އަހުމަދު ތޯރިގް

އެފްއޭއެމަށް އަންނަނީ ސިޔާސީ މީހެއްތޯ ކޯޗް ބަލާކަށް ނުޖެހޭ: ޓޮމް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ވަކިވުމަށްފަހު ރައީސް އަހުމަދު ތޯރިގް (ޓޮމް) އަށް އަމާޒުކޮށް ކޯޗު ދެއްކި ވާހަކަތަކަށް ޓޮމް މިއަދު ރައްދު ދެއްވައިފި އެވެ.

އެފްއޭއެމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ އޭނާ އުޅެނީ ސިޔާސީ ކަންކަމުގައި ކަމަށް ބުނެ ކުރީގެ ގައުމީ ކޯޗު ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"އަޅުގަނޑާ ކޯޗާ ދިމާވީ ވެސް އެންމެ ދުވަހަކު. އަޅުގަނޑުމެން [އިންތިހާބުވިތާ] ދެ ވަނަ ދުވަހު ކޯޗު އެދުނީ އޭނާ މަގާމު ދޫކޮށްލަން. އެއަށްފަހު އޭނާ ފުރައިގެން ދިޔައީ. އެހެންވީމާ އަޅުގަނޑު އެސެސްކޮށްލާކަށް ކޯޗަށް ވަގުތެއް ނުލިބޭ އެފަދަ ވާހަކަތަކެއްް ދެއްކިއިރު،" ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ކުރީގެ ފޯވަޑް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެފްއޭއެމަށް އިންތިހާބުވަނީ ކޮންކަހަލަ މީހަކުތޯ ބެލުމަކީ ކޯޗްގެ ޒިންމާއެއް ނޫން ކަމަށެވެ.

"ކޯޗު ބަލާކަށް ނުޖެހޭނެ މިތަނަށް [އެފްއޭއެމަށް] އަންނަނީ ސިޔާސީ މީހަކުތޯ ނުވަތަ ނޫންތޯ. އަދި ސަރުކާރާ އެއްކޮޅު މީހަކުތޯ ނޫންތޯ. އެއީ ކޯޗަކުގެ ޒިންމާއެއް ނޫން. އަޅުގަނޑަށް ކޯޗު އިސްތިއުފާދީފައި ގޮސް ދެއްކި ވާހަކަތަކުން ދޭހަވީ ކޯޗުގެ ވިސްނުން ހުރީ އެފްއޭއެމުގެ އިލެކްޝަނަށް ކަމަށް. ގައުމީ ޓީމަށްނޫން ފޯކަސް ހުރީ،" ޓޮމް ވިދާޅުވި އެވެ.

ގައުމީ ކޯޗުކަމުން ވަކިވެ، އެނބުރި ގައުމަށް ގޮސް ހާބްޓް، 55، ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމުގެ އިންތިހާބު ނުބޭއްވި ދިގުލައި ދިއުމުން ގައުމީ ފުޓްބޯޅަ އިދާރާ އޮތީ ހުއްޓިފައި ކަމަށާއި މަސައްކަތް ކުރަން އުނދަގޫވި ކަމަށެވެ. އަދި އޭނާ އަށް އެފްއޭއެމުން އެއްވެސް ކަމެއް ކޮށްނުދޭ ކަމަށާއި ޓޮމްގެ ވިސްނުން ހުރީ ސިޔާސީ ކަންކަމަށް ކަމަށެވެ.