނެ ކަމަށެވެ.

"ފާއިތުވެދިޔަ އަހަރުތަކުގައި ކުނި މެނޭޖްކުރުމަށް މަސައްކަތަކެއް ނުކުރެވިފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން ތިމާވެށި ވަރަށް ނުރައްކާތެރި ހާލަތަކަށް މިވަނީ ގޮސްފައި އެހެންކަމުން ކުނި މެނޭޖްކޮށް ކުނީގެ ސަބަބުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް މަސައްކަތެއް. މި ސަރުކާރުން އެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި މިދަނީ ކުރަމުން،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަހާސިންތާގެ ތެރެއިން މާލޭގެ ކުނި މެނޭޖްކުރާނެ ގޮތުގެ ޕްލޭން ފައިނަލްކުރާނެ ކަމަށާއި ސާފު ރާއްޖެ ކެމްޕެއިން އިތުރަށް ޕްރޮމޯޓްކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ސްކޫލްތަކާއި ސްކޫލް ކުދިންނާ ގުޅިގެން ކުނި ނަގައި ކުނި މެނޭޖްކުރުމަށް މަސައްކަތު ޕްރޮގްރާމްތައް އެކުލަވާލައި މަސައްކަތްތައް ފަށާނެ ކަމަށެވެ.